ރައްޔިތުން މަޖިލީސް ހުޅުވަމް އޮތް ޖަލްސާ ދޫ ދިނުމަށްފަހު މިދިއަ ބުރާސްފަތި ދުވަހު ނުބާއްވަން ނިންމެވުން އެއީ މަގުބޫލު ނިންމުމެއް ނޫންކަމަށާއި ނަމަވެސް ވެރިކަމުގެ ބާރުތައް ހިފައިގެން ތިބޭބަޔަކު ދޫ ދޭންޖެހޭނެ ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.

ތަސްމީން މިހެން ވިދާޅުވީ ޓީވީމޯލްޑިވްސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނެވެ.

ތަސްމީން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ޖަލްސާ، ސިފައިން ވައްދައިގެން އެމްޑީޕީގެ މެންބަރުން މަޖިލީހުން ނެރެގެން ވެސް ބޭއްވިދާނެ ކަމަށާއި ނަމަވެސް ދޫދިނުމަކީ މަގުބޫލުކަން ކުޑަކަމަކަށް ވިޔަސް ގައުމީ ނަޒަރަކުން ވިސްނާއިރު އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ނުވާނެޔޭ އެންމެ ފުރަތަމަ ބަޔަކު ގަދަބަސް ބުނެފައި އޮތީތީ ދެން ދިމާވެދާނެ ކަމަކަށް ނުބަލާ، އެތަށް ބަޔަކަށް އަނިޔާ ވެގެން ސިފައިން ވައްދައިގެން ގަދަކަމުން ޖަލްސާއެއް ބާއްވަން. ކުޑަތަންކޮޅަކަށް ދޫދިނުމަކީ މަގުބޫލުކަން ކުޑަކަމަކަށް ވިޔަސް ގައުމީ ނަޒަރަކުން ވިސްނަންޏާ ކުރަންޖެހޭނެ ކަމެއް،" ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެދުވަހުގެ ޖަލްސާ ގަދަކަމުން ބާއްވައިފިނަމަ މެންބަރުންނަށް އަނިޔާ ވެދާނެތީ، އެޖަލްސާ ނުބާއްވާ އެމްޑީޕީން ބޭނުންވާގޮތަށް ދޫދިން ކަމުގައި ވިޔަސް މަޖިލީސް ހުޅުވުމުގެ ޖަލްސާ ނުބޭއްވުމަކީ އެއީ ތަކުރާރު ވެގެންވާނެ ކަމެއް ނޫން ކަމަށެވެ.

ދެން ޖަލްސާ ބާއްވާ ދުވަހަކު ޖަލްސާ ނުބޭއްވޭފަދަ ގޮތެއް މެދުވެރި ވެއްޖެނަމަ ސިފައިން ބޭނުންކޮށްގެން އެމްޑީޕީ މެންބަރުން ނެރެގެން ވިޔަސް ޖަލްސާ ބޭއްވެން ޖެހޭނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ތަކުރާރުކޮށް އެހެން ހަދާކަށް ޖާގައެއް ނުދެވޭނެ. ފުރަތަމަ ދުވަހު އެކަން ކުރީ ރަނގަޅަށް. އެއީ ވެރިކަމުގައި ތިބި ބަޔަކަށް ވާތީ. ވެރިކަމުގެ ބާރު ހިފައިގެން ތިބޭ ބަޔަކު ދޫދޭން ޖެހޭނެ ކިތަންމެ ހިތި ބޭހަކަށް ވިޔަސް. އެހެންނަމަވެސް އެކަން ތަކުރާރެއް ނުކުރެވޭނެ. ކޮންމެވެސް ހިސާބަކުން އެބަޖެހޭ ރޮނގުދަމަން. ދެވަނަ ދުވަހަކުން ސިފައިން ވައްދައިގެން މެންބަރުން ނެރެގެން ވެސް ޖަލްސާ ބާއްވަން ޖެހޭނެ،" ތަސްމީން ވިދާޅުވި އެވެ.

ތަސްމީން ވިދާޅުވީ ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެވެން ޖެހޭނެ ކަމަށާއި ނަމަވެސް މަޝްވަރާތައް ކުރިއަށް ގެންދަންޖެހޭނީ މަޖިލީސް ކުރިއަށް ގެންދަން ފުރުސަތު ދީގެން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީސް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދެނީސް ޕާޓީތަކުގެ މަޝްވަރާތަކުގައި ޑީއާރްޕީން ބައިވެރި ނުވާނެ ކަމަށެވެ.

ސިޔާސީ ޕާތީގެ މަޝްވަރާތަކުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ބައިވެރިވުމަކީ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް އިނޑިއާ އިން ކޮށްފައިވާ ކަމެއް ނޫންކަމަށާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ ރާއްޖޭގައި ދިމާވެފައިވާ ކަންތައްތަކަށް ހައްލެއް ހޯދޭތޯ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"އިންޑިއާގެ ފޮރިން ސެކްރެޓަރީ ވެސް އެހެން ބޭފުޅުންވެސް ހުރިހާ ފަރާތެއްގެ ޚިޔާލުތައް ހޯދަމުން ދިޔައީ. އެންމެންގެ ވާހަކައިން ހައްލެއް ހޯދެނީ ކޮން ވާހަކައަކުން ކަން އެނގިއްޖެއްޔާ އެވާހަކައެއް ހިއްސާ ކުރައްވާފާނެ. އެއީކީ ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް އިނޑިއާ އިން ކުރާ ކަމެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ރައީސް ޑރ. ވަހީދުގެ ސަރުކާރު ގަބޫލުކުރި ކުރި ގައުމަކީ ވެސް އިންޑިއާ ކަމަށާއި އެކަމުންވެސް އެނގިގެން ދިޔައީ އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ދިމާވި ބޮޑެތި ހާދިސާތަކުގައި މިހާތަނަށް އިންޑިއާ އިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތެރިކަމެއް ވެފައިކަމަށާއި އެކަންކަކަމަށް ޝުކުރު އަދާކުރަން ވެސް ޖެހޭނެ ކަމަށެވެ.

"ނޮވެމްބަރު ތިނެއް ކަމަށް ވިޔަސް ސުނާމީ ކަމަށް ވިޔަސް އިންޑިއާ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ. އަޅުގަނޑުމެން އެބަޖެހޭ އެކަންކަމަށް ޝުކުރު އަދާކުރަން،" ތަސްމީން ވިދާޅުވި އެވެ.

ރާއްޖޭގައި ކަންތައް ހިނގައިދިޔަގޮތް ބައިނަލް އަގުވާމީ ޖަމްއިއްޔާތަކަށާއި ބައެއް ގައުމުތަކަށް ވެސް އޮޅުން ނުފިލާކަމަށާއި އިންޑިއާއި ރާއްޖެއާއި ދެމެދު ގުޅުންތަކެއް އޮތުމަކީ ރާއްޖެއާއި މެދު ބޭރުގެ ޖަމްއިއްޔާތަކާއި ގައުމުތަކަށް ވެސް ރާއްޖެއާއި މެދު ބޮޑު ޔަގީން ކަމެއް ލިބިގެން ދާނެ ކަމެއްކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

ކެންދޫ ދާއިރާގެ މެންބަރު ވިދާޅުވީ މިހާރު އިންތިޚާބެއް ބޭއްވިޔަސް އެ އިންތިޚާބު ކާމިޔާބުކުރައްވާ ބޭފުޅަކު ރައީސް ކަމުގައި ހުންނަވާނީ 10 މަސް ނޫންނަމަ ހަމަސް ދުވަހަށް ކަމަށާއި އެހެން ވެއްޖެނަމަ އަނެއްކާ ހަމަސް ފަހުން އިންތިޚާބެއް ބާއްވަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ އެއީ ވަރަށް ބޮޑު ޚަރަދުތަކެއް ހިނގުމުގެ އިތުރުން ރަށްރަށުގެ އިޖުތިމާއީ ފޭރާން ހަލާކުގެން ދާނެ ކަމެއް ކަމަށް ވާތީ އިންތިޚާބު ބޭއްވުމަކީ އޭނާ ތާއީދު ކުރާކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ގާނޫނޫ އަސާސީ އިސްލާހު ނުކޮށް އިންތިޚާބު ބޭއްވުމަކީ މާނައެއް ހުރިކަމެއް ނޫންކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ އިންތިޚާބެއް ބާއްވަން. އަނެއްކާ ހަމަސް ދުވަސް ފަހުން އިންތިޚާބެއް ބާއްވަން. އެކަމަކީ ބޮޑު ހަމަނުޖެހުމެއް ހިނގާނެ ކަމެއް. ރަށްރަށުގެ އިޖުތިމާއީ ފޭރާން ހަލާކުގެން ދާނެ ކަމެއް. ގާނޫނު އަސާސީ އިސްލާހުނުކޮށް އިންތިޚާބެއް ބޭއްވުމަމާނައެއް ހުރިކަމެއް ނޫން،" ތަސްމީން ވިދާޅުވި އެވެ.