18 Jul 2010, 10:30
14:30
އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހުރި ތަނަކާ ބެހޭ މައުލޫމާތު ލިބިގެން އެތަކެތި އަތުލުމަށް ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެކަމާ ގުޅިގެން ވަންނަންޖެހޭ ގެއަށް ވަނުމަށް ކޯޓް އަމުރު ނުލިބިގެން އެ އޮޕަރޭޝަންގެ ބޮޑުބައި ފޭލްވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މަޢުލޫމާތު ލިބެގެން މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ފުލުހުން ހިންގި އެ އޮޕަރޭޝަންގައި ކޯޓު އަމުރަކާނުލައި އެގެއަށް ނުވަނީ، އެގެއަށް ވަދެ ހިންގާ އޮޕަރޭޝަނެއްގެ ސަބަބުން ކުރިމަތިކުރުވަފާނެ ޤާނޫނީ މައްސަލަތަކަށްޓަކާ ފުލުހުން އެގޮތަށް އެގެއަށް ވަންނަން ބޭނުންނުވެގެން ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އޮޕަރޭޝަން އަދިވެސް ފުލުހުން ހުއްޓާނުލާ ބަލަންޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށާއި އެހެން ނަމަވެސް އޮޕަރޭޝަންގެ ބޮޑު ބައެއް ވަނީ ގެއްލިފައި ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި ބައެއް އެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުންގެ އޮފިޝަލު ނުދެއްވަ އެވެ. އަދި އެމައްސަލައާ ގުޅޭ އިތުރު މައްސަލަތަކެއް ބަލަމުންދާ ކަމަށް ވިދާޅުވެ، އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއްވެސް ވިދާޅެއްނުވެ އެވެ.
މީގެ އިތުރުން ވެސް ޖިނާއީ ކުށްތަކެއްގެ ތުހުމަތުގައި ފުލުހުންގެ ތަހްގީގަށް ހައްޔަރުކޮށްފައިވާ މީހުން ތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ކޯޓު އަމުރު ލިބުމުގައި ދަތިތަކަކާ ކުރިމަތިވި ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަސްތުވާތަކެއްޗާ ހުޅުވި ދޮރުތައް ބަންދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ ނިޔަތުގައި އެފަދަ ފަރާތްތަކަށް ވަލުދޮރާށި ހުޅުވައިދިނުމަށް ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއިން މަސައްކަތް ކުރަމުން ދިއުމަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށާއި، ހެޔޮވެރިކަމެއް ކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް، އަދުލު އިންސާފުގެ ދާއިރާއިން ސިޔާސީ ފިކުރު އިސްކުރައްވައި، ގަސްދުގައި، ހުރަސް އެޅުން ކަމުގައި އެޕާޓީން ދެކޭ ކަމަށެވެ.
މިކަމާ ގުޅިގެން ޖިނާއީ ކޯޓުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.