ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކާށިދޫ ދާއިރާއާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ޕީޕީއެމުން ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު އިއްތިހާދުގެ އެއްވެސް ޕާޓީއަކުން ރަސްމީކޮށް ޕީޕީއެމާއި މަޝްވަރާ ކޮށްފައިނުވާ ކަމަށް އެޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތް ގޮތަށް ބަލާއިރު ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް އެންމެ ފައިދާ ހުރީ ކޮން ގޮތެއްތޯ ބެލުން މުހިންމު ކަމަށާއި އިދިކޮޅު އެމްޑީޕީއަށް އެ ދެ ގޮނޑި ނުދީ އެންމެން މަޝްވަރާ ކޮށްގެން ގޮތެއް ނިންމަށް ފަހު އެ ދެ ގޮނޑި ވެސް ކާމިޔާބުކުރަން މަސައްކަތް ކުރުން އެހާ މުހިންމު ކަމަށެވެ.

"ކައުންސިލުން އުސޫލެއްގެ ގޮތުން ނިންމާފައިވާނީ ކޮންމެ ދާއިރާ އަކަށް ވެސް ޕީޕީއެމުން ވާދަކުރާ ގޮތަށް. އެހެން އޮތްކަމަށްވީ ނަމަވެސް މަޝްރަހު ބަދަލުވެގެންދާ ގޮތާއިއެކު ކުރިއަށް އޮތްތަނުގައި ބައެއް ގޮނޑިތަކަށް [ޕީޕީއެމުން] ކުރިމަތި ނުލުމަކީ އެކަށީގެންވާ ކަމެއް. ޕާޓީން އެހެން ބަޔަކަށް ތާއީދުކުރަން ކަނޑައެޅުމަކީ ވެސް އެކަށީގެންވާ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކާށިދޫ ދާއިރާގެ ގޮނޑި އާއި ތިމަރަފުށީ ދާއިރާގެ ގޮނޑިއާ މެދު އިއްތިހާދުގެ އެއްވެސް ފަރާތަކުން ރަސްމީކޮށް ޕީޕީއެމާއިއެކު މަޝްވަރާކުރުމަށް ހުށައަޅައިފިނަމަ އެކަން ކައުންސިލްގައި މަޝްވަރާކޮށް ކައުންސިލުން ގޮތެއް ކަނޑައަޅާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ޑިމޮކްރެޓިކް ޕާޓީއެއް. އަޅުގަޑނޑުމެންގެ ތެރޭގައި ނިންމާ ނިންމުން އަބަދުވެސް ނިންމާނީ ކައުންސިލްގައި މަޝްވަރާކޮށްގެން. އެކަން ރަސްމީކޮށް އެއްވެސް ޕާޓީއަކުން ހުށައަޅައިފި ނަމަ އަޅުގަނޑުމެން ކައުންސިލަށް ގެންގޮސް މަޝްވަރާކުރާނަން،"

ޕީޕީއެމްގެ ވަގުތީ ނައިބު ރައީސް ފޮނަދޫ އަބުދުއް ރަހީމް އަބްދުﷲ ވިދާޅުވީ މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށާއި ކޮންމެ ޕާޓީއަކުން ޝައުގުވެރިވިޔަސް އެކަންކަމަކާމެދު ވާކަހަ ދެކެވި އެންމެ ރަނގަޅުގޮތަށް ކަންކަން ނިންމުމުގެ ފުރުސަތު ހުޅުވާފައި ބާއްވާނެ ކަމަށެވެ.

މަޖިލިސް މެންބަރު، އަބުދުއް ރަހީމް އަދި ވިދާޅުވީ ކާށިދޫ ދައިރާގެ ރައްޔިތުންނާއި ތިމަރަފުށީ ދާއިރާގެ ރައްޔިތުން ވެސް ޕީޕީއެމުން ނިންމާ ގޮތަށް ބެލުން މުހިންމު ކަމަށާއި އެއްވެސް ގޮތަކަށް މަޖިލިހުގެ އެދެގޮނޑއާއި މެދު އިތރު ގޮތެއް ޕީޕީއެމުން ނިންމާނަމަ މީޑިޔާ މެދުވެރިކޮށް އެކަންކަން އެދެ ދާއިރާގެ ރައްޔިތުންނަށް އަންގާނެ ކަމަށެވެ.
ޕީޕީއެމުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ޕީޕީއެމްގެ ޓިކެޓަށް އެދި ކުރީގެ އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް އާއި ކާށިދޫ ދާއިރާގެ ޕީޕީއެމް ޓިކެޓަށް އެދި ކުރީގެ ރައީސް މައުމޫނު ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ކުރިމަތިލައްވާފައިވާ ކަމަށެވެ.

ޕީޕީއެމުން މިހެން ބުނި އިރު އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ ވަނީ އެޕާޓީ ކާށިދޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރޭނަމަ ފަހުން ޕާޓީއާ ގުޅިވަޑައިގެން ނައިބު ލީޑަރު ކަން ކުރައްވަން ފެއްޓެވި ވިޔަފާރިވެރިޔާ، އަދި ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވެވި އަބްދުﷲ ޖާބިރަށް ޕާޓީގެ ޓިކެޓް ދޭން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އިއްތިހާދުގެ ޕާޓީތަކުގެ ތެރެއިން އެނެމް މެންބަރުން ގިނަ ޑީއާރްޕީން އަދި އެއްވެސް ގޮތަކަށް ނިންމާފައެއް ނުވެއެވެ.

އިދިކޮޅު އެމްޑީޕީން ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވަނީ ކުރިން ވެސް އެދާއިރާގެ ގޮނޑި ފުރުއްވެވި ތިމަރަފުށީ ކުޑަދޮހުއްތުގެ މުހައްމަދު މުސްތޮފާ އެވެ. (ކުޑަދޮއްހުތުއަކީ ނަވަރާސަތޭކަ ފަސްދޮޅުގެ އަހަރުތަކުގެ ތެރޭގައި އޭރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ޑިމޮކްރަސީގެ ވާހަކަ ދެއްކެވުމުން 'ސްޓޭޖީ ކަލޯ' ގެ ނަމުގައި މަޝްހޫރުވި ލިޔުންތެރިއެކެވެ.)

ދެން ވާދަ ކުރައްވަނީ ރައީސް މުހައްމަދު ނަޝީދާއެކު މަޖީދިއްޔާ ސްކޫލްގައި އެކުގައި ކިޔަވާ ވިދާޅުވާން އުޅުއްވެވި އަދި ފަހުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ކަމާއި ރައީސް ނަޝީދުގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވެވި އަހުމަދު ޝަފީގެވެ.