04 Mar 2012, 17:33
ގދ. އަތޮޅު ކައުންސިލް އިދާރާ އާއި ތިނަދޫ ޕޮލިސް ސްޓޭޝަނާއި ތިނަދޫ ކޯޓުގައި ހުޅުޖަހައި އަންދާލި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފި އެވެ.
ތިނަދޫގެ ތަންތަނުގައި ރޯކޮށްލި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރު ކުރި އެރަށު ރިހިވެލި، އަހުމަދު ރިޝާމް ޝަރީފް ގެ ބަންދާއި މެދު ގޮތެއް ނިންމަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ ފުލުހުން ހުށަހަޅާފައިވާ ކަންތައްތަކަށް ބެލުމަށް ފަހު އޭނާ 10 ދުވަހަށް ހޯމް މިނިސްޓްރީން އަންގާ ތަނެއްގައި ބަންދުކޮށްފައި ބަހައްޓަން އަމުރުކުރާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ތިނަދޫގެ ކޯޓާއި، ޕޮލިސް ސްޓޭޝަން އަދި ގދ. އަތޮޅު ކައުންސިލް އިދާރާއަށް ގަދަކަމުން ވަދެ ރޯކޮށްލި ކަމުގެ ތުހުމަތު ކަމަށެވެ. އަދި ވިދާޅުވީ ފުލުހުންނަށް ލިބިފައިވާ ވީޑިއޯ އަކުން އޭނާ ފުލުހުންގެ ގައިގައި ތަޅާ މަންޒަރާއި، އޮށްގާ އުކި މަންޒަރު ވެސް ފެންނަ ކަމަށެވެ.
އެ މައްސަލައިގައި މީހެއްގެ ބަޔާން އަދި ފުލުހުންނަށް ނެގިފައި ނުވާ ކަމަށާއި އެ ބަޔާން ނެގުނުހާ އަވަހަކަށް އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް ވެސް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި އެވެ.
ސަންއޮންލައިނަށް މައުލޫމާތު ލިބިފައިވާގޮތުގައި ތިނަދޫގެ ތަންތާގައި ރޯކޮށްލި މައްސަލައިގައި މިހާތަނަށް ފުލުހުން ހައްޔަރުކޮށްފައި ވަނީ ހަމައެކަނި ރިޝާމެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިން ނެވެ.
ގދ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ތިނަދޫ ކޯޓު އަދި ތިނަދޫ ޕޮލިސް ސްޓޭޝަންގައި ރޯކޮށް އަންދާލުމާއި ގުޅިގެން އެތަންތަން ވަނީ ބޭނުން ނުކުރެވޭވަރުވެފަ އެވެ.
ރާއްޖެތެރޭގެ ރަށްރަށުގެ ތަންތާގައި ރޯކޮށްލި މައްސަލައިގައި ފުލުހުން މިހާތަނަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ހަމައެކަނި އައްޑޫ ސިޓީގެ ރަށްތަކުގެ ކޯޓުތަކާއި ޕޮލިސް ސްޓޭޝަން އަދި ސަރުކާރުގެ އެހެނިހެން އޮފީސްތަކުގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ 11 މީހެއްގެ މައްސަލަ އެވެ.