25 Nov 2021, 08:42
ސްވިޑަންގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރު އޭނާ އެ މަގާމަށް އައްޔަންކުރިތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭ އިސްތިއުފާ ދީފިއެވެ.
މަގްޑަލޭނާ އެންޑާސަން އެ މަގާމަށް އައްޔަންކުރީ އިއްޔެއެވެ. ނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭ އޭނާ އިސްތިއުފާ ދިނީ ކޯލިޝަންގައި ހިމެނޭ ޕާޓީއެއް ސަރުކާރާ ދެކޮޅުވެ ކޯލިޝަނުން ވަކިވުމުގެ ސަބަބުންނެވެ. އަދި އޭނާ މަޖިލީހަށް ހުށަހެޅި ބަޖެޓު ފާސް ނުވުމުންނެވެ.
"އަޅުގަނޑު ބުނެފައިވަނީ މަޖިލިސް ރައީސް ގާތު އަޅުގަނޑު މަގާމުން ވަކިވާން ބޭނުން ވާހަކަ. އަބަދުވެސް ގާނޫނީ ގޮތުން އަމަލުކުރެވެމުން އޮންނަނީ ކޯލިޝަން ސަރުކާރެއްގައި ހިމެނޭ ކޯލިޝަން ޕާޓްނަރެއް ވަކިވެއްޖެނަމަ މުޅި ސަރުކާރު ވެސް އިސްތިއުފާ ދޭންޖެހޭގޮތަށް. އެހެންވެ އަޅުގަނޑު ބޭނުންނުވީ ގާނޫނީ ގޮޮތުން ސައްހަކަމާމެދު ސުވާލު އުފެދޭ ސަރުކާރެއް ހިންގަން،" އޭނާ ބުންޏެވެ.
އެއާއެކު އޭނާވަނީ އަލުން ބޮޑުވަޒީރުކަމުގެ މަގާމަށް އައުމަށް ޝައުގުވެރިކަން އޮތްކަމަށް ބުނެފައެވެ. ނަމަވެސް ދެން އެ މަގާމަށް އަންނާނީ އެންމެ ޕާޓީއެއްގެ ތެރެއިން ހިނގަމުން އަންނަ ސަރުކާރެއް އޮންނަނަމަ ކަމަށް ވިދާޅުވިއެވެ.
އެއާކު ސްވިޑަންގެ މަޖިލީސް ރައީސްވަނީ ދެން އަމަލުކުރާނެ ގޮތެއް ނިންމުމުގައި ހުރިހާ ޕާޓީއެއްގެ ލީޑަރުންނާ މަޝްވަރާކުރާނެކަމަށް ބުނެފައެވެ.