18 Jul 2010, 10:33
14:30
ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތުގައި، ޗާޓުން ބޭރުން ކަންކަން ކުރައްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުން މާނަކުރެވެނީ ޤާނޫނު އަސާސީން ބޭރުން ކަންކުރުން ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ އަމިއްލަ ބްލޮގުގައި އޭނާ ވިދާޅުވެފައި ވަނީ ދިވެހި ދައުލަތް ބިނާވެފައި ވަނީ މީހެއްގެ މައްޗަށް ނުވަތަ ބައެއްގެ މައްޗަކަށް ނޫން ކަމަށާއި، ޤާނޫނު އަސާސީއެއްގެ މައްޗަށް ކަމަށެވެ. އަދި ދިވެހި ދައުލަތް މިއަދު ބިނާވެފައި ވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުމަތީގައި، ދައުލަތުގެ ހުރިހާ ބާރުތައް ޖަމާވެފައި އޮންނަ ގޮތަށް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އަށްވެސް ކަނޑައެޅި ބަޔާންވެގެންވާ ގިނަ ބާރުތަކެއް ލިބިދިނުމާއެކު، ރައްޔިތުންގެ މަޖިލީހަށާއި ޝަރުޢީ ކޯޓުތަކަށް ވެސް ގިނަ ބާރުތަކެއް ލިބިދޭ ގޮތަށް ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ދައުލަތުގެ މައިގަނޑު ތިން ބާރުގެ އިތުރަށް، ވެރިކަން ހިންގުމުގެ ކޮންޓްރޯލާއި ނުފޫޒުން ބޭރުން ހިނގާ، މިނިވަން މުއައްސަސާތަކަކަށް ވެސް ބާރުތަކެއް ލިބިދޭ ކަމަށާއި، ދައުލަތުގެ ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ ބާރުތައް، ދައުލަތުގެ ސަލާމަތީ ޚިދުމަތްތައް މެދުވެރިކޮށް ތަންފީޒުކުރެވޭ ގޮތަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މިއަދު އެންމެ ހިޔާލު ތަފާތު، އެއް މައްސަލައަކަށް ވެފައި ވަނީ، ޤާނޫނު އަސާސީ އާއި ޤާނޫނުން ކަނޑައަޅައިދީފައިވާ މިންތަކާއި އިންތަކުގެ ބޭރުން، ސިޔާސީ ދާއިރާގެ ބޭފުޅަކު އެކަހެރިކުރެވިފައިވާ މައްސަލަ ކަމަށް ވިދާޅުވެ، ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ސިފައިން ހައްޔަރުކޮށްފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި، މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ، ޤާނޫނު އަސާސީ އަކީ، ދިވެހިން އެބައިމީހުންގެ ދައުލަތުގެ ކަންކަން ހިންގުމަށް އެއްބަސްވެ އަހުދުވެފައިވާ ގޮތް ކަމަށެވެ. ހަމަ އެހެންމެ، އެގޮތަށް ދިވެހިންގެ މައްޗަށް ކަންކަން ހިންގަން ހަވާލުކުރެވޭ ތަފާތު މީހުންގެ ޒިންމާތައް ތަފާތުކޮށްދީ، އެކި މީހުންނާ އެކި ކަންކަން ޙަވާލުކޮށްދީ، އެއް ބަޔަކު ކުރާ ކަންކަން އަނެއް ބަޔަކަށް ބަލައި ކޮންޓްރޯލްކުރެވޭނެ، އެއް ބައެއްގެ ބާރުގެ ވަޒަން އަނެއް ބަޔަކަށް ހަމަކުރެވޭނެ ގޮތަށް، ތަރުތީބުކޮށްދީފައިވާ އެންމެ އަސާސީ ބާރުކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ކަންކަމާ އުޅޭ ހަމަ ކޮންމެ ފަރާތެއްމެ އުފެދެނީ ވެސް، އަދި ހަމަ އެއިން ކޮންމެ ފަރާތަކަށްމެ، ލިބިގެންވާ ބާރެއް ލިބިގެންދަނީ ވެސް، އެ ޤާނޫނު އަސާސީން ކަމަށާއި، ކޮންމެ މީހަކާ ހަވާލުވެގެންވާ މަސްއޫލިއްޔަތު އަދާކުރަން ޖެހެނީވެސް، ހަމަ އެ ޤާނޫނު އަސާސީގެ އިމުގެ ތެރޭގައި ކަމަށާއި، ކޮންމެ މީހަކު ބޯލަބަންޖެހެނީ ވެސް، އެ ޤާނޫނު އަސާސީގައިވާ އުސޫލުތަކަށް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ، ޑިމޮކްރަސީގައި ތަބާވަނީ މީހުންނަށް ނޫން ކަމަށާއި، ޤާނޫނާއި، ޤާނޫނުގެ އުސޫލުތަކަށާއި، ޤާނޫނުގެ ޙުކުމަށް ކަމަށެވެ.