20 Nov 2021, 12:08
އިންޑިއާއާއެކު ރާއްޖެއިން ވެފައިވާ އުތުރުތިލަފަޅު އެއްބަސްވުމުގައި ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އިއްޔެ ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައިވަނީ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ރޭ ދެއްވި އިންޓަވިއުއެއްގައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ސަރުކާރުން އިންޑިއާއާ ބާއްވަމުން އަންނަ ގުޅުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، އެ ގައުމާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާ ކަންކަން ހުރި ކަމަށް ބުނަމުންނެވެ. އެގޮތުން އުތުރުތިލަފަޅުގެ އެއްބަސްވުމަކީ އިދިކޮޅުން އެންމެ ކަންބޮޑުވުން ފާޅުކުރަމުން އަންނަ އެއްބަސްވުމެވެ.
މިކަމާ ގުޅިގެން ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ސަރުކާރަކީ ވެސް ބޭރުގެ ގައުމުތަކާ އަދި ވަކީން ހާއްސަކޮށް އިންޑިއާއާ ގާތް ގުޅުމެއް ބާއްވާ ސަރުކާރެއް ކަމަށެވެ.
"މި ސަރުކާރާ އިންޑިއާއާ ވަރަށް ގާތް ގުޅުމެއް އޮވޭ. އަދި އެމްޑީޕީގެ ކުރީ ސަރުކާރާ ވެސް އޮވޭ، ހަގީގަތުގައި އެމްޑީޕީއާ ވެސް އެ ގުޅުން އޮވޭ،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އިންޑިއާއާ ސަރުކާރުން ބާއްވާ ގުޅުމަކީ ސިއްރުން ބާއްވާ ގުޅުމެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ.
"އަޅުގަނޑުމެން ޕޮލިސީ އަދި ސިޔާސަތު ވަރަށް ސާފުކޮށް ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ޕާޓީގެ ރައީސް، ރައީސް ނަޝީދު ވެސް ހާމަކޮށްދެއްވަމުން ގެންދެވީ ދެއްތޯ، އިންޑިއާ ފަސްޓްއޭ،" ހަސަން ލަތީފް ވިދާޅުވިއެވެ.
އިންޑިއާ އިސްކުރަން ޖެހޭ ބައިވަރު ސަބަބުތައް ހުރިކަން ފާހަަކުރައްވާ ހަސަން ލަތީފް ވިދާޅުވީ އިދިކޮޅުން މިހާރު ކުރަމުން އަންނަ ތުހުމަތުތަކަކީ ރަނގަޅު ތުހުމަތުތަކެއް ނޫން ކަމަށެވެ. އެގޮތުން އިިންޑިއާ އައުޓް ކެމްޕޭނަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އެ މަސައްކަތަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ކެމްޕޭނެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ އިދިކޮޅުން އެއްބަސްވުންތަކާ ގުޅިގެން ވާހަކަ ދައްކާއިރު، އެ އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށެވެ. އަދި އެއީ ވަރަށް ރަނގަޅަށް ހުރި އެއްބަސްވުންތަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ދެން އެ އެއްބަސްވުމުގެ ކަންކަން ހާމަކުރުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއް ނޫން، އެއީ ސަރުކާރުން ކުރައްވާނެ ކަމެއް." ހަސަން ލަތީފް ވިދާޅުވިއެވެ.
އެއްބަސްވުންތަކުގައިވާ ކަންކަން ހާމަކޮށްދިނުން މުހިންމުކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ އުތުރުތިލަފަޅާ ގުޅިގެން ކުރީ ސަރުކާރުން ސޮއިކުރި އެއްބަސްވުމުގައި އިންޑިއާއަށް ގިނަ ބާރުތަކެއް ދިން ނަމަވެސް މިހާރު އޮތް އެއްބަސްވުމުގައި އެ ބާރުތައް ހަނިކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް ސަރުކާރުން ރައްޔިތުންނަށް ފޮރުވައިގެން ކަންކަން ކުރަން ނޫޅޭ ކަން ހާމަކޮށްދިނުމަށާއި އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަން ވެސް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ.