22 Nov 2021, 11:15
ދައުލަތުގެ ދަރަނި ދެއްކޭނެ މިންވަރަށް، އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށް ގަބޫލުކުރުމަކީ އިގްތިސޯދީ ގޮތުން ބަލާނަމަ ހިޔާލީ ފޮލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ދަރަނީގެ ކަންބޮޑުވުން ތަކުރާރުކުރައްވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުން، މެންބަރުން އެންމެ ބޮޑަށް ފާޅުކުރެއްވީ ދަރަނީގެ ކަންބޮޑުވުން ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ ކަމަށް ރައީސް ނަޝީދު ވަނީ ތާއީދުވެސް ކުރައްވައިފައެވެ.
"ދައުލަތަށް ދިމާވާނެ އެންމެ ބޮޑު ބުރައަކީ ޝައްކެއް ނެތް ގޮތުގައި ދަރަނި އަނބުރާ ދައްކަން ޖެހުން، މި ދަރަނިތައް އިންތިހާއަށް ބޮޑުވެފައި މިވަނީ، އަދި ދަރަނި ނަގައިފައިވާ މަސައްކަތްތަކުން އެ ދަރަނި އަނބުރާ ދެއްކުމުގެ ފައިސާއެއް ނުލިބޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ދަރަނި އަނބުރާ ދެއްކުމަށް ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދަރަނި ދެއްކުމަށް 2.9 ބިލިއަން ރުފިޔާ ހިމަނައިފައިވާ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފުރިހަމައަށް ދަރަނި ދެއްކެން އޮތީ ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެން ކަމަށެވެ. އެހެންނަމަވެސް ލިބޭ އާމްދަނީ ކުއްލިއަކަށް ބޮޑުތަނުން އިތުރުނުވާނެ ކަމަށް ވިދާޅުވިއެވެ.
"އެފަދަ ބޮޑު ބަދަލެއް އާމްދަނީއަށް އަންނާނެ ކަމަށް ދެކުން ވެސް އެއީ، އިގްތިސޯދީ ނުވަތަ މާލީ ގޮތުން ދެކޭއިރުގައި ހިޔާލީ ފޮލާއެއްގެ ގޮތުގައި ދެކެވޭނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެހެންމެ ދަރަނި ރީސްޓަރަކްޗާ ކުރަން ޖެހޭ ކަމަށް އަބަދު ވެސް ވިދާޅުވާ ވާހަކަ އެމަނިކުފާނު ވަނީ ތަކުރާރުކުރައްވައިފައެވެ.