ޣައްޒާ (21 ނޮވެމްބަރު): ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ޖިހާދުކުރާ ހަމާސް ޖަމާޢަތަކީ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައަޅައި ހަމާސްއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ އަދި ޓެރަރިޒަމްގެ އަމަލުތަކަށް އިނގިރޭސި ދައުލަތުން ހިތްވަރު ދިނުންކަމަށް ހަމާސް ޖަމާއަތުން ސިފަކޮށްފިއެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލެވެކިޔާ އިސްތިއުމާރީ އެންޓިޓީ ފަލަސްތީނުގެ ބިމުގައި އުފައްދައި ފަލަސްތީނުގެ ބިން ފަލަސްތީނު ރައްޔިތުންގެ ކިބައިން އިސްތިއުމާރީ އުސޫލުން ނިގުޅައި ގަތުމުގައި އިނގިރޭސީން އަދާކޮށްފައިވާ ދައުރާއި އިނގިރޭސި ދައުލަތުން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއަށް އިތުރުވެގެންދާނެ ޖަރީމާއެއް ކަމުގައެވެ.

ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ

އިސްރާއީލެވެކިޔާ އިސްތިއުމާރީ އެންޓިޓީ ފަލަސްތީނުގެ ބިމުގައި އުފެއްދުމަށް މަގުފަހިކޮށްދިނީ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އިނގިރޭސީންގެ އަތްދަށުގައި ފަލަސްތީނުގެ ބިންތައްއޮތް ދުވަސްވަރު އިނގިރޭސި ދައުލަތުންނެވެ. މިކަމަށްޓަކައި 1917 ވަނައަހަރު އިނގިރޭސި އޭރުގެ ޚާރިޖީ ވަޒީރު ޖޯޖް ބެލްފޯ ވަނީ ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ގައުމީ ވަޒަނެއް (ދައުލަތެއް) އުފެއްދުމަށް އިނގިރޭސި ދައުލަތުން މަސައްކަތް ކޮށްދޭނެކަމަށްބުނެ ޣައިރު ގާނޫނީ ވައުދެއް ވެވަޑައިގެންފައެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅުނު ޒަޔަނިސްޓް ފިކުރުގެ ޔަހޫދީ ފަލަސްތީނުގެ ބިމަށް ހިޖްރަކޮށް ފަލަސްތީނުގެ ބިމުގައި ޔަހޫދީންނަށް ދައުލަތެއް އުފެއްދުމަށް މަގުފަހިވެގެން ދިޔައީ އިނގިރޭސީން ގެ މިވައުދުގެ ސަބަބުންނެވެ. ހަމާސް ގެ ބަޔާން ބުނާގޮތުން އިނގިރޭސިވިލާތަކީ އިސްރާއީލެކިޔާ ޒަޔަނިސްޓް އެންޓިޓީން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހުރިހާ އަނިޔާވެރި އަމަލަކަށް ސިއްރާއި ފާޅުގައި ތާއީދު ކުރަމުން ގެންދާ ގައުމެކެވެ.

ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ މިނިވަންކަމަށްޓަކައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ކުރާ ޖިހާދުވެސް އިނގިރޭސިވިލާތުން ސިފަކުރަމުން ގެންދަނީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައެވެ. ނަމަވެސް ބައިނަލްއަގްވާމީ ގާނޫނުގައި މިއީ ހުއްދަ ކަމެކެވެ. އަދި އދ. ގެ ޗާޓަރުގައި މިނިވަންކަމަށްޓަކައި އިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރުމަށް ބާރު އަޅައި އެއީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްގެއްކަމަށް ކަނޑައަޅާފައިވެއެވެ.

ޙަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއްކަމާއި ހަމާސްއާ ދެކޮޅަށް އިނގިރޭސިވިލާތުން ހަރުކަށި ފިޔަވަޅުތައް އެޅިކަން އިނގިރޭސި ދާޚިލީ ވަޒީރު ޕުރިޓީ ޕަޓޭލް އިއްޔެ އިއުލާން ކުރެއްވިއިރު އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އިނގިރޭސިވިލާތް ވަނީ ބީރުކަންފަތެއް ދީފައެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކަށް އަނިޔާކުރަނީ

އިސްރާއީލުން ހަމައެކަނި މިއަހަރު ތެރޭގައިވެސް ފަލަސްތީނުގެ ތިންހާހެއްހާ މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެތެރޭގައި ގިނައަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަނެއްކޮޅުން ހަނގުރާމައިގެ ޖަރީމާ ހިންގިކަމަށް ތުހުމަތުކުރެވިފައިވާ އިސްރާއީލުގެ މަސްއޫލުވެރިންނާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އިނގިރޭސިވިލާތް ވަނީ ނާކާމިޔާބުވެފައެވެ.

އިނގިރޭސިވިލާތުގެ މި ނިންމުމާއެކު އެގައުމުގައި ހަމާސް ޖަމާއަތަށް ތާއީދުކޮށް ވާހަކަ ދެއްކުމާއި ހަމާސްގެ ދިދަ ގެންގުޅުމާއި ފަލަސްތީނުގެ މިނިވަން ކަމާބެހޭގޮތުން ހަމާސްއިން ބާއްވާ ބައްދަލުވުންތައް ބޭއްވުންފަދަ ކަންކަން އިނގިރޭސިވިލާތުގައި މަނާވެގެންދާނެއެވެ. ނަމަވެސް މިނިންމުމަށް އަމަލީ ސިފަ އަންނާނީ އިނގިރޭސި ޕާލަމެންޓުން މިގަރާރު ފާސްކުރުމުންނެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވި އިނގިރޭސި ދާޚިލީ ވަޒީރު ޕަޓޭލަކީ އިސްރާއީލާ ގާތްގުޅުންތަކެއް ބާއްވާ ހަރުކަށި ޒަޔަނިސްޓް ފިކުރުގެ ބޭފުޅެކެވެ. އެމެރިކާއާއި ޔޫރަޕްގައި ބާރާއި ނުފޫޒު އޮންނަ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ތާއީދު ހޯއްދަވަން ޕަޓޭލް މަސައްކަތްކުރައްވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޕަޓޭލްގެ މިނިންމުމަށް އިސްރާއީލުންވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ނަމަވެސް އދ. ންވަނީ އިނގިރޭސިވިލާތުން އެގޮތަށް ނިންމި ނަމަވެސް ހަމާސްއާ މުއާމަލާތް ކުރަމުން ގެންދާނެކަމަށް ބުނެފައެވެ. ފަލަސްތީނުގެ ސަރުކާރުންވަނީ ޕަޓޭލް ގެ މިނިންމުމަކީ އިނގިރޭސިވިލާތުން ޕްރޮޕަގެންޑާކުރާ އިންސާނީ ހައްގުތަކާ މުޅިން ޚިލާފު އަމަލެއްކަމާއި މިއީ އިސްރާއީލުގެ އަނިޔާވެރިކަމަށް ތާއީދުކުރުން ކަމަށް ސިފަކޮށްފައެވެ.

އިނގިރޭސިވިލާތަކީ އެގައުމުގެ ބާރު އޮތް ދުވަސްވަރު އެގައުމުގެ އިސްތިއުމާރާ ދެކޮޅަށް މިނިވަންކަމަށް ޓަކައި ތެދުވި މީހުންގެ ބޮލުގައި ޓެރަރިޒަމްގެ ލޭބަލް އަޅުވައިގެން ގައުމުތައް އަޅުވެތިކޮށް ގައުމުތަކަށް ވެރިވެގަތުމުގެ ހަރުކަށި އަމަލުތަކެއް ހިންގާފައިވާ ގައުމެކެވެ.