21 Nov 2021, 17:58
މިރެއިން ފެށިގެން ސިނަމާލެ ބުރިޖުގެ ލޭންތަކެއް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިރޭ 23:30އިން ފެށިގެން މާދަމާ ފަތިހު 5:00 ޖެހުމާއި ހަމައަށް ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެއެވެ. އަދި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ މަގުވެސް ބަންދުވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ދެ ލޭން ބަންދު ވި ނަމަވެސް ފުލުހުން ކަނޑައަޅައިފައިވާ ވަކި ލޭންތަކަކުން، ފުލުހުންގެ އިރުޝާދާ އެއްގޮތްވާ ގޮތަށް ދަތުރުކުރުމުގެ ފުރުސަތު އާންމުނަށް ހުޅުވާލެވިފައި އޮންނާނެއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމްކަމާލުއްދީން "ސަން"އަށް ވިދާޅުވީ ބްރިޖް ބަންދުކުރީ ބްރިޖްގެ ނަން ބޯޑު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.
"ދޭތެރެ ދޭތެރެއިން މެއިންޓެނެންސްގެ މަސައްކަތްތަައް ބުރިޖުގެ އެކި ސަރަހައްދުތަކުގައި ކުރާނެ. އެކަމާ ގުޅިގެން ބައެއް ފަހަރު އެކި ލޭންތައް ވަކި ވަގުތަކަށް ބަންދު ކުރެވޭނެ. މިހާރު ކުރެވެމުން ދަނީ ނަން ބޯޑުގެ މަސައްކަތް. ފަތިސް ވާން ވާއިރަށް ނިންމާލެވޭނެ،" އޭނާ ވިދާޅުވިއެވެ.