04 Mar 2012, 19:15
މޮސްކޯ (މާޗް 4) : ރަޝިޔާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެއެވެ.
މިއިންތިޚާބުގައި ރަޝިޔާގެ ބާރުގަދަ ޝަޚްސިއްޔަތުގެ ގޮތުގައި ސިފަކުރެވޭ އެޤައުމުގެ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު ވްލަޑިމޭރު ޕޫޓިން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދެކޭއިރު އެންމެފަހުން ނެގި ޚިޔާލު ހޯދުމުގެ ސަރވޭން ދައްކާފައިވަނީ ވޯޓުގެ 59 ޕަސެންޓާއި 66 ޕަސެންޓްގެ ނިސްބަތަކުން ޕޫޓިން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމުގައެވެ.
އުމުރުން 59 އަހަރުގެ ޕޫޓިންއަކީ ރަޝިޔާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ނުފޫޒުގަދަ ކެންޑިޑޭޓަށް ވުމުގެ އިތުރުން އޭނާގެ ނުފޫޒު ކަނޑުވާލެވޭވަރުގެ ބުރަދަންހުރި އެހެން ކެންޑިޑޭޓަކު ނެތުމަކީވެސް ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު ޕޫޓިންއަށް ފަހިވެގެންދާ ކަމެކެވެ.
ޕޫޓިންވަނީ ރައްޔިތުންގެ ތާއީދު ހޯއްދެވުމަށް ޓަކައި އެމެރިކާއާއެކު ހަތިޔާރުގެ ރޭހެއް ފެއްޓެވިކަމާއި ބައިނަލްއަޤްވާމީ މަޙްފަލްތަކުގައި އެމެރިކާއަށް ދޫނުދެއްވައި ވާދަކުރައްވާނެ ކަން ޢަމަލީގޮތުން ރައްޔިތުންނަށް ދެއްކެވުމަށް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޕޫޓިންގެ ކުރީގެ ރިޔާސަތުގައާއި މިހާރުގެ ބޮޑުވަޒީރުކަމުގައި ރަޝިޔާވަނީ އިޤްތިސާދީ ބާރަކަށްވެސް ހައްދަވާފައެވެ.
ރަޝިޔާގެ ރިޔާސަތު އަލުން ކާމިޔާބު ކުރެވިއްޖެނަމަ ހަމައެކަނި ބޮޑުބާރުގެ ގޮތުގައި އެމެރިކާ އޮންނަ އޮތުން ފަސް އަހަރު ތެރޭގައި ނިމުމަކަށް ގެންނަވާނެ ކަމަށް ވިދާޅުވެ ޕޫޓިން، ރައްޔިތުންގެ ޝޫޢޫރުތަކާ ކުޅެލައްވާފައިވުމަކީ އޭނާގެ ތާއީދު އިތުރުވެގެން ދިޔަކަމެއް ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ޕޫޓިންވަނީ މިގެކުރިން ރިޔާސީ ދެދައުރުގައި ރަޝިޔާގެ ރައީސްކަން ކުރައްވާފައެވެ. -- ނޫސްއެޖެންސީތައް