20 Nov 2021, 13:51
ހއ. ހޯރަފުށީ އެއާޕޯޓާއެކު ކޮންމެ މަހަކު ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި މިހާރު އެ ރަށަށް ލިބޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.
ރިޒްވީ މިހެން ވިދާޅުވީ ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވުމެންނެވެ. މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައިފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ރިޒްވީ ވިދާޅުވީ މާލޭގެ ހަލަބޮލި ދިރިއުޅުން ދޫކޮށް އެތަށް ބަޔަކު ވަޒީފާއަށް ރަށަށް ހިޖުރަ ކޮށްފައިވާ ކަމަށެވެ. ލޯބިވާ އާއިލާއާ ލޯބިވާ މައިބަފައިންނާާ ދުރުގައި އާމްދަނީ ހޯދަމުން ދިޔަ އެތައް ޒުވާނުންނެއް ރަށަށް ބަދަލުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއާޕޯޓާ އެކީ ހޯރަފުށީގައި އެތަށް ވަޒީފާއެއް އުފެދި، ވަޒީފާ އާ އެކީ މަހެއްގެ މައްޗަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ރަށުގެ އާމްދަނީއަށް ވަނީ އިތުރުވެފަ،" ރިޒްވީ ވިދާޅުވިއެވެ.

ހއ. ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ / ރައީސް އޮފީސް
އިގްތިސޯދީ ގޮތުން ހޯރަފުއްޓަށް މި ގެނެވުނު ބޮޑު ބަދަލުގެ ސަބަބުން ގިނަ ބަޔަކަށް ފައިދާ ކުރަމުން އަންނަ ކަމުގައިވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ ގައްލަންދޫ ކަނޑު ހުރަސްކޮށް ކުރަން ޖެހުނު ދަތުރުތައް މާޒިވާން ފަށައިފި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ހޯރަފުށީ އެއާޕޯޓު ހުޅުވި، އެއް އަހަރު ދުވަހުގެ ތެރޭގައި 10،000 މީހުންނަށް މި ފަސޭހައިގައި ދަތުރު ކުރެވިއްޖެ. އެތައް ބަލި މީހުންނެއް މާސިންގާ ކަނޑުގެ ބިޔަ ރާޅުތައް ހުރަސް ނުކޮށް ސިއްހީ ހިދުމަތް ލިބިގަނެފި. ޖުމްލަ ގޮތެއްގައި މި ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން ފަސޭހަ ވެގެން ހިނގައްޖެ،"
ރިޒްވީ އިތުރަށް ވިދާޅުވީ މި އެއާޕޯޓުގެ ސަބަބުން ދިވެހިރާއްޖޭގެ ތަބިއްޔަތާ އެއްގޮތަށް ލާމެހި، ލާމަރުކަޒު ހިނގަން ފަށައިފި ކަމަށެވެ.
"ހޯރަފުށީ އެއާޕޯޓަކީ މިއަދުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައިވާ ލާމަރުކަޒީ ރާޢްޖެއަކަށް ކުރާ މަސައްކަތުގެ ސާފުކޮށް ފެންނަ ތަސްވީރު. މި ތަސްވީރު ކުރަހާ މި ތަސްވީރުގައި ކުލަ ޖެއްސޭނީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ވެރިއަކަށް ކަން ޔަގީން،" އޭނާ ވިދާޅުވިއެވެ.
މިއަދު ހޯރަފުށީގެ ރައްޔިތުންނާއި އެ ސަރަހައްދުގެ އެންމެހާ ރައްޔިތުން ދެކޭ ތަރައްގީގެ ބާނީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަމުގައި ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވަނީ ރައީސް ސޯލިހާއި ސަރުކާރުގެ އިސްވެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންނަށް ރީޖަނަލް އެއާޕޯޓްސް އަދި ހޯރަފުށީ ރައްޔިތުންގެ ނަމުގައި ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވައިފައެވެ. އަދި ނައިބު ރައީސްގެ ފަރާތުން ރީޖަނަލް އެއާޕޯޓްސްގެ ހުރިހާ ކަމަކަަށް ދެއްވާ އެއްބާރުލުމާއި ތަރައްގީގެ ކަންކަމަށް ދެއްވާ އަހަންމިއްޔަތު ކަމަށް އެމަނިކުފާނަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.
ރިޒްވީ އިތުރަށް ވިދާޅުވީ މި ސަރުކާރުން ހޯރަފުށީ އެއާޕޯޓާމެދު ދެކޭ ތަސައްވަރު ބޮޑު ކަމުގައެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅު އެއާޕޯޓު ސާޓިފައި ކުރެވިފައިވާ ކަމަށާއި މި ފެށޭ އަހަރުގެ ތެރޭގައި އެއާޕޯޓުގެ ލައިޓިންގެ މަސައްކަތް ނިންމާ، ނައިޓް ލޭންޑިންގެ ހިދުމަތް ވީ އެންމެ އަވަހަކަށް ފެށޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާވަނީ ލައިޓިންގެ މަސަައްކަތައް ދޭންވާ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ އަރުވާފައެވެ.
ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވީ މި އެއާޕޯޓަކީ ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ހަމަހަމަކަން ގެނެސްދިން އެއާޕޯޓެއް ކަމުގައެވެ.
"މިއީ މި ސަރަހައްދުގެ އިގްދިސާދީ ދުވެލި ހަލުވި ކަމާއެކު ކުރިއަށް ދިއުމުގެ ބާރަކަށްވެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބި ރައްޔިތުންނަށް ފޯރުންތެރި އަދި ފަހި ދިރިއުޅުމެއް ގާއިމް ކުރެވިގެން ދިޔަ ވައިގެ ބަނދަރެއް،" ނަހުލާ ވިދާޅުވިއެވެ.

ހއ. ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ / ރައީސް އޮފީސް
މިންތީގެ ތަފާތު ކުރުމެއް ނެތި ވަޒީފާގެ ބާޒާރަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ދިޔަ މައި ދޮރޯއްޓެއް ކަމުގައި ހޯރަފުށީ އެއާޕޯޓު ނަހުލާ ވަނީ ސިފަ ކުރައްވާފައެވެ.
ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ހޯރަފުށީ ރައްޔިތުންގެ އަތުން ދަތުރުފަތުރު ކުރުމަށް ހިނގި ހަރަދުތައް ކުޑަވެއްޖެ ކަމަށާއި ދަތުރުފަތުރު ކުރުމުގެ އިތުބާރާ ޔަގީންކަން އެތައް ތަނަކުން ބޮޑުވެގެން ހިނގައްޖެ ކަމުގައެވެ.

ހއ. ހޯރަފުށީ އެއާޕޯޓަށް އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ / ރައީސް އޮފީސް
"ހަގީގީ ތެދުވެރި ވެރިންނަކީ އެ ވިދާޅުވާ އެއްޗެއްގަ ހިއްޕަވާ އެކަން ހަގީގަތަކަށް ހެއްދެވުމަށް ބުރަ އިހްލާސްތެރި މަސައްކަތް ކުރައްވާ ފަރާތްތައް،" އޭނާ ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ވައުދުވެ ވަޑައިގަންނަވާ، ވައުދު ފުއްދާ، ވައުދު ހަގީގަތަކަށް ހައްދަވާ، ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރައްވާ، ރައްޔިތުންގެ ރައީސެއް ކަމުގައެވެ.