21 Nov 2021, 22:42
ހދ. ނޭކުރެންދޫގައިވާ ކަނޑޫފާ މަރުވަމުންދާތީ އެކަމާ ގުޅޭ ސަބަބުތައް ހޯދުމަށް ދިރާސާކޮށް، ކުޅިން ސާމްޕަލް ނެގިތާ އަހަރެއް ވީއިރު، އެކަމުގެ އެއްވެސް ނަތީޖާއެއް ނުފެނި އެ ކަނޑޫފާގެ ހާލަތު އިތުރަށް ގޯސްވާން ފަށައިފިއެވެ.
ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ކަނޑޫފާ ހަލާކު ވަމުންދާ ކަމަށެވެ.
އެންވާރަމެންޓް މިނިސްޓްރީންވެސް މިދިޔަ އަހަރު އެކަމާ ގުޅިގެން މަސައްކަތް ތަކެއް ކޮށް، ސާވޭ ހެދި ނަމަވެސް ކަނޑޫފާތައް މަރުވާން ދިމާވާ ސަބަބު އަދިއަދަށް ދާންދެން ވެސް ސާފު ނުވާކަމަށް އަލީ ފާހަގަ ކުރެއްވިއެވެ.
ނޭކުރެންދޫ ކައުންސިލާއި ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ފެށި އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖަމުއިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ ދިރާސާއެކެވެ.
"އޭރުގަ އެކި ސަރަހައްދުތަކުން ސާމްޕަލްތައް ނެގި. ކަނޑޫފާތައް މަރުވާ ސަބަބު ހޯދުމަށްޓަކާ. އޭރުގަ އަޅުގަނޑު ހަނދާންވަނީ އަހުމަދުއާބާދުގެ ޔުނިވާސިޓީއަކަށް ފޮނުވީ [އޭގެ ސަބަބު ހޯދަން]. އަދިވެސް ކަނޑޫފާތައް މަރުވާ ސީދާ ސަބަބެއް ނޭނގެ،"
އޭގެފަހުން އެކަމާ ގުޅިގެން މާބޮޑު މަަސައްކަތްތަކެއް ނުކުރެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މިދިޔަ އަހަރު ދެފަހަރެއްގެ މަތިން ސާމްޕަލް ނަގާފައިވާކަން ފާހަގަ ކުރަމުން އަލީ ވިދާޅުވީ، މިދިޔަ އަހަރުގެ މެއި/ޖޫން މަހުގެ ފަހުން އެކަމާ ގުޅޭ މާގިނަ މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ.
ކަނޑޫފާގެ 95 ޕަސެންޓް މަރުވެފައިވާތީ، އެކަމާ ގުޅިގެން ކުރިއަށް އޮތް ތާނގައި ވައި ނުސާފު ވާނެ ކަމަށް އަލީ ލަފާކުރައްވައެވެ.

ނޭކުރެންދޫ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި -- ފޮޓޯ/ ސޭވް މޯލްޑިވްސް
އެެއްހާސް ފޫޓަށްވުރެ ބޮޑު ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ބައެއް މަރުވާތީ އެކަން ދިމާވާ ސަބަބު ހޯދުމަށް ސޭވް މޯލްޑިވްސް އިން ކައުންސިލާ ގުޅިގެން މިދިޔަ މަހުގެ ފަހުކޮޅު ހާއްސަ ފީލްޑް ސާވޭއެއް ހެދިއެވެ.
ސޭވް މޯލްޑިވްސް އިން އެ މަސައްކަތް ފެށި ފަހުން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވެސް ވަނީ އެ ސަރަހައްދަށް ގޮސް ކަނޑޫފާ ބަލާފައެވެ. އަދި އެކަމާ ގުޅޭ ހާއްސަ ދިރާސާއެއް ކުރިއެވެ.
އެކަމާ ގުޅިގެން ސޭވް މޯލްޑިވްސްގެ ފަރާތުން "ސަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ބުނީ، އެކި ސަބަބުތަކާއެކު އެ މަސައްކަތް ހުއްޓިފައިވާކަމަށެވެ.
މިދިޔަ އަހަރު ސާމްޕަލް ނަގައި، މަސައްކަތްތަކެއް ފެށި ނަމަވެސް ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ނުކުރެވި ހުއްޓުނީ، ދެވަނަ ސާމްޕަލް ނަގަން ޖެހުނު އިރު ސާމްޕަލް 'ނަގަންޖެހޭ ގޮތަށް' ނުނެގުމުން ކަމަށް ސޭވް މޯލްޑިވްސް އިން ބުންޏެވެ.
އޭގެ ފަހުން ކައުންސިލް ބަދަލުވުމާއި މޫސުން ގޯސްވުމާ ގުޅިގެން ހުއްޓުނު އެ މަސައްކަތް އަދިވެސް އޮތީ ހަމައެގޮތަށް ހުއްޓިފައެވެ.
އީޕީއޭގެ މަސައްކަތްތައް ވެސް އެދުވަސްވަރު ކުރިއަށް ދިޔަ ކަމަށާއި، ނަމަވެސް މަސައްކަތް ކުރިއަށް ދިޔައީ ދުވެލި މަޑުކޮށް ކަމަށް ސޭވް މޯލްޑިވްސް އިން ބުނެއެވެ. އަދި އޭގެ ފަހުން އެމަސައްކަތްތައް އިތުރަށް ކުރިއަށް ނުދާކަމަށް ބުންޏެވެ.
އޭރު ސޭވް މޯލްޑިވްސް އިން ނެގި ސާމްޕަލްތައް ޓެސްޓު ކުރުމުގެ މަގު އެމްޑަބްލިޔުއެސްސީއާ ގުޅިގެން ކައުންސިލުން ހަމަޖައްސައިދިން ކަމަށާއި، ނަމަވެސް މާލެ ގެންނަން ބެލި އިރު ބައެއް ސާމްޕަލްތައް ހަލާކުވެފައި ވާތީ އޭރު އެކަން ނުވީ ކަމަށް ސޭވް މޯލްޑިވްސްއިން ބުންޏެވެ.
އޭގެ ފަހުން ސާމްޕަލް ނެގުމަށް ރަށުގެ ބައެއް މީހުން ޓްރެއިން ކުރި ނަމަވެސް ކައުންސިލް ބަދަލުވުމާއި އިންތިހާބާއި ކެމްޕޭންތައް ކުރިމަތިވުމުން ހުއްޓާލި މަސައްކަތް އިތުރަށް ކުރިއަކަށް ނުދެއެވެ.
މިދިޔަ އަހަރުވެސް ބޮޑު ސަރަހައްދުތަކެއްގެ ގަސްތައް ހިކި، ފަތް ފައިބައި މަރުވަމުން ދިޔަ ނޭކުރެންދޫގެ ކަނޑޫފަލަކީ ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ ތަނެކެވެ.
އެކަމާ ގުޅިގެން މިދިޔަ އަހަރުވެސް ރައްޔިތުންގެ މަޖިލީހުގައި އަޑުއުފުލި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ކަނޑޫފަލުގައި ހުރެ އިއްޔެ ވީޑީއޯއެއް އާއްމުކޮށްފައެވެ.
ރާއްޖޭގައިވެސް އަދި މި ސަރަހައްދުގައިވެސް އޮތް އެންމެ ބޮޑު ކަނޑޫފަލަކީ ނޭކުރެންދޫ ކަނދޫފާކަން ފާހަގަ ކުރައްވާ ރާއީ ވިދާޅުވީ އެފަދަ ތަންތަން ހިމާޔަތް ކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމށް އަހަރެއް ވީއިރު އެތަން ނެތިގެންދާތަން ފެންނަ ކަމަށެވެ.