04 Mar 2012, 22:00
މިމަހުގެ 8 ވަނަދުވަހު ނޭޕާލްގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕްގައި، ނޭޕާލުގެ ދަސަރަތު ރަންގަސަލާ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގެ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.
އޭއެފްސީގެ ރަސްމީ ވެބްސައިޓްގައި އޯލް ނޭޕާލް ފުޓުބޯލް އެސޯސިއޭޝަނާއި ޙަވާލާދީ ބުނެފައިވާ ގޮތުން އެ ސްޓޭޑިއަމްގައި ކުޅެވޭ މެޗްތަކުގެ ގަޑިތަކަށް ބަދަލުގެނައީ ސްޓޭޑިއަމްގެ ލައިޓް ސިސްޓަމް މުޅިން އިންސްޓޯލްކޮށް ނިމުމާ ގުޅިގެންނާއި މުބާރާތުގެ މެޗުތައް ފަސޭހަކަމާ އެކު ދުރަށް ފޮނުވައި، މުބާރާތް އިޝްތިހާރު ކުރުމާއި މެޗުތަކުގެ ފޯރިގަދަ ކުރުމުގެ ގޮތުންނެވެ.
މުބާރާތުގެ ފައިނަލް ވެސް ކުޅުމަށް ހަމަޖެހިފައިވާ ދަސަރަތު ސްޓޭޑިއަމްގައި ޖުމްލަ 10 މެޗު ކުޅޭ އިރު، މުބާރާތުގެ ސެމީފައިނަލްގެ ދެމެޗާއި ތިން ވަނަ ހޮވާ މެޗު އަދި ފައިނަލް މެޗުވެސް ކުޅެވޭނީ 25000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގަ އެވެ.
މުބާރާތުގެ މެޗުތަކުގެ ގަޑިތަކަށް ގެނައި ބަދަލުގެ ސަބަބުން ގުރޫޕް ސްޓޭޖްގެ ހަތަރު މެޗެއްގެ ފަށާ ގަޑިއަށް ބަދަލު އަންނާނެ އެވެ. މިގޮތުން، މި މަހުގެ 8 ވަނަ ދުވަހު ނޭޕާލާއި ފަލަސްތީނު ބައްދަލުކުރާ މެޗާއި މިމަހުގެ 9 ވަނަ ދުވަހު އިންޑިޔާ އާއި ތަޖަކިސްތާން ބައްދަލުކުރާ މެޗާއި މި މަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗުގެ އިތުރުން މަހުގެ 11 ވަނަ ދުވަހު އިންޑިއާ އާއި ފިލިޕީންސް ބައްދަލު ކުރާ މެޗްގެ ކުޅުން ފަށާ ގަޑިއަށް ވެސް ބަދަލު އަންނާނެ އެވެ. މިއިން ކޮންމެ މެޗެއްވެސް ކުޅެވޭނީ ރާއްޖޭ ގަޑިން ހަވީރު 4:15 ގައެވެ.
މުބާރާތުގެ ސެމީފައިނަލް މެޗްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ގޮތަށް ބަލާލާ އިރު، މި މަހުގެ 16 ވަނަ ދުވަހު ކުޅެވޭ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ގުރޫޕް އޭގެ އެއް ވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމް ބައްދަލުކުރާ މެޗު މިހާރު ކުޅެން ހަމަޖެހިފައި ވަނީ ރާއްޖޭ ގަޑިން މެންދުރު 1:45 ގަ އެވެ. ހަމަ އެދުވަހު ކުޅެވޭ މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލްގައި ގުރޫޕް ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެ ވަނަ ޓީމް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގަޑިން ހަވީރު 5:45 ގަ ނއެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗު މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ މިހިނގާ މާޗް މަހުގެ 19 ވަނަ ދުވަހު ރާއްޖޭގަޑިން މެންދުރު 1:45 ގަ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހަމަ އެދުވަހު ރާއްޖޭގަޑިން ހަވީރު 5:45 ގަ އެވެ.
މިމުބާރާތް ކުރިއަށް ދާނީ ނޭޕާލްގެ ކަތަމަންޑޫގެ ދެ ސްޓޭޑިއަމް ކަމަށްވާ ދަރަސަތު ރަންގަސަލާ ސްޓޭޑިއަމްގެ އިތުރުން ހަލްޗޯވްކް ސްޓޭޑިއަމްގަ އެވެ.