22 Nov 2021, 11:09
މިހާރު އަބަދުވެސް ހުންނަވަނީ ގެއަށް ވަޑައިގަންނަވަން ޖެހިދާނެ ވަގުތަކަށް ތައްޔާރަށް ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް މިހެން ވިދާޅުވީ "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.
އެމްއެމްޕީއާރުސީ މައްސަލައިގައި މަހުލޫފުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިދިޔަ ޖޫން މަހު ޕީޖީއަށް ފޮނުވީ، 2014 ވަނަ އަހަރު މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަވައި، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒީ) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި 33،000 ޑޮލަރުގެ ރިޝްވަތެއް ގަބޫލު ކުރެއްވި ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައާ ގުޅިގެން މި މަހުގެ 14ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އަންނަ ހަފްތާގައި އެ މައްސަލައަށް ގޮތެއް ނިންމަވާނެ ކަމަށެވެ.
މަހްލޫފް ވިދާޅުވީ އޭނާ ވަޒީރުކަމައިގެން މޮޔަވެގެން އުޅޭކަމަށް ބައެެއް މީހުން ހީކުރާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ، ވަޒީރުކަމާ ހަވާލުވީ ޔޫތު މިނިސްޓްރީގެ ވަޒީރުކަން ލިބުމުން ކަމަށެވެ.
"އަޅުގަނޑު މިތަނަށް އައީ ހަމައެކަނި މި ވަޒީރުކަމަށް. އަޅުގަނޑަށް ޑިފެންސް، ޓުއަރިޒަމް މިހެން ކިޔާފަ ތަނެއް ދިންނަމަ އަޅުގަނޑު ނާންނާނެ. މިއީ އަޅުގަނޑު ގާތްގަނޑަކަށް އަށް އަހަރު ނުވަ އަހަރު ޖޫނިއާ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި ތަނެއް،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް އިތުރަށް ވިދާޅުވީ އޭނާ ވަޒީރުކަމާ ހަވާލުވީ އޭނާއަށް ކުޅިވަރުގެ ގިނަ ކަންތައްތަކެއްގައި ވެސް އުޅުއްވިފައި ހުރުމުން އެ މިނިސްޓްރީން ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
މީގެ އިތުރުން، ދެން ގެއަށް ދާން ޖެހުނަސް އޭނާ ކުރައްވައިފައިވާ މަސައްކަތްތައް މީގެ ދިހަ އަހަރު ފަހަށް ވެސް ފެންނަން ހުންނާނެ ކަމުގައި މަހްލޫފް ވިދާޅުވިއެވެ. އަދި މީގެ ކުރިން ޔޫތު މިނިސްޓްރީގައި ވަޒީރުކަން ކުރެއްވި ބައެއް ބޭފުޅުން ދަމާލި ރޮނގެއް ވެސް ފެންނަން ނެތްކަމުގައި މަހްލޫފް ވިދާޅުވިއެވެ.
"އެ ބޭފުޅުން އަސްލު މިއުޅެނީ މިހާރު އަޅުގަނޑު މި މަގާމުން ބޭރު ކުރެވޭތޯ. އެއީ ހަގީގަތަކީ. އެ ދުވަހު ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ކޮންމެވެސް މީހަކު އައިސް ކަންތައްތަކެއް ކުރާތީ. އަޅުގަނޑަށް ގަބޫލު ކުރެވެނީ އެކަންތައްތައް ބަލައިގަންނަން ހަޖަމް ނުވަނީއޭ،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ އެމައްސަލަ ނިންމާނެ ގޮތަކަށް ޕީޖީން ނިންމާނެ ކަމަށެވެ. އަދި އެ ވާހަކަ އޭނާއަށް ވާވަރަށް ދެއްކިއްޖެ ކަމަށާއި ދެން އޭނާ އެކަމާ ގުޅިގެން ވާހަކަ ދައްކަވާނީ ވަކި ގޮތެއް ނިންމުމުން ކަމުގައި މަހްލޫފް ވިދާޅުވިއެވެ. އަދި އެ ދުވަހުން ރައްޔިތުންނަށް ވެސް އޭނާ ދެއްކެވި ވާހަކަ އެނގޭނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
"އޭރުން ވަރަށް ރަނގަޅު އެއްޗިއްސާއެކު އަޅުގަނޑު ދައްކާލާނަން. ހިނގައިގެން މިދިޔައީ ކިހާވަރެއްގެ ކަމެއްކަން ވަރަށް ރަނގަޅަށް ސާފުވެގެންދާނެ،" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފުގެ މައްސަލައިގައި، އޭނާ ތުހުމަތު ކުރައްވާ ގޮތުގައި މައްސަލައިގެ އަޑީގައި ވަނީ އޭނާ މަގާމުން ދުރު ކުރަން މަސައްކަތް ކުރާ ސިޔާސީ ބަޔެކެވެ. އަދި މައްސަލަ ކޯޓަށް ހުށަހަޅައިފި ނަމަ، މަހުލޫފާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނޯންނާނެ ކަމަށް ވެސް އޭނާ މީގެ ކުރިން ވިދާޅުވެފައިވެއެވެ. މަހުލޫފް ވިދާޅުވާ ގޮތުގައި އޭނާއަށް މިހާތަނަށް ދައުވާ ނުކުރެވިގެން އުޅޭ ސަބަބަކީ ވެސް ހެކި ނެތުމެވެ.