04 Mar 2012, 22:46
މިއަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް ފެށެން އެންމެ ތިން ދުވަހަށް ވެފައިވާއިރު މުބާރާތުގައި ވާދަކުރާ ޓީމުތައްދަނީ މުބާރާތަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މުބާރާތުގެ ޓީމުތަށް ދެ ގުރޫޕަކަށް ބެހިފައިވާއިރު، މުބާރާތުގައި ރާއްޖެ ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ތުރުކެމެނިސްތާން، ނޭޕާލް އަދި ފަލަސްތީނެވެ.
ގުރޫޕް އޭ ފަޅީގެ ޓީމުތަކުގެ ފަރިތަކުރުންތަކަށް ބަލާލާއިރު، ކޮންމެ ޤައުމަކުންވެސް ވަނީ މުބާރާތަށް އެކަށީގެންވާ ގޮތެއްގައި ފަރިތަކުރުންތައް ގެންގޮސްފައެވެ. މިގޮތުން އެންމެ ބޮޑަށް މި މުބާރާތައް ތައްޔާރުވެފައިވަނީ، މުބާރާތް ބާއްވާ ޤަޢުމުކަމަށްވާ ނޭޕާލެވެ.
މުބާރާތް ފެށުމުގެ ތިން މަސްކުރިން ގްރަހަމް ރޮބަޓްސްގެ އިރުޝާދުގެ ދަށުން، މުބާރާތް ބާއްވާ ޤައުމު ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދިޔަނަމަވެސް، ސާފް ޗެމްޕިއަންޝިޕްގެ ފަހުން އެއްވެސް ވާދަވެރި މެޗެއް ނޭޕާލް ޓީމުން ކުޅެފައިނުވާކަން ފާހަގަކޮށްލެވެއެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ނޭޕާލްގެ ސްކޮޑް އިއުލާންކޮށްފައިވާއިރު، ގްރެހަމް ރޮބާޓްސް ނެގި 21 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ނުލިބުނީ ބިޖޭ ގުރުންގާއި ޕަރްބަތު ޕަންޑޭ އާއި ނަވަޔުގް ޝެރެސްތާ އަދި ޓެކް ބަހާދުރް ބުޑްޓޮކީ އެވެ. އަދި 21 ކުޅުންތެރިންގެ ސްކޮޑުގައި މިހާރު ތިބި ހަތަރު ފޯވަޑުންގެ ތެރެއިން އެއް ފޯވަޑް ވަނީ މިދިޔަ ހުކުރު ދުވަހު ބާކީ ކޮށްފަ އެވެ.
މުބާރާތައް ޓީމުތައް ތައްޔާރުވަމުންދިޔައިރު، "މައްސަލަގަނޑެއްގެ" ތެރޭގައި އޮތްކަމަށް ރާއްޖޭގެ ކޯޗުން ޤަބޫލުކުރާ ދިވެހި ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މާލޭގައެވެ. މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު، ބައެއް ޓީމުތަކުގެ ކުޅުންތެރިން ފުރަތަމަ ފަރިތަކުރުންތަކުގައi ބައިވެރިވެފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
މީގެ އިތުރުން، މިދިޔަ މަހުގެ 20 ވަނަދުވަހުގެ ރޭ ގައުމީ ޓީމު ތައިލެންޑަށް ފުރައިގެން ދިޔައިރު ޓީމުގެ "މުގޫ" ކަމަށްވާ ކެޕްޓަން ޢަލީ އަޝްފާގަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މާލޭގައި ހުންނަން ޖެހުނު ކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހު އަޝްފާގުވަނީ ގައުމީ ޓީމާއި ގުޅިފައެވެ.
ތައިލެންޑްގައި މިދިޔަ މަހުގެ 24 ވަނަ ދުވަހު ރާއްޖޭގެ ގަޢުމީ ޓީމު ފުރަތަމަ ބައްދަލުކުރީ، ތައިލެންޑްގެ ޤައުމީ ޓީމާއެވެ. މި މެޗު 3 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ތައިލޭންޑްގެ ޤައުމީ ޓީމެވެ. މި މެޗުގައި ޤައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގް އަދި އިތުބާރު ޑިފެންޑަރ އުމައިރު ކުޅެފައެއް ނުވެއެވެ.
ޤައުމީޓީމް ތައިލެންޑަށް ކުރަމުންދާ ދަތުރުގައި ކުޅުނު ދެވަނަ މެޗްގައި ބައްދަލުކުރީ ތައިލޭންޑްގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް ކަމަށްވާ ޓީޓީއެމްއާއެވެ. މިމެޗު ނިމިގެން ދިޔައީ 1 ލަނޑު 1 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ އައްސަދު އަލީ (އަޑުބަރޭ)އެވެ.
ތައިލެންޑް ދަތުރުގައި ރާއްޖޭގެ ޓީމް ކުޅުނު ތިންވަނަ މެޗުގައި ބައްދަލު ކުރީ އެ ގައުމުގެ އޮސޮޓްސްޕާއާއެވެ. މިމެޗުވެސް ނިމިގެންދިޔައީ 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި ރާއްޖޭގެ ޓީމަށް ލަނޑުތައްޖަހައިދިނީ އިބްރާހީމް ފަޒީލް (އޮއްޕޮ) އަދި ހަސަން އަދުހަމެވެ.
ދިވެހި ޤައުމީ ޓީމު މިހާރު ތައިލެންޑަށް ކުރަމުންދާ ދަތުރުގައި އިއްޔެ އެޤައުމުގެ ބެންކޮކް ގްލާސް އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗު 2 ލަނޑު 1 ލަނޑުން ކާމިޔާބުކުރީ ބެންކޮކް ގްލާސް އެވެ. މި މެޗުގައި ރާއްޖޭގެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގައި އަކްރަމް އަބްދުލް ޣަނީއެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ޤައުމީ ޓީމުގެ ކެޕްޓަން ޢަލީ އަޝްފާގު ކުޅެން ނިކުމެފައިވާކަން ފާހަގަކޮށްލެވެއެވެ.
ޗެލެންޖް ކަޕްގައި ބައިވެރިވާން ޤައުމީ ޓީމް ތައިލެންޑުން ނޭޕާލަށް ފުރަން ތައްޔާރުވެފައިވާއިރު، މިފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ބަދަލު ގޯލްކީޕަރ ފައިސަލްގެ އިތުރުން އިތުބާރު މިޑްފީލްޑަރ އަލީ ފާޞިރު(ސެންޓޭ) އަކަށް ނުކުޅެވޭނެއެވެ.
ރާއްޖެއާއި ނޭޕާލްގެ އިތުރުން މި ގުރޫޕްގައި ހިމެނޭ ފަލަސްތީން ވެސް އަންނަނީ މިމުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. ޒުވާން ކޯޗް ޖަމާލް މަޙްމޫދްގެ އިރުޝާދުގެ ދަށުން މުބާރާތަށް ތައްޔާރުވަމުންއަންނަ ފަލަސްތީނުގެ ޓީމުވަނީ މުބާރާތައް ތައްޔާރުވުމަށް މިދިޔަ ބުދަދުވަހުގެރޭ އަޒަރުބައިޖާނާއި ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. މިމެޗު 2 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ފަލަސްތީނެވެ. މިމެޗުގެ ނަތީޖާއަށް ބަލާއިރު ފަލަސްތީނުގެ ޓީމަކީ މިފަހަރުގެ މުބާރާތުގައި "ސަޕްރައިޒިންގް" ޓީމަކަށް ވުމީ ގާތް ކަމެކެވެ. ސަބަބަކީ ފީފާ ރޭންކިންއަށް ބަލާއިރު ފަލަސްތީނުގެ ޓީމާއި އަޒަރުބައިޖާންގެ ޓީމުގެ ދެމެދުގައި 53 ގައުމުގެ ތަފާތު އޮތީމައެވެ.
މިފަހަރުގެ މުބާރާތުގައި ފަލަސްތީނުން ބައިވެރިކުރުވާ ޓީމަކީ ވަރަށްވެސް ޒުވާން ޓީމެކެވެ. މި ޓީމުގެ އެވަރެޖް އުމުރު އުޅެނީ 24 އަހަރުގައެވެ.
މިފަހަރުގެ ޗެލެންޖްކަޕްގެ ގުރޫޕް އޭގައި ހިމެނޭ ޓީމްތަކުގެތެރެއިން ގުރޫޕް އޭގައި ރާއްޖެ، ނޭޕާލް އަދި ފަލަސްތީނުގެ އިތުރުން ހިމެނޭ އަނެއް ޓީމަކީ ތުރުކެމެނިސްތާނެވެ. ތުރުކެމެނިސްތާނުންވެސްވަނީ މުބާރާތަށް ތައްޔާރުވުމަށް އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ.
ޖެނުއަރީމަހުގެ 27 ވަނަ ދުވަހު ރުމޭނިއާއާއި ދެކޮޅަށް ތުރުކެމެނިސްތާނު ކުޅުން މެޗު 4 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ ރުމޭނިއާއެވެ. މިއީ ތަފާތުބޮޑު ނަތީޖާއެއްނަމަވެސް، ކޯޗު ޔަޒްގޫލީ ހޯޖާގެލްޑިއޭވް ވަނީ ޓީމުގެ ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ.
މުބާރާތަށް ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލާފައިވާއިރު، ތުރުކެމެނިސްތާނަކީ އެންމެ ފަހުގެ އޭ.އެފް.ސީ ޗެލެންޖް ކަޕްގެ ރަނަރަޕް ޓީމެވެ.
މުބާރާތުގެ ގުރޫޕް އޭގެ މެޗްތައް ރޭވިފައިވާ ގޮތަށް ބަލާއިރު މިމަހުގެ 8 ވަނަ ދުވަހު ރާއްޖޭގަޑިން މެންދުރު 1:45 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ތުރުކެމެނިސްތާނެވެ. އަދި އެދުވަހު ރާއްޖޭގަޑިން ހަވީރު 4:15 ގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލާއި ފަލަސްތީނެވެ. މި ގުރޫޕްގައި މިމަހުގެ 10 ވަނަ ދުވަހު ރާއްޖޭގަޑިން މެންދުރު 1:45 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ނޭޕާލެވެ. ހަމަ އެދުވަހު ރާއްޖޭގަޑިން ހަވީރު 4:15 ގައި ބައްދަލުކުރާނީ ފަލަސްތީނާއި ތުރުކެމެނިސްތާނެވެ. މިމަހުގެ 12 ވަނަދުވަހު މެންދުރު 1:45 ގައި ބައްދަލުކުރާނީ ދިވެހިރާއްޖެއާއި ފަލަސްތީނެވެ. އަދި ހަވީރު 4:15 ގައި ބައްދަލުކުރާނީ ނޭޕާލާއި ތުރުކެމެނިސްތާނެވެ.