21 Nov 2021, 10:38
ޔޫތު މިނިސްޓަރު ކަމުގައި ހޭދަކުރެވުނު ތިން އަހަރުގެ ތެރޭގައި ހިތްހަަމަ ޖެހޭ, އިންގިލާބީ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން "ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ހުރިހާ ގޮތަކުން ބެލި ނަމަވެސް ފާއިތުވެ ދިޔަ ތިން އަހަރަކީ ވަރަށް ކާމިޔާބު ތިން އަހަރު ކަމަށެވެ.
"އެއީ އަޅުގަނޑު މި ހިސާބު ޖަހަނީ ވަރަށް ދަތި އުނދަގުލުގައި ދެ އަހަރު ފާއިތުވެގެން ގޮސް އޮވެމެ، ނަތީޖާ ނެރެވިފައި އޮތީމާ، މީކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެއްވެސް ރައީސަކަށް ކުރިމަތިލާން ޖެހި ވަޑައިގެންނެވި ވަރަށް ވުރެ ދަތި އުނދަގޫ ދުވަސް ވަރެއް، މުޅި ދުނިޔެއަށް ވެސް، އޭގެ ތެރެއިން މި ހުރިހާ ކަމެއް ހާސިލްވެގެން ދިޔައީތީ ވަރަށް އުފާކުރަން،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ތިން އަހަރު ތެރޭގައި ކުޅިވަރުގެ ދާއިރާއިން އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރު ދުވަސް ތެރޭގައި އެކަން ފެނިގެންދާނެ ކަމަށެވެ.
"ހީނުކުރާވަރުގެ، އަޅުގަނޑުމެންގެ ހިތަށް ގެންނަން ދަތިވާ ވަރުގެ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު އުންމީދުކުރާ ގޮތުގައި ކުރިއަށް މިއޮތް ދެ އަހަރު އެއްކޮށް ނިމޭނެ ބައެއް ކަންކަން ހުންނާނެ، އަދި ފެށިގެން ދާނެ ވަރަށް ބައިވަރު ކަންތައްތަކެއް ހުންނާނެ،" މަހުލޫފް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އަބަދުވެސް މަސައްކަތް ކުރަނީ ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށާއި ކޮވިޑް ދުވަސްވަރު ހޯދުނު ކާމިޔާބީތަކަކީ ވެސް އޭގެ ސަބަބުން ހާސިލުކުރެވުނު ކަންކަން ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް ކަންކަން ރާވާ ގޮތަކީ މަޑުކުރަން ނުތިބެ ހުރިހާ ކަމެއް ވެސް ފެށުން، އެހެންވީމާ ކޮވިޑް ދިމާވާއިރުގައި ވެސް އޮތީ އަޅުގަނޑުމެންނަށް ވަރަށް ބައިވަރު ކަންތައްތަކެއް ފެށިފަ، އިއުލާނުކުރެވިފަ، ސޮއިކުރެވިފަ، އެހެންވީމަ އެކަންތައް ނުހުއްޓާ ކުރިއަށް ދާ ގޮތަށް ކަންތައް ދިމާވެގެން ދިޔައީ،" މަހުލޫފް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކުރަން ބޭނުންވަނީ އޮފީހުގައި ޓައި އަޅައިގެން ތިބެގެން ނޫން ކަމަށާއި ބޭނުންވަނީ ފީލްޑަށް ނިކުމެ، ކަންކަން ގާތުން ބެލުމަށްފަހު މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ އެގޮތަށް ކަމުގައި ވިދާޅުވިއެވެ.
ހަމައެހެންމެ އެގޮތަށް ކަންކަން ކުރުމުން ނިކުންނަ ނަތީޖާ ރަނގަޅުކަން ފާހަގަކުރައްވައި މަހުލޫފް އިތުރަށް ވިދާޅުވީ އެ އުސޫލުން ކަންކަން ކުރުމުން ރަށްރަށަށް ގޮސް ހިނގަމުން އަންނަ ކަންކަމާއި ދިމާވާ މައްސަލަތައް ދެނެގަނެވޭ ކަމަށެވެ. އަދި އެއިރުން މަސައްކަތްތައް ކުރިއަށް ވުރެ ރަނގަޅަށް ނިމޭކަން މަހުލޫފް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މަހުލޫފް ފާހަގަކުރެއްވި އެއް ކަމަކީ ބައެއް މީހުން އެ މިނިސްޓްރީގެ މަސައްކަތްތަކަށް ފާޑުކިޔާ ކަމެވެ. ފުޓުބޯޅައަށް މާބޮޑަށް ހަރަދު ކުރާ ކަމަށް ބުނެއެވެ. ނުވަތަ މިނިސްޓްރީން އަޅަނީ ފުޓްސެލް ދަނޑު ކަމަށް ބުނެއެވެ. މި ވާހަކަތަކަށް މަހުލޫފްގެ ޖަވާބު ސާފެވެ. ކޮށްދެނީ ރައްޔިތުން ބޭނުންވާ ކަންކަމެވެ.
"ކޮންމެ ރަށަކުން ވެސް އެންމެ ފުރަތަމަ މި ބޭނުންވަނީ ކުޅިވަރު އިންފްރާސްޓްރަކްޗާ ކޮންމެ ރަށެއްގަ ގާއިމްކުރުމަށް، ހަގީގަތަކީ ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގަ އެއްވެސް ކަމެއް ނެތް، ކުއްލިއަކަށް އަޅުގަނޑުމެން މިކަންކަން ކުރާ ވާހަކަ މި ދައްކަނީ، ނެތް އެއްޗެއް ހޯދަން އުޅޭއިރު ހަމަ ފުޓުބޯޅަ ދަނޑު ނެތިއްޔާ އެ ވާހަކަ ވެސް ދައްކާނެތާ، ވޮލީކޯޓު ނެތިއްޔާ އެ ވާހަކަ ވެސް ދައްކާނެ،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ ކުޅިވަރު އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކަށްފަހު، އިޖުތިމާއީ މަރުކަޒުތަކާއި ޔޫތު އެމްޕަވާމެންޓަށް ބޭނުންވާ ވަސީލަތްތައް ވެސް ގާއިމްކޮށްދެމުން އަންނަ ކަމަށެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"މިހާރުވެސް އެ ޖާގަ ލިބުނު ހަމަ ހިސާބުން ފެށިގެން އެންޖީއޯ ފޯރަމްތައް ބާއްވަމުން މި އަންނަނީ، ކެޕެސިޓީ ބިލްޑުކުރުމުގެ މަސައްކަތް ކުރަމުން މި އަންނަނީ، އެ މީހުންނަށް ގްރާންޓު ޕްރޮގްރާމްތައް ރާވައިދީފަ އެހެރީ، ވަކިން ގްރާންޓް ޕްރޮގްރާމެއް އިންނާނެ. އެހެންވީމަ އެ ކަމެއް ތަންކޮޅެއް ކުރެވޭތަން ނުފެނި ދަނީ ކުޅިވަރުގެ ބައިވަރު ކަންތައްތަކެއް ހިނގައިފަ، ދެން މީގެ އަޑު ތަންކޮޅެއް މަޑީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް ވަނީ ކުރިން ގައުމީ ކުޅިވަރު ކުޅުންތެރިންގެ މެދުގައި ގެންގުޅުނު އުޖޫރައިގެ ފަރަގު މިހާރު ނައްތާލައިވާ ކަން ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ކުރިން ފުޓްބޯޅަ ކުޅުންތެރިންނަަށް 5000 ރުފިޔާ ލިބޭއިރު، އެހެން ކުޅިވަރުތަކަށް ލިބެނީ 2500 ރުފިޔާ ކަން ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ފުޓްބޯޅައަށް ނިސްބަތުން ގިނައިން ހޭދަކުރަން ޖެހޭ ސަބަބު ވެސް މިނިސްޓަރު ސާފުކޮށްދެއްވިއެވެ. އެގޮތުން ފުތްބޯޅައަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ހިތް އެދޭ ކުޅިވަރުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފުޓްބޯޅައަށް ގިނަ ބަޔަކު ހުންނަ ޝައުގު އެހެން ކުޅިވަރުތަކަށް ނުހުންނަ ކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަން ކޮށްދެނީ އެ ސަޕޯޓާއި ޑިމާންޑު އޮތް މިންވަރަކުން ކަމަށާއި ރާއްޖޭގައި ފުޓުބޯޅަ ދަނޑުތައް އިތުރުވަނީ އެ ސަބަބާ ހުރެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ފާއިތުވީ 10 އަހަރު ތަރައްގީނުވާ މިންވަރަށް ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރެވިފައިވާ ކަމަށް ދާއިރާގެ މިނިސްޓަރު ގަބޫލުކުރައްވައެވެ. ކުރިއަށް އޮތް ދެ އަހަރު ވެސް އެފަދަ އިތުރު މަޝްރޫއުތަކާއެކު އިންގިލާބީ ބަދަލުތަކެއް ފެނިގެންދާނެ ކަމުގެ ޔަގީންކަން ދެއްވައެވެ.