21 Nov 2021, 15:57
ނ. ފޮއްދޫ ރަށް ގިރުމުގެ މައްސަލައާއި ގުޅިގެން ރަށުގެ ރައްޔިތުންނާއި އެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރަށުގެ ހުޅަނގު ފަރާތު އަތިރިމަތިން އާދަޔާ ހިލާފަށް ގިރަމުން އަންނަ މަައްސަލައާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ހުރ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު މޫސާ "ސަން"އަށް ވިދާޅުވީ މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް މިހާރު އެންވަޔަރަމަންޓް މިނިސްޓްރީއަށް ވެސް ހުށަހަޅައިފައިވާކަމަށެވެ. ނަމަވެސް އަދި ޖަވާބެއް ލިބިފައިނުވާކަމަަށް އޭނާ ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް ގިރަމުން އަންނަނީ ހަމަ. ވަރަށް ބޮޑަށް. 200 މީޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރުވަނީ ގިރާފައި. ދެން އަޅުގަނޑުމެން ވާނީ ފޮނުވާފަ މިކަމުގެ ކަންބޮޑުވުން ހިއްސާކޮށް އެންވަޔަރަަމަންޓް މިނިސްޓްރީއަށް ވެސް. ނަމަވެސް އަދި ރަސްމީ ޖަވާބެއް ލިބިފައެއްނުވޭ،" މޫސާ ވިދާޅުވިއެެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ވެސް ގޮނޑުދޮށް ގިރުމުގެ މައްސަލަ ދިމާވަމުން އައިކަމަށެވެ. ނަމަވެސް އެއް އިރެއްގައި ވެސް އެ މައްސަލަ ހައްލުކުރުމަށް މާ ގިނަ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ. އެެއާއެކު އޭނާ ވިދާޅުވީ ރައްޔިތުންގެ އުންމީދަކީ މި މައްސަލަ ހައްލުކުރުމަށް ވީހާ ވެސް އަވަހަށް ފިޔަވަޅު އަޅައި އެކަން ހައްލުކުރުމުގެ މަސައްކަތް ފެށުންކަަމަށެވެ. އަދި މި ކަމުގެ ސަބަބުން ރަށަށް ލިބެމުން އަންނަ ގެއްލުންތައް ކުޑަވެގެން ދިއުންކަމަށެވެ.

ނ. ފޮއްދޫ ހުޅަނގު ފަރާތު އަތިރި މަތިން އާދަޔާ ހިލާފަށް އަންނަނީ ގިރަމުން -- ފޮޓޯ/ ސޯޝަލް މީޑިއާ
މި ކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު "ސަން"އަށް ވިދާޅުވީ ރާއްޖޭގެ އެެއްވެސް ރަށެއްގައި ތިމާވެށީގެ މައްސަލައެއްވާ ނަަމަ އެކަމެއް ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ބަލާނެކަމަށެވެ.
"ފޮއްދޫ އެކަންޏެއް ނޫން. ރާއްޖޭގެ އެއްވެސް ރަށެއްގައި ތިމާވެއްޓަށް ނުވަތަ ރަށަށް ގެެއްލުންވާ ފަދަ އެއްވެސް ކަމެއް ނުވަތަ މައްސަލައެއްވާކަަމުގެ މައުލޫމާތު ލިބޭ ހިސާބުން އަޅުގަނޑުމެންގެ އެންވަޔަރަމަންޓް ޑިޕާޓުމަންޓުން އެ ކަން ބަލާނަން،" އޭނާ ވިދާޅުވިއެވެ.
އެއާއެކު އިތުރަށް އޭނާ ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގައި އެއްވެސް ރަށެއްގެ މެދުގައި ތަފާތުކުރުން ނުގެންގުޅޭނެކަމަށެވެ. އަދި އަބަދުވެސް މަސައްކަތްކުރާނީ ހަމަަހަމަ އުސޫލެއްގެ ދަށުންކަމަށް ބުންޏެވެ.