މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ އެންމެ މުހިންމު އަސާސަކީ ބޭރު ގައުމުތަކުގެ ނުފޫޒުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

އެމްއާރްއެމްގެ ދެ ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕާޓީ އުފެދިގެން އައީ ގައުމީ މުހިންމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން އެންމެ މުހިންމު އަސާސަކީ އިސްލާމްދީނާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުން ކަމަށް ވަނީ ބުނެފައެވެ.

"ޕާޓީގެ އެންމެ މުހިންމު އަސާސަކީ ދިވެހިރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމެވެ." އެމްއާރްއެމުން ބުނެފައިވެއެވެ.

މި އަސާސްތަކުގެ މައްޗަށް ބިނާކޮށް، ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ގައުމަށް މަންފާ ކުުރާ، ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތައް އިސްކޮށްގެން ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްއާރްއެމްއިން ބުނީ މި މަސައްކަތުގައި އެންމެ މުހިންމުކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ މަތީން އިސްލާހަށް ކުރެވޭ މަސައްކަތްތައް ކަމަށެވެ.

އޭގެ ތެރޭގައި ދައުލަތް ހިންގުމުގެ ތިންބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ޕާޓީގެ އަސާސްތަކުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން އެމްއާރްއެމުން ވަނީ ޕާޓީން ކުރަމުން އަންނަ އިސްލާހީ ހަރަކާތްތަކުގައި ދެމި ތިބި ޕާޓީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވައި ޕާޓީގެ ރޫހަކީ އެއީ ކަމުގައި ބުނެފައެވެ.

ޑިސެމްބަރު 20، 2019ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާވި އެމްއާރުއެމްގެ ރައީސަކީ ފާރިޝް މައުމޫނެވެ. އެ ޕާޓީގެ ޒައީމަކީ ރައީސް މައުމޫނެވެ.