ހާޒިރުވެގެން އިމްތިހާނު ހަދަން އައިޔޫއެމް ދަރިވަރުން ދެކޮޅު ކަމަށް ބުނެ ޕެޓިޝަނެއް ހުށަހެޅިނަމަވެސް އޮންލައިންކޮށް އިމްތިހާނު ހެދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިސްލާމިކް ޔުނިވާސިޓީ(އައިޔޫއެމް) އިން މިއަދު ބުނެފިއެވެ.

އޮންލައިން ކްލާސްތައް ނެގުމަށްފަހު، އިމްތިހާނު ހޯލަށް ހާޒިރުވެގެން އިމްތިހާނު ހަދަން ދެކޮޅު ހަދައި އައިޔޫއެމްގެ 300އަށް ވުރެ ގިނަ ދަރިވަރުން ޕެޓިޝަނެއް ޔުނިވާސިޓީއަށް އިއްޔެ ވަނީ ހުށަހަޅައިފައެވެ.

މިކަމާ ގުޅިގެން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ މިއަދު "ސަން"އަށް ވިދާޅުވީ އިމްތިހާން ބާއްވަން ނިންމާފައިވާ ގޮތަކީ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ޕެޓިޝަނެއް ހުށަހަޅާނަމަ ހުށަހަޅަން ވާނީ ކިޔަވައިދިނުމުގައި މައްސަލައެއް އުޅޭނަމަ ކަމަށެވެ. ހާޒިރު ވެގެން އިމްތިހާން ބޭއްވުމަށް ނިންމާފައިވާ ނިންމުމަކީ އެޔުނިވާސިޓީގެ އެކަޑެމިކް ބޯޑުގެ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އޮންލައިންކޮށް ދިންކަމުގައިވިޔަސް ފިޒިކަލްކޮށް އިމްތިހާނު ދިންކަމުގައިވިޔަސް އިމްތިހާނެއް ވާނީ އިމްތިހާނަކަށް. ކޮވިޑު ހާލަތުގައި އޮންލައިންކޮށް އިމްތިހާނު ދެވުނީ އެއްވެސް ގޮތެއް ނެތިގެން. އެންމެ ރަނގަޅުގޮތަކީ ފޭސްޓުފޭސްކޮށް ކިޔަވާދީފައި ފޭސްޓުފޭސްކޮށް އިމްތިހާން ދިނުން. އެހެންނަމަވެސް ޖާގައިގެ ދަތިކަން ހުރުމާއެކުގައި އިމްތިހާނުތަކަށް ހުރިހާ ކުލާހެއް އެއްފަހަރާ ނުގެންނާނެތީވެ ފަސޭހައިން ކުލާހަށް ހާޒިރުވެގެން އިމްތިހާން ދެވޭގޮތް ހަމަޖެހިގެން ދިއުމާ ގުޅިގެން އެނިންމުން ނިންމީ،" ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

ޔުނިވާސިޓީގެ އެންމެ ވަރުގަދަ ގުނަވަނެއްގެ ގޮތުގައި އޮންނާނީ ޔުނިވާސިޓީގެ މަޖިލިސްއާއި އެކަޑެމިކް ބޯޑުކަމަށާއި އެއީ ގާނޫނުގައި ވެސް ވަރަށް ބޮޑު އޮތޯރިޓީއެއް ދީފައިވާ ބައެއް ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.

"މައްސަލައެއް ޖައްސަންޏާ ޖައްސަންވާނީ ނުކިޔަވައިދޭ މައްސަލަ. ދަރިވަރުންގެ ނަޒަރުގައި އޮންލައިންކޮށް އިމްތިހާނު ދޭންވީމަ އޯކޭ. ހަމައެޕޭޕަރު ފިޒިކަލްކޮށް ދިނީމަ ދަރިވަރުންނަށް ދިމާވާ މައްސަލަ އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ. އޮންލައިންކޮށް ކިޔަވައިދީފަ ހުންނަ އެއްޗެހިން އަދި ފިޒިކަލްކޮށް އިމްތިހާނު ދިނުމަކީ މައްސަލައެއް ކަމަށް ގަބޫލެއް ނުކުރަން،" ޑރ ޒަކަރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މިކަމަކީ ޕެޓިޝަން ހުށަހަޅައިގެން ކުރަންޖެހޭވަރުގެ ކަމެއްނޫންކަމަށާއި ޔުނިވާސިޓީގެ ގަވާއިދުތަކާއި ޕޮލިސީތައް ބަދަލުކުރުމަށް ދަރިވަރުން ނިކުންނަން ޖެހޭނީ އެދަރިވަރުންގެ ހައްގެން ގެއްލިގެންދާ ހާލަތުގައި ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ. އިމްތިހާނެއް ދެވޭގޮތުން އެކުދިންގެ ހައްގެއް ގެއްލިގެންދާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރު ފެށުނުއިރުވެސް ކޮވިޑްގެ ހާލަތު އޮތްކަމަށް އިއުލާނުކުރެވިފައިވުމާއެކު ޔުނިވާސިޓީގެ ޖާގައިގެ ދަތިކަމުގެ އިތުރުން ރާއްޖެތެރޭ ރަށްރަށުގައި ދަރިވަރުން ތިބުމާ ގުޅިގެން އޮންލައިންކޮށް މިއަހަރުގެ ސެމިސްޓާ ފެށުމުގެ ސަބަބުން އޮންލައިންކޮށް ކުރިއަށް ގެންދަން ބޭނުންވި ކަމަށް ޔުނިވާސިޓީ އިން ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ އަންނަ އަހަރު ފެށޭއިރު ޔުނިވާސިޓީއަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ހުރިހާ ކަމެއް ވެސް ފިޒިކަލްކޮށް އަންނަ އަހަރުގެ ސެމިސްޓާ ފެށިގެންދާއިރު ބަދަލުވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އައިޔޫއެމުން ބުނެއެވެ.

އައިޔޫއެމް ދަރިވަރުން ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް ބަހާއުﷲ އިބްރާހީމް އިއްޔެ ވިދާޅުވީ ދަރިވަރުން ހުށަހަޅައިފައިވަނީ ވަރަށް ރަނގަޅު ޕެޓިޝަނެއް ކަމަށާއި އެ ޔޫނިއަންގެ ތާއީދު ވެސް ޕެޓިޝަނަށް އޮތް ކަމަށެވެ.

ބަހާއުﷲ ވިދާޅުވީ އޮންލައިން ކްލާސްތަކުގައި ދަރިވަރުން އުނގެނެނީ ވަރަށް ދަތި ހާލުގައި ކަމަށާއި ގިނަ ކްލާސްތަކުގައި ނަގައިދޭ ފިލާވަޅުތައް ދަރިވަރުންނަށް ނަގައި ވެސް ނުގަނެވޭ ކަމަށެވެ.

އެހެންނަމަވެސް މިއަދު އެ ޔުނިވާސިޓީ އިން ފާހަގަކުރެއްވިގޮތުގައި އޮންލައިންކޮށް އިމްތިހާނު ދިނުމަށް ވިސްނުން ނުގެންގުޅޭ ކަމަށާއި އިމްތިހާނު ކުރިއަށް ގެންދާނީ ދަރިވަރިން ހާޒިރުކޮށްގެން ކަމަށެވެ.