20 Nov 2021, 00:03
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 124 މީހުން ކޮވިޑު-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށްނެގި 2955 ސާމްޕަލްގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 20 މީހުންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 87 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 17 މީހުން ޕޮޒިޓިވް ވެފައިވެއެވެ.
ކޮވިޑް ޖެހިގެން 16 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މި އަދާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 90،464އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 88،119އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 2،084ގައެވެ.
ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 248އެވެ.
މީގެ އިތުރުން މިއަދު 69 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ އިރު 306 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއިން މިހާތަނަށް 395،302 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އަދި 361،941 މީހުން ވަނީ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައެވެ.
މީގެ އިތުރުން 6،009 މީހުން ވަނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިފައެވެ.