ބާސެލޯނާގެ ކޯޗުކަމާ އަލަށް ހަވާލުވި ޒަވީ ހަނަންޑޭޒްގެ ފުރަތަމަ މެޗުގައި، ވާދަވެރި ކުޅުމަކަށް ފަހު އެސްޕަންޔޯލް އަތުން ބާސާ މޮޅުވެއްޖެއެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު ޑާބީ މެޗުން އެ ޓީމު މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސެލޯނާއިން ވަނީ 13 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ ހަވަނައަށް ޖެހިލައިފައެވެ. ރޭގެ މެޗުން ބަލިވި އެސްޕަންޔޯލް 14 މެޗުން 17 ޕޮއިންޓް ހޯދައިގެން އޮތީ 11 ވަނައިގައެވެ.

ސީޒަން ފަށައިގެން ބާސެލޯނާގެ ކުޅުން އިންތިހާއަށް ގޯސްވެ، ބޮޑު އަނދަވަޅަކަށް ވެއްޓިފައި އޮއްވާ އެ ޓީމުގެ ކޯޗަކަށް ހުރި ރޮނާލްޑް ކޫމަން މަގާމުން ވަކިކޮށް ޒަވީ އެ މަގާމަށް ގެނައީ މި މަހުގެ ކުރީކޮޅެވެ. ރޭގެ ޑާބީ މެޗަކީ ޒަވީ ބާސެލޯނާއަށް ކޯޗުކަން ކޮށްދިން ފުރަތަމަ މެޗެވެ.

ރޭގެ މެޗު ފަށައިގެން ފުރަތަމަ 15 މިނަޓުގެ ތެރޭގައި ވެސް ބާސެލޯނާއިން ވަނީ ކުރީ މެޗުތަކާ ޙިލާފަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރަނގަޅު ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ އެހާ ހިސާބަށް ދިޔައިރު، 77 އިންސައްތަ ބޯލް ޕޮޒެޝަން ބާސެލޯނާއިން ވަނީ ހޯދައިފައެވެ.

ރޭގެ މެޗުގައި ބާސެލޯނާއިން ޖެހި ހަމަ އެކަނި ގޯލަކީ ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މެމްފިސް ޑިޕާއީ ކާމިޔާބު ކުރި ގޯލެވެ. އޭގެ ފަހުން ބާސެލޯނާއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރި ނަމަވެސް އެސްޕަންޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒް ވަނީ ބާސެލޯނާގެ ހަމަލާތައް ދިފާއުކޮށްފައެވެ.

މިވަގުތު ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތީ ރޭ ޑިޕޯޓިވޯ އަލަވެސްއާ 2-2 އިން އެއްވަރު ކުރި ސެވިއްޔާއެވެ. ސެވިއްޔާ އެއްވަނައިގައި 28 ޕޮއިންޓާ އެކު އޮތް އިރު، ދެވަނައިގައި އޮތް ރެއާލް ސޮސިއެޑާޑްއިން ވެސް ވަނީ 28 ޕޮއިންޓް ހޯދައިފައެވެ.