އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވަޓްފޯޑުން މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތަރު ގޯލު ޖެހި އިރު، ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާއަށް ރަތްކާޑެއް ދައްކައިފިއެވެ.

ވަޓްފޯޑްގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދީ 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ބައްޔާއެކު ޔުނައިޓެޑް ތާވަލުގެ ހަތްވަނައި އޮތީ 12 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. މިރޭގެ މެޗުން މޮޅުވި ވަޓްފޯޑް ވަނީ މެޗުން ލިބުނު ތިން ޕޮއިންޓާއެކު 16 ވަނައަށް ޖެހިލައިފައެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު ލީގުގެ ފުރަތަމަ މެޗުތައް މިރޭ ކުޅުނު އިރު، ޔުނައިޓެޑަށް އޮތީ މެޗަށް ނުކުތް އިރުވެސް ޕްރެޝަރު ބޮޑުވެފައެވެ. ސީޒަން ފެށުމުގެ ކުރިން ބޮޑު ހޭދައެއް ކުރި ޔުނައިޓެޑްގެ ނަތީޖާތައް ގޯސްވެފައިވާ އިރު، ބްރޭކަށް ދިއުމުގެ ކުރިން ވެސް ޔުނައިޓެޑް ވަނީ ކައިރި ކައިރީގައި ގިނަ ބަލިތަކެއް ވެފައެވެ.

މިރޭގެ މެޗު ފަށައިގެން އަށްވަނަ މިނަޓުގައި ވަޓްފޯޑަށް ލިބުނު ޕެނަލްޓީ އިސްމާއިލާ ސާރް ފޮނުވާލި އިރު، އެ ޕެނަލްޓީ ޑޭވިޑް ޑެހެއާ ވަނީ ދިފާއުކޮށްފައެވެ. އެއަށްފަހުން ވެސް ވަޓްފޯޑުން ފުރަތަމަ ހާފުގައި ރަނގަޅު ގިނަ ހަމަލާތަކެއް ކައިރި ކައިރީގައި އުފެއްދި އިރު، އެ ޓީމުން މެޗުގައި ލީޑު ނެގީ ޖޮޝުއާ ކިންގްގެ ގޯލުން 28 ވަނަ މިނަޓުގައެވެ. އަދި ސާރ ވަނީ ފުރަތަމަ ހާފު ނިމެންދަނިކޮށް ވަޓްފޯޑުގެ ދެވަނަ ގޯލު ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އެ ހާފުގައި ޔުނައިޓެޑުން އުފެއްދި ހަމައެކަނި ހަމަލާ ފޮނުވާލީ މާކަސް ރަޝްފޯޑްއެވެ. ރަޝްފޯޑް ފޮނުވާލި ހަމަލާ ވަޓްފޯޑްގެ ކީޕަރު ބެން ފޯސްޓާ ވަނީ ދިފާއުކޮށްފައެވެ.

ޔުނައިޓެޑުން ދެވަނަ ހާފު ފެށީ ބަދަލުތަކަކާ އެކުއެވެ. ރަޝްފޯޑްގެ ބަދަލުގައި އެންތޮނީ މާޝިއަލް ކުޅެން އެރިއިރު، ސްކޮޓް މެކްޓޮމިނޭގެ ބަދަލުގައި ޑޮނީ ވެންޑޮބީކް ވަނީ ކުޅެން ނުކުމެފައެވެ. ވެންޑޮބީކް ވަނީ ކުޅެން ނުކުތްތާ ފަސް މިނަޓުގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގެ އެސިސްޓަކުން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

އެކަމަކު އޭގެ އިރަކޮޅެއް ފަހުން ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ދެވަނަ ރީންދޫކާޑަކާއެކު ރަތް ކަޑެއް ދައްކައިފައެވެ. އޭގެ ފައިދާ ނަގައި ވަޓްފޯޑުން ވަނީ އިތުރު ދެ ގޯލު މެޗު ނިމުމުގެ ކުރިން ޖަހައިފައެވެ.

ވަޓްފޯޑަށް ދެވަނަ ހާފުގައި ގޯލުތައް ޖަހައިދިނީ އެމަނުއެލް ޑެނިސްއާއި ޖާއޯ ޕެޑްރޯއެވެ.

މީގެ އިތުރުން މިރޭ ލީގުގައި ލެސްޓާ އަތުން ހޯދި މޮޅާއެކު ޗެލްސީން ވަނީ އެއްވަނައިގައި ހަ ޕޮއިންޓަށް ފަރަގު ބޮޑުކޮށްފައެވެ. 0-3 އިން ޗެލްސީ މޮޅުވި އެ މެޗުގައި އެ ޓީމަށް ގޯލުތައް ޖަހައިދިނީ އެންޓޯނިއޯ ރުޑިގާއާއި، އެންގޯލޯ ކަންޓޭގެ އިތުރުން ކްރިސްޓިއަން ޕުލިސިޗްއެވެ.