22 Nov 2021, 07:57
އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާން ޖަމާއަތުން އެ ގައުމުގައި އަންހެނުން ޓީވީ ޑްރާމާތަކަށް އެރުން މަނާކޮށްފިއެވެ.
މި ނިންމުން ނިންމައިފައިވަނީ ތާލިބާން ޖަމާއަތުން ހެދި އާ ގަވާއިދުތަކެއްގެ ދަށުންނެވެ. އެގޮތުން ޖުމްލަ އަށް ގަވައިދެއް ވަނީ ހަދާފައެވެ.
އޭގެ ތެރޭގައި އިސްލާމީ ޝަރީއަތާ ދެކޮޅު ޑްރާމާއާއި ފިލްމު ޓީވީއިން ދެއްކުން މަނާކުރުމާއި، އަފްގާނިސްތާނުގެ ގާނޫނުތަކާ ހިލާފު ކަންކަން ފެެންނަ ޑްރާމާތައް ދެއްކުން މަނާކުރުން ހިމެނެއެެވެ. އަދި ފިރިހެނުން އެ މީހުންގެ ހަށިގަނޑުގެ އައުރައާއި ވަނާތައް ދައްކާ މަންޒަރުތައް ދެއްކުން ވެސް ވަނީ މަނާކޮށްފައެެވެ.
އެ ޖަމާއަތުން އެ ގައުމުގެ ވެރިކަން ނެގުމަށްފަހު ވަނީ ޓީވީ ޕްރެޒެންޓަރުންނާއި ނޫސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ވެސް ޓީވީއަށް އަރާ ވަގުތު ބުރުގާ އެޅުމަށް އަންގާފައެެވެ.
އެއާއެކު ބައެއް ފަރާތްތަކުން އަންނަނީ މިއީ އެއްވެސް ކަހަލަ ބޭނުމެއް ނެތް ނިންމުންތަކެއްކަމަށް ބުނަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ހަރުކަށި ފިޔަވަޅުތައް އަޅާފާނެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
މީގެ ކުރިން ތާލިބާން ޖަމާއަތުން 1990ވަނަ އަހަރު އެ ގައުމުގެ ވެރިކަން ކުރި އިރު ވަނީ އަންހެނުން ތައުލީމު ހާސިލްކުރުން ވެސް މަނާކޮޮށްފައެވެ.