04 Mar 2012, 19:21
ތެހެރާން (މާޗް 4) : އީރާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި ރައީސް އަހްމަދީ ނެޖާދްއާ އިދިކޮޅު ކޮންޒަވެޓިވް ޚިޔާލުގެ ބޭފުޅުން ކުރިހޯއްދަވަމުން ގެންދާކަމަށް އީރާނުގެ މީޑިޔާ ބުނެފިއެވެ.
އީރާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަން އާ ޙަވާލާދީ އެޤައުމުގެ މީޑިޔާ ބުނިގޮތުގައި އީރާނުގެ އިންތިޚާބުތަކުގައި އާންމުކޮށް ވޯޓުލާން ނުކުންނަވަރަށްވުރެ ބޮޑު ޕަސެންޓެއްގެ މީހުން މިފަހަރު ވޯޓުލާންވަނީ ނުކުމެފައެވެ. މިގޮތުން ވެރިރަށް ތެހެރާންގައި ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ ތެރެއިން 51 ޕަސެންޓް މީހުން ވޯޓުލާފައިވާއިރު އެހެން ޕްރޮވިންސްތަކާއި ރައްތަކުން 46 ޕަސެންޓް މީހުން ވޯޓުލުމުގެ ޙައްޤު ބޭނުންކޮށްފައިވެއެވެ.
އީރާނުގެ އިންތިޚާބުތަކާބެހޭ ކޮމިޝަންގެ މަސްއޫލުވެރިއަކު އެޤައުމުގެ އަލްޢާލަމް ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިހާތަނަށް ގުނާފައިވާވޯޓުތަކުގެ ވަގުތީ ނަތީޖާއަށް ބަލާއިރު އީރާނުގެ ޕާލަމެންޓްގެ 290 ގޮނޑީގެ ތެރެއިން އިދިކޮޅު ކޮންޒަވެޓިވުންނަށް 102 ގޮނޑި ލިބިފައިވާއިރު ނެޖާދަށް ތާއީދުކުރާ ފަރާތްތަކަށް ލިބިފައިވަނީ 9 ގޮނޑިއެވެ. އަދި އިސްލާޙީ ޚިޔާލުގެ އިދިކޮޅު ފަރާތްތަކަށް 7 ގޮނޑި ލިބިފައިވާއިރު މުސްތަޤިއްލު ފަރާތްތަކަށް ލިބިފައިވަނީވެސް 7 ގޮނޑިއެވެ.
އީރާނުގެ ޕާލަމެންޓްރީ އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަކުރަނީ ރައީސް ނެޖާދަށް ތާއީދުކުރާ މީހުންނާއި އޭނާއާ އިދިކޮޅު ކޮންޒަވެޓިވް ފަރާތްތަކެވެ. ނެޖާދާއިދިކޮޅު ފަރާތްތަކަކީ އެޤައުމުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއިގެ ކޮންޒަވެޓިވް ފިކުރުގެ މީހުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ އިސްލާޙީ ޚިޔާލުގެ އިދިކޮޅު ފަރާތްތައްވަނީ ޕާލަމެންޓްރީ އިންތިޚާބުގައި ރަސްމީގޮތުން ބައިވެރިނުވާނެ ކަމަށްބުނެ އިންތިޚާބު ބޮއިކަޓް ކޮށްފައެވެ. ނަމަވެސް ވަކިވަކިފަރުދުންގެ ގޮތުގައި އިސްލާޙީ ޚިޔާލުގެ މީހުންވެސްވަނީ ކެންޑިޑޭޓުންގެ ގޮތުގައި އިންތިޚާބަށް ކުރިމަތިލައްވާފައެވެ.
މުރާސިލުން ބުނާގޮތުގައި ނެޖާދާ އިދިކޮޅު ކޮންޒަވެޓިވް ޚިޔާލުގެ މީހުން ދެކޮޅުހަދަނީ ނެޖާދްގެ ސަރުކާރުން ގެންގުޅޭ އިޤްތިސާދީ ސިޔާސަތުތަކަށެވެ. ނެޖާދްގެ ޚާރިޖީ ސިޔާސަތުތަކަކަށް ނޫނެވެ. އެހެންކަމުން އިދިކޮޅު ކޮންޒަވެޓިވުންނަށް ޕާލަމެޓްގެ ތިންބައިކުޅަ ދެބައި އަޣްލަބިއްޔަތު ލިބިއްޖެނަމަ ރައީސް ނެޖާދް ވެރިކަމުން ޢަޒުލުކުރުމަށް ޕާލަމެންޓުން ވޯޓެއް ނެގުމަކީ ފަހަރުގައި ހިނގާފާނެ ކަމެއްކަމަށް އެފަރާތްތަކުން ދެކެއެވެ.
އީރާނުގައި ޢާންމު އިންތިޚާބު ބާއްވަމުން މިގެންދަނީ އެޤައުމުގެ ސަރުކާރާދެކޮޅަށް ނުކުމެ އީރާންގެ ގަޑުބަޑުކުރުމަށް އެމެރިކާއާއި ޔޫރަޕުން އީރާނުގެ އިސްލާޙީ ޚިޔާލުގެ އިދިކޮޅު ބައެއް ފަރާތްތަކަށް ހިއްވަރުދިނުމުގެ އިތުރުން އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެމެރިކާއާއި ޔޫރަޕް ގުޅިގެން އދ.ގެ އޮނިގަނޑުން ބޭރުގައި އަޅަމުން ގެންދާ ދުވަސްވަރެއްގައެވެ. މީގެއިތުރުން އެމެރިކާއާއި އިސްރާއީލުން ގެންދަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަން ހަލާކުކޮށްލަންޖެހިދާނެ ކަމުގެ އިންޒާރުތައްވެސް ދެމުންނެވެ. -- އަލްޢާލަމް