އަމިއްލައަށް ހައްޔަރުވާން ކަމަށް ބުނެ އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި އެންމެން ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އަމިއްލައަށް ހައްޔަރުވާން ބޭނުން ކަމަށް ބުނެ އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ފުލުހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައި ވަނީ ޝަރުތު ތަކަކާއި އެކު އެވެ. ބާކީ ތިބި މީހުން ވަނީ ޝަރުތަކާއި ނުލައި ދޫކޮށްލާ ފައެވެ.

ދޫކޮށްލި މީހުންގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ފަލާހު ވެސް ހިމެނެ އެވެ.

ފުލުހުންގެ އިންވެސްޓިގޭޝަން އޮފިރު ވިދާޅުވީ ފުލުހުން ފަލާހު ހައްޔަރު ކުރީ ރޭ ރައީސް އޮފީސް ކުރިމަތީގައި އެމްޑީޕީން ކުރި މުޒާހަރާގައި އެތަން ދޫކޮށް ދިޔުމަށް އެންގުމުން ވެސް އެތަނުން ނުދިޔުމުން ކަމަށެވެ. ޝަރީއަތުގައި ފަލާހު ވިދާޅުވީ އޭނާ އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި ހަމައެކަނި ބިންމަތީގައި އިށީދެގެން އިނީ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ފަލާހު އަކީ ގިނަ ރައްޔިތުންތަކެއް އިންތިޚާބުކޮށްފައިވާ މަގާމެއްގައި ހުންނަވާ ބޭފުޅަކަށް ވެފައި، ސަލާމަތީ ބާރުތަކަށް އެއްބާރުލުންދީ، ނަމޫނާ މީހަކަށް ވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މީގެ އިތުރުން މާޗް އެއް ވަނަ ދުވަހުގެ މުޒާހަރާއާއި ގުޅިގެން ތިން ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ 10 މީހަކު ވެސް ކޯޓުން ވަނީ ދޫކޮށްލާފަ އެވެ. އެ މުޒާހަރާއާއި ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ފަސް ދުވަހަށް ބަންދުގެ މުއްދަތު އިތުރުކުރި 25 މީހުން އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައެވެ.

މާޗް އެއްވަނަ ދުވަހުގެ މުޒާހަރާ އާއި ގުޅިގެން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ ދުވަހަށް މުއްދަތު ޖަހައި ދިން 23 މީހުންގެ ތެރެއިން 8 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް 15 މީހަކު ރޭ ވަނީ ކްރިމިނަލް ކޯޓުން ދޫކޮށްލާފަ އެވެ.