ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހު ފިނުކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތައް ބައިވެރިވާ "އޯލް ޕާޓީ ޓޯކްސް" އިން ޕީޕަސްލްސް އެލަޔަންސް (ޕީއޭ) އިންވެސް ވަކިވެއްޖެ ކަމަށް އެޕާޓީގެ ބުނެފި އެވެ. މަޝްވަރާތަކުން ޕީއޭ ވަކިވީ ވާހަކަތަކުގައި މީޑިއޭޓަރެއްގެ ރޯލު ބައިނަލް އަގުވާމީ ފަރާތަކުން ބައިވެރިވުމާއި އެމްޑީޕީން މަޖިލީހުގެ މަސައްކަތަށް ހުރަސް ނާޅާނަމަ ވާހަތަކުގައި ބައިވެރިވެވިދާނެ ކަމަށް ބުނަމުންނެވެ.

ޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ފަރާތުން މިހާތަނަށް އެކިއެކި ކަންކަމުގައި އަމަލުތައް ގެންގުޅެފައިވާ ހުރިގޮތުގެ ސަބަބުން ސުލްހަވެރިކަމާއި އެކު ހުރިހާ ފަރާތްތައް ގުޅިގެން މަޝްވަރާގެ ކަންކަން ނިންމަން އެމްޑީޕީން އިސްކަން މިވަގުތު ނުދޭތީ އޯލްޕާޓީ ޓޯކްސްއިން ވަކިވާން އެ ޕާޓީގެ ކައުންސިލުން ނިންމީ ކަމަށެވެ.

"... އެމްޑީޕީން ހުރިހާ ފަރާތްތަކާއި އެކު ގުޅިގެން ކަންކަން ކުރުމަށް އިސްކަންނުދޭތީއާ ސުލްހަވެރި އެއްބާރުލުމެއް އެމްޑީޕީގެ ފަރާތުން ނުލިބޭތީ، އޯލްޕާޓީ ޓޯކްސް ކުރިއަށް ގެންދިއުމަކީ އެ މަޝްވަރާތަކުގެ މަގްސަދުތައް ހާސިލް ނުކުރެވޭނެ ކަމަށްކަށް ވާތީއާ އެމްޑީޕީގެ އަމަލުތައް ހުރި ގޮތުން މަޝްވަރާތައް ކާމިޔާބު ނުވާނެ ކަމަށް ގަބޫލު ކުރެވޭތީ އޯލް ޕާޓީ ޓޯކްސް އިން ވަކިވުމަށް މި ޕާޓީގެ ކައުންސިލުން ވަނީ ނިންމާފަ އެވެ،" އެބަޔާނުގައި ބުނެފައި ވެއެވެ.

އަދި ކުރިމަގުގައި މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވާނީ މީޑިއޭޓަރެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފަރާތެއް ބައިވެރިވެ މަޖިލީހުގެ އެންމެހާ ކަންތައް ރައްޔިތުންގެ ހެވާ ލާބައަށްޓަކައި އަދި ގައުމުގެ ކުރިމަގު އުޖާލާކުރުމަށް އެމްޑީޕީންގެ ފަރާތުން ހުރަސް ނާޅާނެ ކަމުގެ ޔަގީން ކަން ދިނުމުން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

"ކުރިމަގުގައި މިފަދަ ބައްދަލުވުމެއްގައި މިޕާޓީގެ ފަރާތުން ބައިވެރިވާނީ އޯލް ޕާޓީ ޓޯކްސް ގެ މީޑިއޭޓަރެއްގެ ގޮތުގައި ބައިނަލް އަގްވާމީ ފަރާތެއް ނުވަތަ އދ. ގެ މަންދޫބަކަށްވުމާއި ރައްޔިތުންގެ މަޖިލިސް ހުޅުވާ، ހުޅުވުމަށްފަހު މަޖިލީހުގެ ހުރިހާ ކަމެއް މަސައްކަތެއް ރައްޔިތުންގެ ހެވާ ލާބައާ މަންފާއަށްޓަކައި އަދި ގައުމުގެ ކުރިމަގު އުޖާލާކޮށް ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށްޓަކައި އެމްޑީޕީގެ ފަރާތުން އެއްވެސް ހުރަހެއް ނާޅާނެ ކަމުގެ ޔަގީންކަން ދިނުމުން،" އެބަޔާނުގައި ބުނެފައި ވެއެވެ.

ޕީއޭއިން އޯލްޕާޓީ ޓޯކުސް އިން ވަކިވިކަން އިއުލާން ކޮށްފައިވާ އިރު މިހާރުގެ ސަރުކާރާއި އެކުގައި މަސައްކަތްކުރާ ދެ ޕާޓީކަމަށްވާ ޑީއާރްޕީންނާއި ޕީޕީއެމްއިން ވެސް ވަނީ މަޖިލިހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ނަމަ ވާހަކަތަކުގައި ބައިވެރިނުވާނެ ކަމަށް ބުނެ އޯލްޕާޓީ ޓޯކުސް އިން މިދިޔަ ހަފްތާ ތެރޭގައި ވަކިވެފަ އެވެ.