04 Mar 2012, 17:32
މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ޓްރަސްޓް އެކައުންޓެއް ގާއިމްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ މަސްތުވާތެކެއްޗާ ބެހޭ ގާނޫނުގެ ދަށުން ގާއިމް ކުރި، އެ އެކައުންޓަށް ޖަމާކުރާނީ ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކާލައިގެން ލިބޭ ފައިސާ އާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތަށް އެކި ފަރާތްތަކުން ހަދިޔާ ކުރާ ފައިސާ ކަމަށާއި އެ ފަންޑުގެ ފައިސާ ހަރަދުކުރާނީ މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާދިނުމުގެ ހިދުމަތް ރަނގަޅު ކުރަން ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ހިންގުމުގެ ޒިންމާ އުފުލާނީ އެކަމަށް ކަނޑައަޅާފައިވާ ގަވަރްނިން ބޯޑަކުން ކަމަށާއި އެ ފަންޑު ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި އެ އެކައުންޓްގައި ފައިސާ ހުރިނަމަ އެ ފައިސާ ޖަމާކުރާނީ ފިނޭންސްގެ ކޮންސޮލިޑޭޓެޑް ރެވެނިއު ފަންޑަށް ކަމަށެވެ. އެ ފަންޑު އުވާލެވޭނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ ބަދަލަކުން ނުވަތަ ޝަރުއީ ކޯޓަކުން ފަންޑު އުވާލުމަށް ހުކުމްކޮށްފި ނަމަ އެވެ.
ގާނޫނުގެ ދަށުން އެ ފަންޑުން އަހަރަކު ހަރަދުކުރާ ފައިސާގެ ރިޕޯޓް ޖެހިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާނެ އެވެ.