ބެއިޖިންގ (ފެބްރުއަރީ 5): ޗައިނާގެ މިއަހަރުގެ ދިފާޢީ ބަޖެޓަށް 11.2 ޕަސެންޓް އިތުރުކޮށްފި އެވެ. މިކަން ހާމަކުރައްވަމުން ޗައިނާގެ ޕާލަމެންޓްގެ ތަރްޖަމާން ލީޗަވްޗިން ވިދާޅުވީ މިއީ، ކޮންމެއަހަރަކު ވެސް ދިފާޢީ ބަޖެޓް އިތުރުކުރަމުން އަންނަ އުސޫލުގެ މަތިން މިއަހަރުގެ ދިފާޢީ ބަޖެޓަށް ވެސް އިތުރުކުރި މިންވަރެއް ކަމުގަ އެވެ.

11.2 ޕަސެންޓްގެ އިތުރުކުރުމަކާއެކު ޗައިނާގެ ދިފާޢީ ބަޖެޓްގެ މިހާރުގެ މިންވަރަކީ 106.4 ބިލިޔަން އެމެރިކާ ޑޮލަރެވެ. މިއީ ޗައިނާގެ އަހަރީ އާމްދަނީގެ އެންމެ 1.3 ޕަސެންޓްގަ އެވެ. ޗައިނާގެ މިދިޔަ އަހަރުގެ ދިފާޢީ ބަޖެޓަށް އިތުރުކުރީ 12.7 ޕަސެންޓް އެވެ. ޗައިނާގެ ދިފާޢީ ބަޖެޓް ކޮންމެ އަހަރަކު ވަކި މިންވަރަކަށް ބޮޑުކުރަމުން ގެންދިޔަ ނަމަވެސް ޗައިނާގެ ވާދަވެރިޔާ ކަމަށްވާ އެމެރިކާގެ ދިފާޢީ ބަޖެޓް، އަދިވެސް ޗައިނާގެ ދިފާޢީ ބަޖެޓަށްވުރެ ފަސްގުނަ ބޮޑެވެ.

އެމެރިކާ ގެންދަނީ ޗައިނާގެ ދިފާޢީ ބަޖެޓް އިތުރުކުރަމުން ގެންދާތީ އާއި ޗައިނާގެ ޢަސްކަރީ ޓެކްނޮލޮޖީ ކުރިއަރަމުން ްައަންނަ މިންވަޜާ މެދު ކަންބޮޑުވާކަން ހާމަކުރަމުންނެވެ. އެމެރިކާ ތުހުމަތުކުރާގޮތުން ޗައިނާގެ ޙަޤީޤީ ދިފާޢީ ބަޖެޓް އެ ޤައުމުން އިޢްލާންކުރާ މިންވަރަށް ވުރެ ދެގުނަ ނޫނީ ތިންގުނަ ބޮޑުވާނެ އެވެ.

ޗައިނާގެ ޢަސްކަރީ ޢަޤީދާ ބިނާކޮށްފައި ވަނީ އަމިއްލަ ޤައުމު ދިފާޢު ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގެ އިތުރުން އެހެން ޤައުމުތަކަށް އިސްވެ ޙަމަލާދީ ޢުދުވާން ނުހިންގުމާއި ހަތިޔާރާއި ތަމްރީނާ އަދި ހުނަރުގެ ގޮތުން ދުނިޔޭގެ ސިފައިންގެ އެއް ވަނަ ލަޝްކަރަކަށް ޗައިނާ ސިފައިންގެ ލަޝްކަރު ހެދުމުގެ މައްޗަށެވެ.

މިކަމަށްޓަކައި ޗައިނާ ގެންދަނީ އެޤައުމުގެ ސިފައިންގެ ޢަދަދު މަދުކޮށް ހަތިޔާރުތައް ޒަމާނީކޮށް ސިފައިންގެ ތަމްރީނާއި ހުނަރުވެރިކަން އިތުކުރުމަށް ސްޓްރެޓީޖިކް ރޭވުންތަކެއް ރާވައި އެރޭވުންތައް ތަންފީޒުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. -- އަލްޖަޒީރާ