ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ބޭނުންނަމަ ރާއްޖެ ގެންދެވޭނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ނަމަވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެވޭނެ ފަދަ ގޮތެއް ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައްހަ ތަހުގީގާއި ދައުވާއެއް ކޮށްފިނަމަ ކޮންމެ ގައުމަކުން ވެސް އެކަން ބަލައިގަންނާނެ ކަމަށެވެ.

އެހެންނަމަވެސް އަލީ ވަހީދު ކުރި ކުށެއް ބުނެ ނުދެވޭނަމަ "ބޭނުން ހާ އެއްޗެއް ނުހެދޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

" ފްރޭމްކޮށް، ކުރެވޭ ތުހުމަތެއް، ކުރި ކުށެއް ކޯޓުގައިވެސް ޕީޖީއަށް ބުނެނުދެވެންޏާ ދުނިޔޭގެ ސިސްޓަމް ތަކުގައި ބޭނުންހާ އެއްޗެއް ނުހެދޭނެ. އިރާދަފުޅުން އިންސާފު ހޯދާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.

އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އިނގިރޭސިވިލާތުގެ ކޯޓުތަކާއި ފަނޑިޔާރުންނާ ރާއްޖޭގެ ޖޭއެސްސީން ނުކުޅެވޭނެ ކަމަށާއި އިދާރާތަކުން އޭނާ ރާއްޖެ ގެންނަން މަސައްކަތް ނުކުރަނީ އެ ސަބަބަށް ޓަކައި ކަމަށެވެ.

"އިނގިރޭސިވިލާތުގެ ކޯޓުތައް ހުރީ ހުޅުވިފަ. ރައީސް އޮފީހުން ގުޅާލާފަ، ޖޭ.އެސް.އީ.އިން ގަޅުވާލާފަ މިތަނުގައި ފަނޑިޔާރުގެއަކާ ނުކުޅެވޭނެ. އަވަހަށް ވަޑައިގަންނަވާ. އަޅުގަނޑު މިހުރީ ނިޒާމުގެ ތެރެއިން ޖަވާބުދާރީވާން ތައްޔާރަށް. ކުޅިކުޅިވަރު ކުޅޭކަށް ފުރުސަތެއް ނުދޭނަން. އެނބުރިއަންނާނަން،" އެނބުރި އަންނާނެ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައި އަލީ ވަހީދު ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީޕީ ހަމީދު ވިދާޅުވީ އަލީ ވަހީދަށް ކުރެވިފައިވާ ދައުވާތަކަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް އިންޓަޕޯލުން އަލީ ވަހީދު ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެފައިނުވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ކޯޓުން އަޅުގަނޑުމެންގެ މައްޗަށް އަމުރު ނެރޭ ހިސާބުން އެ މަސައްކަތް ހިނގާނެ، ހަމައެހެންމެ އިންޓަޕޯލު ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ގައުމުގައި އެކި ގޮތްގޮތަށް އެއަށް އަމަލުކުރާ ނޯޓިސްތަކެއް، އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް، އެ މީހަކު ހައްޔަރުކޮށްގެން އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ވިދާޅުވިއެވެ.

އަލީ ވަހީދަށް ކޮށްފައިވާ ހުކުމުގެ ބާވަތުން އޭނާ ރާއްޖެ ގެނައުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށް ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، އެފަދަ ހުކުމް ކޮށްފައިވާ ފަރާތްތައް އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުމުގެ އެއްބަސްވުމެއް ދެ ގައުމު ދެމެދުގައި ހަދާފައި ނުވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ ދައުވާތައް އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.