05 Mar 2012, 08:39
މޮސްކޯ (މާޗް 5) : ރަޝިޔާގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން އެޤައުމުގެ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބަލާ ކޮމިޓީން ރޭ ދަންވަރު ބުނިގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕޫޓިންއަށްވަނީ ވޯޓުގެ 62 ޕަސެންޓުން ލިބިވަޑައިގެންފައެވެ. އަދި ގުނަމުންދާ ފޮށިތަކުގެ ވޯޓުތަކަށް ބަލާއިރު ޕޫޓިންއަށްލިބޭ ވޯޓުގެ އެވްރެޖް ނިސްބަތްހުރީ 62 ޕަސެންޓް ގައިކަމަށްވާތީ ކުރިޔަށްހުރި ވޯޓުފޮށިތަކުންވެސް މިނިސްބަތަށް މާބޮޑު ބަދަލެއް އަންނާނެކަމަށް ނުފެންނަކަމަށްވެސް ރިޔާސީ އިންތިޚާބުގެ ކަންތައްތައް ބަލާ ކޮމިޓީން ބުނެއެވެ. ޕޫޓިންވެސް ރޭ ދަންވަރުވަނީ އޭނާގެ ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެކަން އިޢްލާން ކުރައްވާފައެވެ.
ރަޝިޔާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުން ފެށުނީ އިއްޔެ ހެނދުނުގައެވެ. ވޯޓުލުން ނިމުނީ ރޭ އިރުއޮއްސުމަށްފަހުގައެވެ. މިއިންތިޚާބުގައި 4 ކެންޑިޑޭޓަކު ޕޫޓިންއާ ވާދަކުރައްވައެވެ. ރައްޔިތުންގެ ތާއީދަށް ބަލާއިރު މީގެތެރޭގައި ކުޑަކޮށްވެސް ބުރަދަނެއްހުރި ކެންޑިޑޭޓަކީ ރަޝިޔާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރ ގިނާދީ ޒިޔުގެނޯވްއެވެ.
މިހާތަނަށް ގުނާފައިވަނީ 25 ޕަސެންޓް ވޯޓެވެ. މިވޯޓުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕޫޓިންއަށް 62 ޕަސެންޓް ލިބިފައިވާއިރު ޒިޔުގަނޯވްއަށް ލިބިފައިވަނީ 17 ޕަސެންޓް ވޯޓެވެ. ޕޫޓިންއަކީ ރަޝިޔާގެ ބާރުގަދަ ޝަޚްސިއްޔަތުގެ ގޮތުގައި ސިފަކުރެވޭ އެޤައުމުގެ ސިޔާސީ އެންމެ ވަރުގަދަ ޝަޚްސިއްޔަތެވެ. އޭނާވަނީ 2000 ވަނަ އަހަރުން 2008 ވަނަ އަހަރަށް ރިޔާސީ ދެދައުރު ފުރިހަމަ ކުރައްވާފައެވެ. އިންތިޚާބަށް ކައިރިވެފައިވަނިކޮށް އެންމެފަހުން ނެގި ޚިޔާލު ހޯދުމުގެ ސަރވޭން ދައްކާފައިވަނީ ވޯޓުގެ 59 ޕަސެންޓާއި 66 ޕަސެންޓްގެ ނިސްބަތެއް ޕޫޓިން އަށް ލިބިވަޑައިގަންނަވާނެ ކަމުގައެވެ.
އުމުރުން 59 އަހަރުގެ ޕޫޓިންއަކީ ރަޝިޔާގެ އެންމެ ނުފޫޒުގަދަ ޝަޚްސިއްޔަތަށް ވާއިރު އޭނާގެ ނުފޫޒު ކަނޑުވާލެވޭވަރުގެ އެހެން ޝަޚްސިއްޔަތަކު މިވަގުތު ރަޝިޔާގެ ސިޔާސީ މަސްރަޙުން ފެންނަން ނެތުމަކީ ފުރަތަމަ ބުރުން ވަރަށް ތަނަވަސް އަގްލަބިއްޔަތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ޕޫޓިންއަށް ފަހިވެގެންދާނެ ކަމެއްކަމަށް ކުރިންވެސް ބެލެވިފައިވެއެވެ.
ޕޫޓިންވަނީ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ޓަކައި އެމެރިކާއާއެކު ރަޝިޔާއިން ހަތިޔާރުގެ ރޭހެއް ފެށިކަމާއި ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި އެމެރިކާއަށް ދޫނުދީ ރަޝިޔާ އެމެރިކާއާ ވާދަކުރާނެކަން ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައެވެ. ޕޫޓިންގެ ކުރީގެ ރިޔާސަތުގައާއި މިހާރުގެ ބޮޑުވަޒީރުކަމުގައި ރަޝިޔާވަނީ އިޤްތިސާދީ ބާރަކަށްވެސް ހައްދަވާފައެވެ.
ރަޝިޔާގެ ރިޔާސަތު އަލުން ކާމިޔާބު ކުރެވިއްޖެނަމަ ހަމައެކަނި ބޮޑުބާރުގެ ގޮތުގައި އެމެރިކާ އޮންނަ އޮތުން ފަސް އަހަރު ތެރޭގައި ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ޕޫޓިން ވިދާޅުވެފައިވެއެވެ. -- ނޫސްއެޖެންސީތައް