22 Nov 2021, 17:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު، ދައުލަތުން އެމަނިކުފާނު ހުންނެވުމަށް ވަގުތީ ގޮތުން ހަމަޖެއްސި މުރައިދޫގެއަށް ބަދަލުވެވަޑައިގެންފިއެވެ.
ކޮޕް26 އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު ނަޝީދު މާލެ ވަޑައިގަތީ އިއްޔެއެވެ. އެނގިފައިވާ ގޮތުގައި މާލެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ހުންނަވަނީ މުރައިދޫގޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މުރައިދޫގެ މިހާތަނަށް އެއްކޮށް ނިމިފައިނުވާ ކަމަށާއި އެހެންނަމަވެސް ރައީސް ނަޝީދު މިހާރު އެ ގެކޮޅުގައި ދިރިއުޅުއްވަން ފައްޓަވައިފައިވާ ކަމަށެވެ.
ގެކޮޅުގައި ދެން ނުނިމި ބާކީ ހުރީ ކުދިކުދި މަސައްކަތް ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މުރައިދޫގެ -- ސަން ފޮޓޯ
މުރައިދޫގެއަށް ރައީސް ނަޝީދު ބަދަލުވެވަޑައިގެންފައިވާއިރު، އެ ގޭގެ ސަރަހައްދު ވަނީ އާންމުންނަށް މަޑުނުކުރެވޭ ފަދަ ރެޑް ޒޯނެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
ސިފައިންގެ ކުންފުނި ސިވެކްއާ ހަވާލުކޮށްގެން މަރާމާތުގެ މަސައްކަތް ނިންމާލާފައިވީ ނަމަވެސް ރަސްމީކޮށް އަދި މަޖިލީހާ, އެ ގެ ހަވާލުކޮށްފައި ނުވާ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.
ދައުލަތުގެ ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރެރިސްޓް ހަމަލާއަށް ފަހުއެވެ.
އެ ހަމަލާއަށްފަހު ޖަރުމަންވިލާތާއި އިނގިރޭސިވިލާތުން ރައީސް ނަޝީދު ހޯއްދެވި ބޭސް ފަރުވާއަށް 1.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ. އަދި އޭނާ އެނބުރި މާލެ ވަޑައިގަތް ފަހުން ހޮޓެލް ޖެންގައި ހުންނެވި 21 ދުވަހަށް 698،168 ރުފިޔާ ހަރަދުވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެހެންކަމުން ރައީސް ނަޝީދުގެ ބޭސް ފަރުވާއަށާއި ޖެންގައި ހުންނެވުމަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދު, 2.4 މިލިއަން ރުފިޔާއަށް އަރައެވެ.