ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް މަގުފަހިކުރުމުގެ ގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކުރާ ބްރޯޑްކާސްޓަރުންގެ ފޯރަމް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.

ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށް ދައުވަތުދީގެން ބާއްވާ އެ ފޯރަމް އޮންނާނީ ކްރޮސްރޯޑްސް މޯލްޑިވްސްގައިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ފޯރަމްގެ މައިގަނޑު މަގުސަދަކީ ބްރޯޑްކާސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާއި ބްރޯޑްކާސްޓިން ދާއިރާގެ ކުރިމަގާ މެދު މަޝްވަރާކުރުން ކަމަށެވެ.

ހަމައެއާއެކު ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށާއި، ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ކޮމިޝަނުން ކުރިއަށް އޮތް އަހަރުގައި ކުރާނެ މަސައްކަތްތަކާއި ހިންގާނެ ހަރަކާތްތަކުގެ މައުލޫމާތު ބްރޯޑްކާސްޓަރުންނާ ހިއްސާކުރުންވެސް އެ ފޯރަމްގައި އޮންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައިފައިވާ، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު އިސްލާހުކުރުމަށް ބްރޯޑްކާސްޓަރުންގެ ލަފަޔާއި ހިޔާލު ހޯދުންވެސް އެ ފޯރަމްގައި ކުރިއަށްގެންދާނެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން 2011 ވަނަ އަހަރު އުފެއްދި އިރުން ފެށިގެން މިހާތަނަށް، ބްރޯޑްކާސްޓްކުރުމަށް 52 ލައިސަންސް އެ ކޮމިޝަނުން ދޫކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 13 ރޭޑިއޯ ޗެނަލާއި 39 ޓީވީ ޗެނަލް ލައިސަންސެވެ.