ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްއެވެ.

ވިހެއުމާ ގުޅިގެން ސިވިލް ސާވިސްއާއި ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން މުވައްސަސާތަކުންވެސް މިހާރު ދަނީ ހަމަހުގެ ޗުއްޓީއެއް ދެމުންނެވެ. އެގޮތަށް ޗުއްޓީދޭން ފެށީ 2019 ވަނަ އަހަރުގެ މާޗްމަހުއެެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބިލުގައިވާ ގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީގެ ހައްގު، ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް އަދި ފިރިހެން ފަނޑިޔާރުންނަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް އިސްލާހު ހިމަނައިފައިވެއެވެ.

ވިހެއުމާ ގުޅިގެން ފަނޑިޔާރުންނަށް ޗުއްޓީއެއް ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ކުރަންޖެހޭ ކަންކަން ކޮށްދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.