"އަރާ..." އައިޒަކް އަމުރުކުރިއެވެ.

އިރަމް ދެ ފިކުރެއްގައި ހުރެފައި، ކާރަށް އަރާ ދޮރު ލައްޕައިލިއެވެ. އޭނާ ހީކުރީ، އައިޒަކް އެނބުރި ދާނީ ކަމަށެވެ. އެކަމަކު، އެއީ ކުށްހީއެކެވެ. އައިޒަކް ކާރަށް އަރައި، އިރަމް އާއި ވީހާވެސް ގާތުގައި އިށީނދެލިއެވެ.

********

"ފުރަތަމަ ދާނީ މި ކުއްޖާ ބުނާ އެޑްރެހަށް..." އިރަމްއަށް އިޝާރާތް ކުރަމުން އައިޒަކް ވާހަކަ ދެއްކީ، ޑްރައިވަރަށެވެ.

"އައި ހޭޓް ޔޫ..." އިރަމް ހިތާއިހިތުން ކުދި ކިޔަމުން، އައިޒަކް އާއި ދުރަށް ޖެހުނެވެ.

"ކޮންތާކަށް ދާންވީ؟..." ޑްރައިވަރު ތަކުރާރުކޮށް ސުވާލު ކުރިއެވެ.

އިރަމް އިނީ ދާހިއްލާ ފޯވެފައެވެ. އެވީގޮތުން އޭނާ އުޅޭ ތަންވެސް އައިޒަކްއަށް އެނގޭނެއެވެ. އައިޒަކް ކާރަށް އެރީ ގަސްދުގައި ކަން އިރަމްއަށް އެނގުނެވެ. އެއީ ބޮލުގެ ބޭނުން ހިފަން އައިޒަކްއަށް އެނގޭކަން ދައްކައިލުމުގެ ގޮތުން ކުރި ކަމެކެވެ. އެވަރު ކުރުމުން، އިރަމްއަށް ދެން ކާރުން ފައިބަން ނުކެރޭނެކަން އައިޒަކްއަށް އެނގޭނެއެވެ. އިރަމް ގޮތް ހުސްވެފައި އައިޒަކްއަށް ބަލައިލިއެވެ. ހިތުގެ ހައިޖާނުގަނޑު، އޭނާގެ ދެލޮލުން ފާޅުވަމުންދިޔައެވެ.

"އެޑްރެސް؟..." އައިޒަކް ދެބުމަ އުފުލައިލިއެވެ.

އިރަމް އެހާ ރުޅި އައިސްފައި ބަލަން އިނުމުންވެސް، އައިޒަކް އެއިން ކަމެއް އެނގޭކަމަށްވެސް ހަދައިނުލައެވެ. އައި ރުޅީގައި ކާރުން ފައިބަންވެސް އިރަމްގެ ހިތަށް އެރިއެވެ. އެކަމަކު، އޭރުން އޭނާގެ ފަހަތުން އައިޒަކްވެސް ފައިބާނެއެވެ. ޑްރައިވަރުގެ ކުރިމަތީގައި ހުރިހާ ލަދެއްގައި ބެދޭނީ ހަމަ އިރަމްއެވެ.

"މާގިނައިރަކު މަޑެއް ނުކުރެވޭނެ އިނގޭ... ދަތުރު ނުކުރަންޏާ، ކާރުން ފައިބަންވީނު..." ޑްރައިވަރު ކުޑަކޮށް ހިތްހަމަނުޖެހިފައި ބުންޏެވެ.

އިރަމްއަށް ގޮތް ހުސްވިއެވެ. އެންމެފަހުން، އޭނާއަށް ޖެހުނީ، އައިޒަކްގެ ކުރިމަތީގައި ގޭގެ ނަން ހާމަކުރާށެވެ. އައިޒަކްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނުމުން، އިރަމްގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.

ކާރު ގޮސް މަންޒިލަށް ހުއްޓާލަންދެންވެސް އިރަމް އިނީ ތުންފިއްތާލައިގެންނެވެ. އައިޒަކްއަށް ހިތާއިހިތުން އެތައް އެއްޗެއް ގޮވަމުން ދިޔައިރު، ދޭތެރެއަކުން ލޮލުގެ ހިމަކޮޅުން އޭނާއަށް ބަލައިލައެވެ. އެއިން ކޮންމެ ފަހަރަކު އައިޒަކްއަށް ލަނޑެއް ދޭނެގޮތެއް ހިތުތެރޭގައި ރާވަމުން ދިޔައެވެ.

"އެއް އަތުގައި ހިފާފަ، ކާރުން ބޭރަށް ހޫރާލަންވީ..." އިރަމް ހަމައެކަނި އޭނާގެ ނަފުސަށް އިވޭ ވަރަށް ވާހަކަ ދައްކަމުން ދިޔައެވެ.

ފޯނަށް ގޮސް ގެއްލިފައި އިން އައިޒަކް އެންމެ ފަހަރަކުވެސް އިރަމްއަށް ބަލައިނުލައެވެ. އެކަމާއިވެސް އިރަމް އިތުރަށް ރުޅި އަންނަގޮތްވިއެވެ. އައިޒަކް ގަސްދުގައި ވާނުވާ ނޭނގޭކަމަށް ހަދައިގެން އިނީއެވެ. އެތެރެއިން އޭނާ ހޭނެއެވެ. އިރަމްއަށް ލަނޑެއް ދެވުނީތީ އުފާކުރާނެއެވެ. އެއީ އިރަމްއަށް ވިސްނުނު ގޮތެވެ.

އިރަމް ކާރުން ފައިބަން އުޅޭހެން ހީވުމުން، އައިޒަކް އިސްއުފުލައިލީ، ވާހަކައެއް ބުނަން ބޭނުންވެފައިވާ ފަދައަކުންނެވެ. އިރަމްގެ މޫނަށް ބަލައިލުމާއިއެކު، ބުނަން އުޅުނު ވާހަކައިގެ މަތީންވެސް އޭނާ ހަނދާންނެތުނެވެ. ރުޅި އައިސް ރަތްވެފައި އިން އިރަމްގެ މޫނު ވަނީ، ތަޤައްޔަރުވެފައެވެ. ދެލޯ އަޅާލައިގެން އިންއިރު، އެ ދެލޮލުން އައިޒަކް ކާލަން އުޅޭފަދައެވެ. އިރަމްގެ ނޭވާ ވަނީ އަވަސްވެފައެވެ. އެ އަންހެންކުއްޖާ ކިތަންމެ މައުސޫމު ނަމަވެސް، ޖެހިލުންވެގެން އައިޒަކްއަށް އިރަމް އާއި ދުރަށް ޖެހިލެވުނެވެ.

"މާ ނޫންކަމަށް ހެދިގެން އިންނާނެ ކަމެއް ނެތް..." އިރަމް ރުޅި އައިސް ހިތާއިހިތުން އެއްޗެހި ކިޔެވެ. "ބޭނުންވި ކަންތައް ހާސިލުވީނު..."

"ކާރު ޗޯރް..." ޑްރައިވަރަށް ފައިސާ ދައްކާފައި، ކާރުން ފައިބަމުން އިރަމްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

"ކީކޭ؟..." އައިޒަކް އަހައިލިއެވެ.

"މިބުނީ މިހިސާބުގަ ވަރަށް ވަގުން ގިނަވާނެއޭ... މާގިނައިން އައިސް ނޫޅެއްޗޭ..." އިރަމް އަވަސް އަވަހަށް ބުންޏެވެ. "މިތާ އުޅޭނެ ވަރަށް ގިނައިން ބުޅާވެސް... އޭނީވެސް ބުޅަލެއް... ބްލެކީއެއް..."

ކުއްލިއަކަށް އައިޒަކް އިން ދިމާއިން ބިއްލޫރިގަނޑަށް އިޝާރާތްކޮށްލަމުން އިރަމް ބުންޏެވެ. އައިޒަކް ބުޅާދެކެ ބިރުގަންނަކަން އިރަމްއަށް އެނގެއެވެ. އެހެންވެ، އޭނާ ގަސްދުގައި އައިޒަކް ބިރުގަންނުވައިލީއެވެ. އިރަމްގެ އެ ޖުމްލައިން އައިޒަކް ސިހުނެވެ. ކުއްލިއަކަށް ދޮރާއި ދުރަށްޖެހިލަމުން ބިއްލޫރިގަނޑުން ބޭރު ބަލައިލި ގޮތުންވެސް އިރަމްއަށް އެކަން އެނގުނެވެ. އިރަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ލިބުނު ކާމިޔާބީގައި އައިސްފައި ހުރި ރުޅިގަނޑުގެ މަތީންވެސް އޭނާ ހަނދާން ނެތުނު ކަހަލައެވެ. ގެއަށް ވަންއިރުވެސް، އިރަމްއަށް ހެވެނީއެވެ.

އިރަމް ގޮސް ލޯ ކުރިމަތިން ގެއްލެންދެން އައިޒަކް ފާޑަކަށް ހިނި އައިސްފައި ބަލަން އިނެވެ. ހިނިތުންވެލާއިރު، އިރަމްގެ ރީތިކަން އެތައް ގުނައެއް އިތުރުވެއެވެ. އައިޒަކް ހީކުރީ، އިރަމްގެ ހަނދާނުން ހުރިހާ ކަމެއް ފޮހެލީ ކަމަށެވެ. އެކަމަކު، އިރަމްގެ އަމަލުތައް ހުރިގޮތުން، އެއްވެސް ކަމެއް އެ ހަނދާނުން ފޮހެވިގެން ނުދާކަން އޭނާއަށް ކަށަވަރު ވިއެވެ. އެކަމުން، އައިޒަކްގެ ހިތަށް ހަމަޖެހުން ލިބުނީ ކީއްވެކަމެއް ނޭނގުނެވެ. އިރަމް ވަން ގޭގެ ތިރިން ފެށިގެން މައްޗަށް އޭނާ ނަޒަރު ހިންގައިލިއެވެ. އާދައިގެ ގޮތަކަށް ހަދާފައިވާ ގެއެކެވެ. ތިން ފަންގިފިލާއަކަށް ހަދާފައިވާ އެ ގޭގެ ކޮންމެ ފަންގިފިލައެއްވެސް ވަނީ ބައުވެ، ވިރާނާވާން ކައިރިވެފައެވެ.

********

ގެއަށް ވަންގޮތަށް އަތްދަބަސް ހޫރައިލާފައި އިރަމް ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭނާ ވަގުތުން ޝާލިންއަށް ގުޅާފައި އެވާހަކަ ކިޔައިދިނެވެ.

ޝާލިންއަކީ އިރަމްގެ އެންމެގާތް އެކުވެރިޔާއެވެ. ދެމީހުންގެ ދުވަސްވީ އެކުވެރިކަމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އިރަމްގެ ހުރިހާ ހަގީގަތެއް އެނގޭ ހަމައެކަނި މީހަކީ ޝާލިންއެވެ.

"އޭނ؟ އައިޒަކްއޭ؟..." ޝާލިންއަށްވެސް ލިބުނީ ސިހުމެކެވެ. "ކުއްލިއަކަށް އޭނަ؟..."

"ޝާލް... އަހަރެން ދެން ކިހިނެއް ހަދާނީ؟..." އިރަމް ގޮތްހުސްވެފައިވާ ރާގަކަށް ބުންޏެވެ. "މިތަނުން ކެނޑެންވީތަ؟... ކެނޑިގެން އަހަރެން ކިހިނެއް އަނގަޔާ އަތާ ދިމާކުރާނީ؟... އެކަމަކު މިހާރު މި ގެވެސް އޭނައަށް އެނގިއްޖެ... ދެން އަނެއްކާ ގެވެސް ބަދަލުކުރަންވީ؟..."

"ތިބުނީވިއްޔަ މިއަދުއޭ އަދި ދިމާވީ... އެހާ އަވަހަށް އޭނައަށް ގެޔާ އެއްޗެހި އެނގުނީ؟..." ޝާލިން ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އަވަސްވާނެއެއްނު... އެއީ މެއްސެއް..." އަޑަށް ބާރުލަމުން އިރަމް ބުންޏެވެ.

"މެއްސެކޭ؟..." ޝާލިންއަށް ހެވުނެވެ.

"އާނ... މެއްސެއްހެން ކައިރީ އެނބުރި އެނބުރި އުޅެންޏާ ބުނާނެދޯ..." އިރަމް ދެފައި ތަޅުވައިގަތެވެ.

"ނޭނގެއެއްނު އޭނަ އިރޫދެކެ ލައިކްވާތީ ކަމެއްވެސް އެހެން އެ އުޅެނީ..." ޝާލިން ވިސްނައިލާފައި ބުންޏެވެ. "ވެދާނެ އިރޫގެ ކިބައިން ބަދަލުހިފަން އުޅެނީކަމަށް..."

"އައި ޑޯންޓް ކެއަރ.." ހާސްވި ނަމަވެސް، އެކަން ފޮރުވަމުން، އިރަމް ލޯ މަރައިލިއެވެ. "އަހަންނަށް އުނދަގޫވަނީ އޭނަ އެ އުޅޭ ގޮތަކުން.... އެކަމަކު، މިހެން އިންސަލްޓްވާކަށް ބޭނުމެއް ނޫން... އޭނަ ހުންނަނީވެސް ފާޑަކަށް ހިނިއައިސްފަ... އަހަރެން ރުޅިގަދަވަނީ އެހެންވެ..."

"އިރޫ އަދި ހާސްނުވެބަލަ... ކޮންމެސް ގޮތެއް އޮންނާނެއޭ..." ޝާލިން ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"އެހާވަރުން ފިލައިގެން އުޅުނީމަވެސް..." އިރަމް އޭނާގެ މޫނުގައި އަތް އެޅިއެވެ. "ވަރަށް ފޫހިވޭ..."

"ކީއްކުރަންތަ ފިލީ؟... އޭނައަށް ނުބައި މާނައެއް ދޭހަވާނެއޭ އިރޫ ތިހެން ހެދީމަ..." ޝާލިން ވިސްނައިލާފައި ބުންޏެވެ. "ދެން އޮތީ އެންމެ ގޮތެއް..."

"ކޮންގޮތެއް؟..." އިރަމް ފުންމައިގެން ތެދުވިއެވެ.

"އޭނައާ ފޭސްކުރޭ... އޭނަ އެހާ ފަސޭހައިން އިރޫއަށް ފޭސްކުރާއިރު، ކީއްވެ އިރޫއަށް ނުވާންވީ؟..." ސާލިން ދިން ޖަވާބުން އިރަމްއަށް ލިބުނީ މާޔޫސްކަމެވެ. "ވެދިޔަ ހުރިހާ ކަމަކަށްފަހު، އޭނަގެ ހިތް އިރޫއަކަށް ރަނގަޅެއް ނުވާނެ... އެއީ ޔަގީންކަމެއް... އިރޫ ހަދަންވީ ގޮތަކީ، ނިކަން ކެރިގެން އެ މެހި ފައްސާލަންވީ..."

"ތިކަން ނުކުރެވޭނެތީނު މިހުރިހާ ވާހަކައެއް މި ދައްކަނީ..." އިރަމް ފޫހި ރާގެއް އަޑަށް ގެންނަމުން ބުންޏެވެ.

"އަހަނ... އެހެންވީމަ، އަހަރެން ކައިރީ މިއުޅެނީ އެހެން އިރަމްއެއްނު.. އަނގަގަދަކަމުން ނުހުއްޓުވިގެންވިއްޔަ އުޅެންމިޖެހެނީ... އެކަމަކު އޭނަ ކުރިމަތީ، ކުޑަވަރެއްގެ މުސަޅެއްހެން ތިއުޅެނީ.." ޝާލިން ދިމާކޮށްލިއެވެ.

"ދެން ޝާލް... އަދިވެސް ދިމާކުރަނީތަ؟..." އިރަމް ބޮޑާހާކައިލާ ކަހަލަ ރާގަކަށް ބުންޏެވެ.

"އޭނަވެސް ކޫލްވެލާފަ އެ އުޅެނީނު... ކީއްވެތަ އިރޫއަށް ނޫޅެވެންވީ؟..." ޝާލިން ހުރީ ގޮތުގައި ހިފަހައްޓައިގެންނެވެ.

އިރަމް ވިސްނައިލިއެވެ. ސާލިން ބުނިހެން، އައިޒަކް ހީވަނީ ބަދަލުހިފަން އުޅޭ ހެންނެވެ. އެ މޫނުން ފެންނަ ހިނިތުންވުމުގެ ސިއްރަކީ އެއީ ކަމުގައި އިރަމްގެ ހިތް ބުންޏެވެ.

"އޯކޭ... ރެޑީ..." އިރަމް ދެއަތް މުށްކަވައިލިއެވެ. "އެ މެހި ފައްސާލަން އަހަރެން ކިހިނެއް ހަދަންވީ؟..."

"އީޒީ... މާދަން ޑިއުޓީއަށް ދާންވީ މަދިރިފިލާގަނޑެއް ހިފައިގެން..." ޝާލިން ބުންޏެވެ.

"އޭނ..." އަކުރުތަކަށް ދަމައިލަމުން އިރަމް ބުންޏެވެ. ޝާލިން އޭނާގެ ކަންފަތާއި ފޯނު ދުރުކޮށްލީ، އިރަމްގެ ބާރު އަޑުން އޭނާގެ ކަންފަތް ފަޅައިގެން ދިޔަހެން ހީވުމުންނެވެ.

********

އައިޒަކް ފެންވަރާލައިގެން ނުކުތީ، އުނަގަނޑުގައި ތުވާލި އައްސާލައިގެންނެވެ. ބޮލުގެ އިސްތަށިގަނޑު ތެމިފައިވާއިރު، ދެއަތުން އިސްތަށިގަނޑު ހިއްކަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އައިޒަކްގެ ތަނަވަސް ހަށިގަނޑުގައި ދަތުރުކުރަމުންދިޔަ ފެންތިކިތައް، އެ އޮމާން ހަށިގަނޑުގައި ބީހިލަން އެދޭ ފަދައަކުން މަތިން ތިރިއަށް އައިސް ތުވާއްޔަށް ހިނދެމުން ދިޔައެވެ.

އައިޒަކްގެ ޚިޔާލާއި ފިކުރުތައްވީ އެހެން ދިމާއެއްގައެވެ. އޭނާގެ ތުންފަތުގައިވި ލުއި ހިނިތުންވުން ރަމްޒުކޮށްދެނީ ލިބިފައިވާ ކާމިޔާބީއެވެ. އައިޒަކް ކުރި ދިގު އިންތިޒާރަށް ނިމުން އައިކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. މާޔޫސްވެފައިވާ ހިތަށް ހަމަޖެހުން ލިބުނީ ކަމުގައި އޭނާ ގަބޫލުކުރިއެވެ. އެތައް އަހަރެއް ފަހުން، ހޯދަން ބޭނުންވި ސޫރަ އައިޒަކްގެ ކުރިމައްޗަށް ގެނުވީ، ތަގުދީރުގައި އެގޮތް ލިޔެވިފައިވާތީއެވެ. ތަގުދީރު އައިޒަކްއަށް ދިން ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަން އޭނާ އަތުކުރި އޮޅާލިއެވެ. ފިލައިގެން އުޅޭނެ ފުރުސަތު އޭނާ ދެން އިރަމްއަކަށް ނުދޭނެއެވެ.

ޑްރެސިންޓޭބަލް މަތީގައި އޮތް ފޯނު ރިންގްވާން ފެށުމުން، އައިޒަކް އެދިމާއަށް ހިނގައިގަތެވެ. އިސްކްރީނަށް އަރާފައިވާ ނަން ފެނުމާއިއެކު، ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

"ކީއްވެތަ ދަރިފުޅު ގެއަށް ނައިސް މިހާ ގިނައިރުވަނީ... މަންމަ ހީކުރީ، ދަރިފުޅު އަންނާނީ ސީދާ ގެއަށް ކަމަށް..." އައިޒަކް ފޯނު ނަގައި ކަންފަތުގައި ޖައްސައިލުމާއިއެކު އިވުނީ، ޒަރީނާ ޝަކުވާގެ އަޑެވެ.

"މަންމަ ކައިރިއަށް ނުގޮސް ކާކު ކައިރިއަށް ދާނީ... ހަމަ ކުޑަ އިރުކޮޅެއް ތެރޭ މަންމަގެ ކުރިމަތީގަ ހުންނާނީ..." އައިޒަކް ހުރީ ހަމަޖެހިފައެވެ.

"އަވަހަށް އާދޭ... މަންމަ މިހުރީ ދަރިފުޅަށް އެންމެ ކަމުދާ ކަނޑުކުކުޅުރިހަ ކައްކައިގެން... ހިހޫ ނުވަނީސް ދަރިފުޅު ޖެހޭނެ ހުރިހާ އެއްޗެއް ހުސްކުރަން..." ޒަރީނާ ބުންޏެވެ.

"މަންމަ ތިހާ މީރު އެއްޗެހި ކައްކަންޏާ، ކިހިނެއް އަމުދުން ދުރުގަ ކެތްކުރާނީ؟..." އައިޒަކް ހީލިއެވެ.

"މަންމަ ގޯނިފުލަށް ލީތަ މިހާރު..." ޒަރީނާ އުފާވެލާފައި ބުންޏެވެ.

"ގޯންޏަކަށް ނުލާނެއެއްނު މަންމާ... ހިތް ތެރެއަށް ލާނީ... ތިކަހަލަ މަންމައެއް އެހެން މީހަކަށް ނުލިބޭނެ..." އައިޒަކް ތައުރީފުކޮށްލިއެވެ. "މިދަނީ އިނގޭ މަންމާ..."

ޒަރީނާ ހިނިއައިސްފައި ހުރެ ފޯނު ކަނޑައިލިއެވެ. އައިޒަކްގެ ތައުރީފުގެ ބަސްތަކުން ޒަރީނާއަށް އުފާވެރިކަން ލިބެއެވެ. ނުތަނަވަސްވާ ވަގުތުތަކުގައިވެސް އައިޒަކް އޭނާ ހެއްވާލަން ނަގަނީ ސިކުންތުކޮޅެކެވެ. ޒަރީނާ ހިނިއައިސްފައި ހުރެ ސޯފާއިން ތެދުވި ވަގުތު، ކުރިމަތީގައި ހުރި އިދާން ފެނި، ހިނިތުންވުން ފަނޑުވިއެވެ. އިދާންއަކީ، ޒަރީނާގެ ދޮށީ ދަރިފުޅެވެ. މެދަށް ހުންނަ ވިޝްކާގެ އުމުރަކީ، އެކާވީސް އަހަރެވެ. ހަގަށް ހުންނަނީ، އުމުރުން ނަވާރަ އަހަރުގެ ޒާންއެވެ. އިދާން އައިޒަކްއަށްވުރެ ހަތަރު އަހަރު ދޮށްޓެވެ. އިދާންގެ އަނތްބެއް ހުންނައިރު، ދެމީހުންގެ އެއް އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ.

އިދާން އެއްޗެއް ބުނުމެއްނެތި، ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. ޒަރީނާ އިސްޖަހައިލިއެވެ. އިދާން ހުރީ ރުޅި އައިސްފައިކަން ދެނެގަންނަން އޭނާއަށް އުނދަގޫ ކަމަކަށް ނުވިއެވެ.

ގޭގެ ބެލް ޖަހައިލި އަޑު އިވުނީ ޒަރީނާ އާއި އޭނާގެ ފިރިމީހާ ސައްތާރު އައިޒަކްގެ އިންތިޒާރުގައި ތިއްބައެވެ. ދޮރު ހުޅުވައިލީ، ޒަރީނާއެވެ. އައިޒަކް ފެނުމާއިއެކު ޒަރީނާއަށް އައިޒަކްގެ ގައިގައި ބައްދައިލެވުނެވެ.

"މިއޮތީ މަންމައަށް ގެނެސްދިން ގިފްޓެއް..." އަތުގައި އޮތް ހުދު ފިނިފެންމާބޮނޑި ޒަރީނާއަށް ދިއްކޮށްލަމުން އައިޒަކް ބުންޏެވެ.

ޒަރީނާ ސައްތާރަށް ބަލައިލަމުން ތުއި ގޮތަކަށް ހިނިތުންވެލިއެވެ.

"އަހަރެންގެ އައިޒަކްއަށް އެނގޭ ލޯބިވާން... އަހަންނަށް މިހާ ލޯބިން ހަދިޔާދޭ އެހެން މީހަކު ނެތް... ސައްތާރަށް ނުކެރޭނެ މިވަރު ކޮށްލަންވެސް..." ޒަރީނާ ކުދިކިޔައިލިއެވެ.

އައިޒަކް އާއި ސައްތާރު އެކަކު އަނެކަކަށް ބަލައިލާފައި ހީލިއެވެ.

"މާފޮޅުވިއިރު ޒަރީނާއަށް ކޮންމެ ދުވަހަކު ނޮފޮޅޭ ފިޔާތޮށި ފިނިފެންމަލެއް ގެންގޮސްދިން ހަނދާން ނެތުނީތަ؟.." ސައްތާރު ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. "ކޮންމެ ދުވަހަކު ގޭ ގަހުގަ އިންނަ މާ ބިންނާތީ، މަންމަ އަހަރެން ފައްސާލި ދުވަހު ޒަރީނާ ހުރީ ހޭން..."

"ދެން ސައްތާރޫ..." ސައްތާރުގެ ކޮނޑުގައި މަޑުމަޑުން ޖަހަމުން ޒަރީނާ ބުންޏެވެ.

"މުޅި ގޭގަ ކާއެއްޗެހީގެ މީރުވަސް... މަންމަ ވަރަށް ސާމާނު ތައްޔާރުކޮށްލައިގެންތަ ތިއުޅެނީ؟..." ޒަރީނާ ލަދުގަނެދާނެތީ، އައިޒަކް މައުޟޫޢު ބަދަލުކޮށްލިއެވެ.

"އާނ.. އަވަހަށް ހިނގާ ކާން... ދަރިފުޅު ހާދަ ހިއްކޭ... އެކޮޅުގަ ނުކައިތަ އުޅުނީ؟..." ކާގެ އާއި ދިމާއަށް ހިނގައިގަނެފައި، ޒަރީނާ އަހައިލިއެވެ.

"އާނ... އިޓަލީގަ ނުހުރޭ މީރު އެއްޗެއްސެއް... އެހެންނޫނަސް، މަންމަގެ ކެއްކުންތަކުގެ ރަހައެއް ނުހުރޭ އެހެން މީހުން ކެއްކީމަ..." އައިޒަކްގެ ތައުރީފުގެ ބަސްތަކުން ޒަރީނާގެ ހިތް ފުރާލަދިނެވެ.

"ތިހާ ވަރަށް ތައުރީފުކުރަނިކޮށް މަންމައަށްވުރެ މީރުކޮށް ކައްކާ މީހަކު ދަރިފުޅުގެ ދިރިއުޅުމަށް އައިސްދާނެ..." އައިޒަކްގެ ބުރަކަށީގައި ފިރުމައިލަމުން ޒަރީނާ ބުންޏެވެ.

އައިޒަކްގެ މޫނު މިލައިގެން ދިޔައެވެ. އެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިތަން ފެނި، ޒަރީނާއަށް އެއްޗެއް ވިސްނުނެވެ.

"ދަރިފުޅު އަތުގަ ގޭގެ ތަޅުދަނޑި ނެތީތަ މިހާރު؟..." މައުޟޫޢު ބަދަލުކޮށްލުމުގެ ގޮތުން ޒަރީނާ އަހައިލިއެވެ.

"ގޭގަ ބާއްވާފަ އާދެވުނީ..." އައިޒަކްއަށް ދޮގެއް ހަދަން މަޖުބޫރުވިއެވެ. "ބައްޕާ... ރަނގަޅުތަ؟..."

ކޮޓަރީގައި އުޅެފައި އިދާން އާއި އޭނާގެ އަންހެނުން ޖޫޒަން ނުކުތީ، އައިޒަކް ސައްތާރުގެ ކޮނޑުގައި އަތް އަޅުވާލައިގެން ހުއްޓައެވެ. އިދާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

"އަހަރެން ތަނަކަށް ގޮއްސަ އައީމަވެސް މަންމަމެން ތިހާ އުފާވެގެން އުޅޭނަންތަ؟..." އިދާންގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމުގެ އަސަރެވެ.

"ދަރިފުޅާ... ކޮން ގޮތަކަށްތަ ތި ވާހަކަ ދައްކަނީ؟... އައިޒަކް އެއައީ ހާދަ ދުވަހެއްކޮށްފައޭ... ދަރިފުޅުގެ ކޮއްކޮއޭ އެއީ..." ޒަރީނާ އިދާންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"ކޮއްކޮއޭ؟... މަންމަގެ ދަރިއެއްތަ އެއީ؟... ނޫނީ ބައްޕަގެ ދަރިއެއްތަ؟... ނޫނީ މަންމަމެންނާ ލޭގެ ގުޅުމެއް އޮތް މީހެއްގެ ދަރިއެއްތަ؟..." އިދާން އަހައިލީ، ގަދަރުވެރިކަން ކުޑަ ރާގަކަށެވެ.

(ނުނިމޭ)