24 Nov 2021, 22:03
ދ. ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓް އުންމު ކުލްސުމް އަބޫބަކުރު މެޖިސްޓްރޭޓްކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އުންމު ކުލްސުމްގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް އަދާކޮށްފައިނުވާކަން އެނގެން އޮންނަ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ) ގެ ދެ ވަނަ ނަންބަރުގައިވާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއްއޮތް ނަމަ، ހުކުމާއެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެކަމަކަށެވެ.
ހަމައެހެންމެ އެއިން ޝަރުތެއް އުނިވެއްޖެ ފަނޑިޔާރަކު، ހުރި މަގާމު ހުސްވީ ކަމުގައި ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
"އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރުގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެކަމަށް ނިންމުމާއެކު، ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަލްއުސްތާޛާ އުއްމުކުލްޘޫމް އަބޫބަކުރު ހުންނެވި ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަޤާމު ހުސްވީކަމުގައި 2021 ނޮވެމްބަރު 24 ވަނަ ދުވަހު ބޭއްވުނު މި ކޮމިޝަނުގެ މިއަހަރުގެ 89 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ،" ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.