22 Nov 2021, 07:54
ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރަން ފެށީ އެކްޓަރަކަށް ވާން އެެއްވެސް ވަރަކަށް ބޭނުންވެގެން ނޫން ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރާނީ މުކެރްޖީ ބުނެފިއެވެ.
ރާނީ ބުނީ އެކްޓު ކުރުމަށް ލޯބިޖެހުނީ ބެލުންތެރިންގެ ސަޕޯޓުންނާއި އެމީހުން ކުރި ތައުރީފުގެ ސަބަބުންނެވެ.
ރާނީ ބުނީ އޭނާ ފިލްމީ ދާއިރާގައި މަސައްކަތް ކުރާތާ 25 އަހަރު ފުރިފައިވީ ނަމަވެސް އޭނާއަށް މި ދާއިރާގައި ކުރިއަށް އާދެވުނުކަމަށް ގަބޫލުކުރަން ދަތިކަމަށެވެ.
ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ބެލުންތެރިންނަށް ރާނީ ފެނިގެންދިޔައީ 1996 ވަނަ އަހަރު ނެރުނު "ރާޖާ ކީ އާޔޭގީ ބަރާތު" މި ފިލްމުންނެވެ. އެއީ އޭނާގެ އުމުރުން 18 އަހަރު ކުޅުނު ފިލްމެކެވެ.
ދެން ބެލުންތެރިނަށް ރާނީ ފެނިގެންދިޔައީ އޭގެ ދެ އަހަރު ފަހުން މަޝްހޫރު ތަރި އާމިރު ޚާނާއެކު ކުޅެފައިވާ "ގުލާމް"އިންނެވެ. އަދި ޝާރުކް ޚާނާއެކު ކުޅެފައިވާ "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ. މި ތިން ފިލްމަކީވެސް ރާނީގެ ފިލްމީ ދުނިޔޭގައި ކާމިޔާބު ފިލްމުތަކެވެ. ވަކިން ހާއްސަކޮށް ކުޗް ކުޗް ހޯތާ ހޭ އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، އޭނާގެ ކެރިއަރު ބަދަލުކޮށްލި ފިލްމަކަށް އެފިލްމް ވެގެން ދިޔައެވެ.
ރާނީ ބުނެފައިވަނީ އެކްޓިންގެ ދާއިރާއިން ކުރިއަށް ދިއުމަކީ އޭނާ ބޭނުންވި ގޮތް ނޫންކަމަށާއި އެއީ ކުރާހިތްވެގެން ކުރި ކަމެއް ނޫންކަމަށެވެ. ކޮންމެ މީހަކުވެސް ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ކަނޑައަޅައި އެކަމަށް އުއްމީދުކޮށް ތައްޔާރުވާނީ އެކަމަކަށް ލޯބިޖެހިފައިވާނަމަ ކަމަށާއި ނަމަވެސް ފިލްމީ ދާއިރާގެ މަސައްކަތަށް އޮތް ލޯބި އޭނާއަށް ސިފަކުރެވިގެން ދިޔައީ "އެރޭންޖްޑް މެރިޖެއް" ގޮތަށްކަމަށްވެސް ރާނީ ބުންޏެވެ. ނަމަވެސް ބެލުންތެރިންގެ ސަޕޯޓުންނާއި ލޯބިން އޭނާގެ ވިސްނުން ބަދަލުވެ، އެކްޓިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.
ރާނީ ބުނީ ފިލްމީ ދާއިރާގައި މަސައްކަތްކުރަން ބޭނުންނުވި ނަމަވެސް އެކަމުގައި ވަގުތު ހޭދަކޮށް ދާއިރާގައި މަސައްކަތްކުރީ ރާނީގެ މަންމަ، ލަވަކިޔުންތެރިޔާ ކްރިޝްނާ މުކެރްޖީގެ އެކަން ކުރުމަށް އެދުމުންނެވެ.
ރާނީގެ އެންމެ ކާމީޔާބު ފިލްމްތަކުގެ ތެރޭގައި "ސާތިޔާ"، "ހަމް ތުމް"، "ވީރް ޒާރާ"، "ޗަލްތޭ ޗަލްތޭ" އަދި " ބަންޓީ އޯރް ބަބްލީ" ހިމެނެއެވެ.
ފިލްމަކުން ރާނީ ދެން ފެނިގެންދާނީ ކޮން އިރަކުން ކަމާމެދު ފޭނުންގެ ސުވާލު އުފޭދޭނެކަމާއި އަދި އެމީހުން ތިބީ ފިލްމަކުން އޭނާ ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށް ބުނެފައިވާއިރު ފޭނުން މާޔޫސްކޮށްނުލާނަން ކަމަށް ރާނީ ބުނެފައިވެއެވެ.