04 Mar 2012, 18:35
މިދިޔަ ބުރާސްފަތި ދުވަހުން އެމްޑީޕީން މަޖިލީސް ހުއްޓުވުމުން އެ މައްސަލަ ހޫނުވެ ބައެއް ޕާޓީތަކުން މަޝްވަރާތަކާ ވަކިވެފައި ވަނިކޮށް ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ ސުލްހައިގެ ވާހަކަތައް، އޯލް ޕާޓީ ޓޯކްސް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ޕާޓީތަކުގެ މަޝްވަރާތައް ވިލަރެސް ކުރުމަށް ރައީސް އުފައްދަވާފައިވާ ޕޮލިޓިކަލް ޕާޓީ ޓޯކްސް މޮޑަރޭޓާސް ސެކްރެޓޭރިއެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ މަޝްވަރާތައް މިވަގުތަށް މެދުކަނޑާލީ އެ މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ، ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ އަމިއްލަ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް މިދިޔަ ހޮނިހިރު ދުވަހު ވަޑައިގަތުމާ ގުޅިގެން ކަމަށެވެ. އަދި އެމަނިކުފާނުގެ އެ ދަތުރުފުޅަކީ ކުރިންވެސް ރޭވިފައިވާ ދަތުރުފުޅެއް ކަމަށާއި މަޝްވަރާތައް ފެށުމުގެ ކުރިން ވެސް އެ ދަތުރުފުޅުގެ ވާހަކަ މުޖުތަބާ، ރައީސް ވަހީދާއި ޕާޓީތަކާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
ޕާޓީ މަޝްވަރާތަކުގެ ފަސް ބައްދަލުވުމެއް މިހާތަނަށް ވަނީ ބާއްވާފަ އެވެ. ނަމަވެސް އެ ބައްދަލުވުންތަކުގެ އެޖެންޑާގެ ތަރުތީބަކަށް އަދި ވަނީ އެއްބަސް ނުވެވި އެވެ. އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ހުރަސް އެޅުމުން ރައްޔިތުންގެ މަޖިލިސް ހުޅުވަން ޖެހޭ ދުވަހަށް ނުހުޅުވުމުން ބައެއް ޕާޓީތަކުން ވަނީ ޝަރުތުތަކެއް ކަނޑައައަޅައި މަޝްވަރާތަކާ ދުރަށް ގޮސްފަ އެވެ.
ބަޔާން މެދުވެރިކުރައްވާ މުޖުތަބާ ވިދާޅުވެފައިވަނީ އެ ކަންތައްތައް އެހެން ހުރިނަމަވެސް އަދިވެސް އޭނާ އުންމީދު ކުރައްވަނީ ހުރިހާ ސިޔާސީ ޕާޓީތަކުން އެއްމޭޒެއްގެ ދޮށައް އައިސް ވާހަކަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.