21 Nov 2021, 17:12
މާލޭގެ މިސްކިތަކަށް ކުޑަކަމުދިޔަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކުޑަކަމުދިޔަ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށެވެ. އޭނާ ކުުޑަކަމު ގޮސްފައިވަނީ ޖަލާލުއްދީނު މިސްކިތުގެ ގޯތި ތެރެއަށް ކުޑަކަމު ދިޔުމުންނެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 19:58ހާއިރެވެ. ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ހަތް ދުވަސް ޖަހާފައިވާކަަމަށެވެ. މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިން ވެސް އިސްލާމީ މަރުކަޒުގެ ތެރެއަށާއި ރައީސް އޮފީހުގެ އިތުރުން ހުކުރު މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ މައްސަލައިގައި ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއިރު އޭނާ ހައްޔަރުކޮށް ފުލުހުން ވަނީ އޭނާއަކީ ބުއްދި ހަމަނުޖެހޭ ނަފްސާނީ މައްސަލަ ހުންނަ މީހެއްކަަމަށް ބުނެފައެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީން ވަނީ އޭނާގެ އެފަދަ މައްސަލައެއް ނެތްކަމަށް ބުނެފައެވެ.
އަދި އޭނާ ދޫކޮށްލުމާއެކު މާ ގިނަ ދުވަސްތަކެއް ނުވެ އޭނާވަނީ އިބްރާހިމީ މިސްކިތުގެ ތެރެއަށް ވަދެ ހަތިމެއްގެ ތެރެއަށް ރަތް ކުޅު ޖަހައިފައެެވެ. މި މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފައި ވަނީ އިއްޔެއެވެ.