އޮންލައިން ކްލާސްތައް ނެގުމަށްފަހު، އިމްތިހާނު ހޯލަށް ހާޒިރުވެގެން އިމްތިހާނު ހަދަން ދެކޮޅު ހަދައި، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ދަރިވަރުން ޕެޓިޝަނެއް ޔުނިވާސިޓީއަށް މިއަދު ހުށަހަޅައިފިއެވެ.

އައިޔޫއެމްގެ އެކަޑެމިކް ބޯޑަށް މިއަދު ހުށަހެޅި ޕެޓިޝަނުގައި އެ ޔުނިވާސިޓީގެ 300 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ސޮއިކޮށްފައެވެ.

ޕެޓިޝަނުަގައި ސޮއިކުރި ގިނަ ދަރިވަރުން ބުނެފައިވާ ގޮތުގައި ހާޒިރުވެގެން އިމްތިހާނު ހަދަން ބޭނުން ނުވަނީ އޮންލައިން ކޮށް ކިޔަވައިދިނުމުގެ ސަބަބުންނެވެ. އޮންލައިންކޮށް ކްލާސްތައް ނެގުމަށްފަހު، ހާޒިރުވެގެން އިމްތިހާނު ހެދުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ގިނަ ދަރިވަރުން ވަނީ ބުނެފައެވެ.

އައިޔޫއެމް ދަރިވަރުން ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް ބަހާއުﷲ އިބްރާހީމް ވިދާޅުވީ ދަރިވަރުން ހުށަހަޅައިފައިވަނީ ވަރަށް ރަނގަޅު ޕެޓިޝަނެއް ކަމަށާއި އެ ޔޫނިއަންގެ ތާއީދު ވެސް ޕެޓިޝަނަށް އޮތް ކަމަށެވެ.

ބަހާއުﷲ ވިދާޅުވީ އޮންލައިން ކްލާސްތަކުގައި ދަރިވަރުން އުނގެނެނީ ވަރަށް ދަތި ހާލުގައި ކަމަށާއި ގިނަ ކްލާސްތަކުގައި ނަގައިދޭ ފިލާވަޅުތައް ދަރިވަރުންނަށް ނަގައި ވެސް ނުގަނެވޭ ކަމަށެވެ.

"އަޅުގަނޑުމެން ކިޔަވާ ކުދިންނަށް އެނގޭނީ އަސްލު [އޮންލައިންކޮށް ކިޔަވައިދިނުން] ކާމިޔާބެއް ނޫން، ޒީރޯ ޕަސެންޓު ވެސް އަސްލު ކާމިޔާބު ނުވޭ އޭގަ، ޑެލިވާއެއް ނުވޭ، ކިޔާ ނުކިޔާއެއް ނޭނގޭ، އަޑު ކެނޑޭ، ކްލާހުން ބޭރުވޭ، ކްލާހަށް ޖޮއިން ކުރާއިރު އެޓެންޑަންސެއް ނުލިބޭ، މިހެން ގޮސް އަސްލު ވަރަށް ހާލުގައި ކުދިން އުޅެނީ،" އޮންލައިން ކްލާސްތަކުގައި ހުރި ދަތިތައް ހިއްސާކުރަމުން ބަހާއުﷲ ވިދާޅުވިއެވެ.

ހަމައެހެންމެ ގޭތެރޭގެ މާހައުލަކީ ކޮންމެ ކުއްޖަކު ތައުލީމު ހާސިލްކުރަން އެންމެ ފަސޭހަ، އެކަށޭނަ މާހައުލު ނޫން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަހާއުﷲ ވިދާޅުވީ އޮންލައިން ކްލާސްތަކުގައި މިފަދަ އެތައް ގިނަ ކަންބޮޑުވުންތައް ހުރިއިރު، އިމްތިހާނު ހޯލަށް ހާޒިރުވެގެން އިމްތިހާނު ހަދަން ގިނަ ކުދިން ތައްޔާރު ނޫން ކަމަށެވެ.

"ތިމަންނަމެންނަށް ފޭސް ޓު ފޭސްކޮށް އިމްތިހާނު ހަދަން އޯކޭއޭ، ފޭސް ޓު ފޭސްކޮށް ކިޔަވައިދޭނަމަ، ހުރިހާ ކުދިންނަށް ވެސް އެގޮތް އޯކޭ، ޔޫނިއަންގެ ސްޓޭންޑަކީ ވެސް އެއީ، ޔޫނިއަންއިން ވެސް ބޭނުންވަނީ ފޭސް ޓު ފޭސްކޮށް ކިޔަވައިދީފަ ފޭސް ޓު ފޭސް އެކްޒާމް ނަގަން އަދި އޮންލައިން ކޮށް ކިޔަވައިދެންޏާ އޮންލައިންކޮށް ޓެސްޓުތައް ނަގަން،" ބަހާއުﷲ ވިދާޅުވިއެވެ.