14:30


ކ. މާފުށީ ޖަލުގެ މިހާރުގެ ހާލަތު ބަޔާންކޮށް، މަޢާފް ދިނުމާއި އަދަބު ލުކޮށްދިނުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގައިދީން ޕެޓިޝަނެއް ހުށަހަޅައިފި އެވެ.


މާފުށީ ޖަލުގައި ތިބި 236 ގައިދީން ސޮއިކޮށް ރައީސް އަށް ފޮނުވާފައިވާ އެ ޕެޓިޝަންގައި ބުނެފައި ވަނީ ދުވަހަކު ވެސް ދަށަށް ނުދާވަރަށް ޖަލުތަކުގެ ހާލަތު ދަށްވެފައިވާ ކަމަށާއި ގިނަ އަސާސީ ޚިދުމަތްތަކެއް ލިބެމުންނުދާ ކަމަށެވެ. ސަންއެފްއެމަށް ވެސް ކޮޕީ ލިބިފައިވާ އެ ޕެޓިޝަންގައި އަދި ބުނެފައި ވަނީ ރަނގަޅު ސިއްހީ ފަރުވާ ގައީދީންނަށް ލިބެމުންނުދާ ކަމަށާއި އަދި ގައިދީން އުޅުމަށް ރަނގަޅު ވެއްޓެށް ވެސް ނެތް ކަމަށެވެ.


މީގެ އިތުރުން ވެސް ގައީދީންނަށް ލިބެމުންނުދާ ތަފާތު އަސާސީ ޚިދުމަތްތައް ފާހަގަކޮށްފައިވާ އެޕެޓިޝަންގައި ވަނީ މިސަރުކާރު ބަދަލު ވީއިރު ލިބެމުންދިޔަ ހައްގުތަކާއި އިނާޔަތްތަކުގެ ތެރެއިން މިހާރު ލިބެމުންނުދާ ނުވަ ކަމެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ނަމާދު ކުރުމުގެ ފުރުސަތު ލިބިފައިނުވުމާއި، ކުރީގައި އެ ތަނުގައި ހައިޖިންގެ މައްސަލައެއް ނެތްއިރު މިހާރު އެތަނުގައި އެބާވަތުގެ މައްސަލަތައް ގިނަކަން ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުން ކަރަންޓް ޚިދުމަތް ތަކުގެ ތެރެއިން ބޮކި، ފަންކާ ފަދަ ތަކެތި ފޯރުކޮށްދީފައިވާއިރު މިއަދު އެ ކަންތައްތަކުން މަހްރޫމްވެފައިވާ ކަމަށާއި އަދި ރޭގަނޑު އުޅެން ޖެހިފައި ވަނީ ކަނުއަނދިރީގައި ކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.


ރައީސް ނަޝީދަށް ގައިދީން ފޮނުވާފައިވާ އެޕެޓިޝަންގައި ބުނެފައި ވަނީ މި ސަރުކާރު ވުޖޫދަށް އައުމުގެ ކުރިން، ދިވެހި ޖަލުތަކުގައި ހިންގާ ލާއިންސާނީ ޖަރީމާތަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަންތައްތައް ހުއްޓުވުމަށް އަނިޔާ ލިބެމުންދިޔަ ދިވެހި ޒުވާނުންގެ ހައްގުގައި ދުނިޔޭގައި ފެންވަރުގައި ވަކާލާތު ކުރަމުން އައި ސަރުކާރެއް ކަމަށެވެ. އަދި ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތްތާ 48 ގަޑިއިރު ނުވަނީސް ރައީސްގެ ފަރާތުން ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީ ޖަލަށް ވަޑައިގެން ދެ ހަފްތާއެއްހާ ދުވަސް ތެރޭ ހުރިހާ ގައިދީން ތިބޭނީ ގޭގައި ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ. އަދި ފަހުން ގައިދީން ދޫކޮށްލުމުގައި ދަތިތަކެއް އުޅޭ ކަމަށް ރައީސް ވިދާޅުވެ، ތިންމަސް ދުވަހަށް ހިތްތިރިކޮށްފައި މަސައްކަތް ކުރުމަށް ވިދާޅުވި ކަމަށެވެ. އަދި އަނެއްކާ ވެސް ބައެއް ގައިދީން ރައީސް އަށް ސިޓީއެއް ފޮނުވުމުން ރައީސް ވިދާޅުވެފައިވަނީ ކުށްވެރިންނަށް މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުންދާ ކަމަށް ވިދާޅުވެ، އެބިލު ނިމުނުހާ އަވަހަކަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.


ގައިދީން ވަނީ ޕެޓިޝަންގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތް ކުރައްވައި، ކޮންމެ ކުށްވެރިއަކަށް ދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ފުރުސަތަށް އެދި އިލްތިމާސްކުރާ ކަމަށް ބުނެފަ އެވެ.


ރައީސް އޮފީހަށް ފޮނުވާފައިވާ އެ ޕެޓިޝަންގެ ކޮޕީ ވަނީ ރައްޔިތުންގެ މަޖިލީހަށާއި، ހިއުމަންރައިޓްސް ކޮމިޝަނަށާއި ސިޔާސީ ޕާޓީ ތަކަށާއި މީޑިއާ އަށް ވެސް ފޮނުވާފަ އެވެ.


މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.