22 Nov 2021, 15:54
ހިޔާ ފްލެޓުތަކާ ގުޅޭ ގޮތުން އެންމެ ގިނައިން ލިބިފައި ހުރީ ސެކިއުރިޓީއާ ގުޅުން ހުރި ޝަކުވާތައްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މިހާތަނަށް ހުށަހަޅާފައިހުރި ޝަކުވާތަކުގެ މައުލޫމާތު ދެމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "ސަން"އަށް ވިދާޅުވީ މިހާރު ވެސް ގިނަ އަދަދަކަށް ފްލެޓުތަކާއި ފްލެޓުތައް ހިމެނޭ ސަރަހައްދުތަކުން ވައްކަމާއި ފޭރުމުގެ މައްސަލަތަކާ ގުޅުން ހުރި ޝަކުވާ ލިބިފައިވާކަަމަށެވެ. އެއާއެކު އެ މައްސަލަ ހައްލުކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މަޝާރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވަނީ ސެކިއުރިޓީގެ މައްސަލަތައް، އެންމެ ގިނައިން. ދެން މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް. އެހެންވެ އެ ކަން ހައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު އަޅުގަނޑުމެން ވާނީ ފަށާފައި،" މަޝާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ދެވަނަ ފިޔަވަހީގެ އެކި ސަރަހައްދުތަކުގައާއި ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ހަމައެއާއެކު ފުލުހުންނާ ގުޅިގެން ޗެކް ޕޯސްޓްތަކެއް އެކި ސަރަހައްދުތަކުގައި ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އަދި ކުލި ނަގަން ފެށެންވާއިރަށް ހުރިހާ މަސައްކަތްތަކެއް ނިންމާލުމަކީ އެ ކުންފުނީގެ އަމާޒުކަމަށް ވެސް ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ކުރިން ނިންމަވާފައެވެ.