ރާއްޖެ އަންނަ ކަނޑުއުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންގުޅޭ ހަތިޔާރު އެމްއެންޑީއެފް އާއި ހަވާލު ކުރުމުގައި މެދުވެރިއަކަށް ވުމުގެ ހުއްދަ 15 ފަރާތަކަށް މިއަދު ދީފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ހަތިޔާރާއެކު ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކާމެދު އަމަލު ކުރަންވީ އުސޫލް ބަޔާންކޮށްފައިވާ ގަވާއިދުގެ ދަށުން ރާއްޖޭގައި ބޯޓެއް އޮންނަ މުއްދަތުގައި ހަތިޔާރު ހަވާލު ކުރަންޖެހޭނީ ސަލާމަތީ ބާރުތަކާ ކަމަށެވެ. ވުމާއެކު އެފަދަ އުޅަނދުތަކުގެ ހަތިޔާރު ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފާއި ހަވާލު ކުރަންޖެހޭ ގޮތް ވިލަރެސް ކުރުމުގެ ހުއްދަ ނުވަތަ ލޯކަލް ކޯޑިނޭޓިން އެޖެންޓްކަން ކުރުމުގެ ރަސްމީ ހުއްދަ މިއަދު 15 ފަރާތަކަށް ދީފައިވާ ކަމަށެވެ.

ބޯޓްތަކުގެ ވެރިފަރާތާއި ނުވަތަ ސެކިއުރުޓީ ބަލަހައްޓާ ފަރާތްތަކާ ދެމެދު އެ މަސައްކަތް ވިލަރެސްކޮށް، ކަންކަން ހަމަޖެއްސުމުގައި މެދުވެރިއެއްގެ ރޯލް އަދާކުރަން ލޯކަލް ކޯޑިނޭޓިންގެ އެޖެންޓުންނަށް ދިން ނަމަވެސް ހަތިޔާރާއި ހަވާލުވުމާއި އެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ދޫކުރުމުގެ ކަންތައް ކުރާނީ ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފުންނެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ހަތިޔާރު ހަވާލު ކުރުމުގައި މެދުވެރިއެއްގެ ރޯލް ލޯކަލް ކޯޑިނޭޓިން އެޖެންޓުންނަށް ދީފައިވަނީ މިދިއަ އަހަރު އޮގަސްޓްމަހު ގެޒެޓްކުރި ގަވާއިދެއްގެ ދަށުން ކަމަށާއި އެކަން ތަންފީޒުކުރުން ލަސްވެގެންދިޔައީ އެ ގަވާއިދު އިސްލާހު ކުރަން ޖެހުމުން ކަމަށެވެ. އެ ގަވާއިދު އިސްލާހުކޮށް ސަރުކާރުގެ ގެޒެޓްގައި އަލުން ޝާއިރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ 23ގަ އެވެ. އެ ގަވާއިދުގެ ދަށުން ލޯކަލް ކޯޑިނޭޓިން އެޖެންޓުކަމުގެ ހުއްދަ 15 ފަރާތަކަށް ދިންނަމަވެސް އިތުރު ފަރާތްތަކަށް އެ ހުއްދަ ދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

ލޯކަލް ކޯޑިނޭޓިން އެޖެންޓް ކަމުގެ ހުއްދަ 15 ފަރާތަކަށް މިއަދު ދިނުމަށް ކޯސްގާޑް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވީ ލޯކަލް ކޯޑިނޭޓިން އެޖެންޓްކަން ކުރުމުގެ ހުއްދަ ލިބުމަކީ ހަތިޔާރު ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި ބޭރު ކުރެވޭނެ ހުއްދައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އަލަށް ކޮންމެ ކަމެއް ފައްޓާއިރުވެސް އެކަމާމެދު ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށާއި އެކަން ވީއެންމެ ފުރިހަމައަށް ގެންދިއުމަށްޓަކައި ޑިފެންސް މިނިސްޓްރީ ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރެއްވުމަށް ވެސް ނާޒިން އެދިވަޑައިގެންނެވި އެވެ.