މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީން މާލެ އާއި އަތޮޅުތަކުގައި ކުރި މުޒާހަރާތަައް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ ބޮޑެތި ގެއްލުން ދީފައިވާ ތަންތަން އިމާރާތް ކުރަން ޗައިނާ ސަރުކާރުން 19 މިލިއަނެއްހާ ޑޮލަރުދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އިކްނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދު މިއަދު (އަންޑޭ) މިއަދު ވިދާޅުވީ އެ އިމާރާތްތައް ހަދަން ޗައިނާއިން އެހީވަނީ މީގެ ކުރިން ރާއްޖެއަށް ޗައިނާއިން ދޭނެ ކަމަށް އެއްބަސްވެފައިވާ 19 މިލިއަނެއްހާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ކަމަށެވެ.

"އެއީ ވަކި ކަމަކަށް އަދި ހަމަނުޖައްސާ އޮތް އެހީއެއް. އެބައިން އެޖަސްޓް ކުރެވޭނެ ކަމަށް އެބޭފުޅުން އިޝާރާތް ކުރައްވާފައި އޮތީ،" އަންޑޭ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަލާކުވި ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތައް އަލުން ހަދަން ހިނގާނެ ހަރަދާއި އެހެނިހެން މައުލޫމާތުތައް ހިމެނޭ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ކަމާ ބެހޭ އިދާރާތަކުގައި މިހާރު އެދިފައިވާ ކަމަށާއި ޕްރޮޕޯސަލްތައް ލިބުމުން ޗައިނާ ސަރުކާރާއެކު އިތުރަށް މަޝްވަރާކުރާނެ ކަމަށެވެ.

"އޭރުން އަޅުގަނޑުމެން އެއިން [ފައިސާއިން] އެޖެސްޓް ކުރާނެ ގޮތަކާ މެދު އިށީނދެ ތިވެ، ވާހަކަދެކެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ފެބުރުއަރީ އަށެއްގައި ހިންގި ހަމަނުޖެހުންތަކުގައި ހޯމްމިނިސްޓްރީގެ ދަށުގައި ހުރި ތަންތަނަށް ލިބުނު ގެއްލުމުގެ އަގު 183 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ފުލުހުންގެ މަރުކަޒުތަކަށް 112 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު ކޯޓުތަކަށް 50 މިލިއަން ރުފިޔާ ގެ ގެއްލުން ލިބުނެވެ. އަދި ރަށު ކައުންސިލްތަކުން ބަލަހައްޓާ ތަންތަނަށް 17 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް ވަނީ ލަފާކޮށްފަ އެވެ.