23 Nov 2021, 07:49
އިންޑިޔާގެ މަދްޔާ ޕްރަދޭޝްގެ މީހަކު އޭނާގެ އަނބިމީހާއަށް, ތާޖް މަހަލްއާ އެއްގޮތަށް އަޅައިފައިވާ ގެޔެއް ހަދިޔާކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މަދުޔަ ޕްރަދޭޝްގެ ބުރަހަންޕޫރުގައި އެ ގެ ހަދަން ތިން އަހަރު ހޭދަވިއެވެ.
އެ ގޭގެ މަސައްކަތުގައި އިސްކޮށް ހުރި އިންޖިނިއަރު ބުނީ އެ މަސައްކަތުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމަށާއި އަސްލު ތާޖް މަހަލާ އެއްގޮތަށް އެ ގެ ތައްޔާރުކުރުމަށް ޓަކައި ތާޖް މަހަލް ވަރަށް ބޮޑަށް ދިރާސާ ކުރަން ޖެހުނު ކަމަށެވެ. އަދި ގޭތެރޭގެ މަސައްކަތަށް ބެންގަލްގެ އާޓިސްޓެއްގެ އެހީތެރިކަން ވަރަށް ބޮޑަށް ހޯދަން ޖެހުނުކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.
މަދްޔާ ޕަރްދޭޝްގެ އެ މީހާ އޭނާގެ އަނބިމީހާއަށް އެ ގެ ހަދިޔާކޮށްފައިވާއިރު އެ ގޭގައި ހުންނަ ގުއްބުގެ އުސްމިނުގައި 29 ފޫޓު ހުރެއެވެ. އެގޭގައި ބޮޑު ހޯލެއް އޮންނައިރު ހަތަރު ކޮޓަރީގެ އިތުރުން ލައިބްރަރީއަކާއި މެޑިޓޭޝަން ރޫމެއްވެސް ހިމަނާފައިވެއެވެ.
އެގޭގައި ބަހައްޓާފައިވާ ފަރުނީޗަރުތައް ތައްޔާރުކޮށްފައިވަނީ މުމްބާއީގެ އާޓިސްޓެއްގެ އެހީތެރިކަމާއެކުކަމަށް ގޭގެ ވެރި ފަރާތްވަނީ ބުނެފައެވެ. އަދި އެ ގޭގެ ކަރަންޓާއި އަލިކަންވެސް ޑިޒައިންކޮށްފައި ވަނީ އަސްލު ތާޖް މަހަލްގައި ވާ ގޮތަށް، އަނދިރިކަމުގައި ގަދަ އަލިކަމެއް ވާގޮތަށެވެ. މި ތާޖްމަހަލްގެ ފޮޓޯތައް ދަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންނެވެ.
ދުނިޔޭގެ ހަތް އަޖައިބު ތެރޭގައި ހިމެނޭ ތާޖް މަހަލް އަކީ އާގަރާ ގައި 1631 ވަނަ އަހަރާއި 1654 ވަނަ އަހަރާ ދެމެދު ބިނާ ކުރި ހަދާނީ ބިނާއެކެވެ. ވިހި ހާހަށް ވުރެ ގިނަ މަސައްކަތު މީހުން ވެގެން ބިނާކުރި މި ހާއްސަ ބިނާއަކީ މުޣަލް ރަސްގެފާނު ޝާހް ޖަހާން އެ ރަދުންގެ ލޯބިވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ މުމްތާޒް މަޙަލް އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ބިނާ ކުރެއްވި ލޯބީގެ ނިޝާނެކެވެ.