19 Nov 2021, 19:32
މިދިޔަ އަންގާރަ ދުވަހެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކާ ގުޅިގެން ފައި ބުރިކޮށްލަން ޖެހުނު މަރިޔަމް ޝަހީދާއަށް އެހީވުމުގެ ގޮތުން ކެމްޕެއިނެއް ފަށައިފިއެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކެމްޕެއިން ފަށާފައިވަނީ "ހެޔޮ އިންވެސްޓްމެންޓް" ކިޔާ ފިހާރައަކުންނެވެ.
ޝަހީދާ އެކްސިޑެންޓުވީ މަގެއް ހުރަސްކޮށް އަނެއް ކަންމައްޗަށް ދިއުމަށް މަސައްކަތްކުރި ވަގުތު ބާރު ސްޕީޑުގައި އައި ޕިކަޕެއް ކޮންޓްރޯލުން ނެއްޓި އޭނާގެ ގައިގައި ޖެހުމުންނެވެ.
ހެޔޮ އިންވެސްޓްމެންޓްގެ އެމްޑީ، ފާތިމަތު އަޒީމާ "ސަން"އަށް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވަނީ އެ ފިހާރަ ކުރިމަތިން ކަމަށާއި އަދި ޝަހީދާއަކީ ފިހާރަ ކައިރީގައި ދިރިއުޅޭ ރައްޓެއްސެއް ކަމަށެވެ.
އޭނާ ބުނީ ފައިސާ ޖަމާކުރަން ދީފައި އެވަނީ ޝަހީދާގެ އަމިއްލަ އެކައުންޓް ނަންބަރު ކަމަށާއި އެހެންކަމުން ހެޔޮއެދޭ ހުރިހާ ފަރާތްތަކުން އެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަކީ ވަރަށްބޮޑަށް އެދޭ ކަމެއް ކަމަށެވެ.
އަޒީމާ ބުނީ ޝަހީދާއަށް އެހީވުމަށް ޓަކައި ފެށި، އެ ކެމްޕޭން ކުރިއަށް ގެންދާނީ މިއަދު ހެނދުނު 9:00 އިން މާދާމާ ހެނދުނު 9:00އަށް ކަމަށެވެ.
މި އެކްސިޑެންޓުގައި އޭނާގެ ވާތުފައި ޗިސްވުމުގެ ސަބަބުން އެ ފައި ވަނީ ބުރިކޮށްލާފައެވެ. އަދި އިތުރު ފަރުވާ ދިނުމަށް ޓަކައި ޝަހީދާ މިވަގުތު ވެސް އޮތީ އޭޑީކޭ ހޮސްޕިޓަލުގެއެވެ.
ޕިކަޕާ އެކު ޝަހީދާގެ ފައި ގޮސް ކަންމަތީ ހުރި ފާރާ ލައި ތާށިވިއެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެތަނުގައި ހުރި ހޮޅިދަނޑި އެއްވެސް ވަނީ ބަޅުވެފައެވެ.
މަންޒަރު ދުށް ބައެއް މީހުން "ސަން"އަށް އެ ހާދިސާ ސިފަ ކޮށްދެމުން ބުނީ އެ ހޮޅިދަނޑި އެތާ ނެތްނަމަ އޭނާގެ ފުރާނަ ސަލާމަތް ކުރުން ވާނީ ނާދިރު ކަމަކަށް ކަމުގައެވެ.
ހެޔޮއެދޭ ފަރާތްތަކުން ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ޓަކައި ޝަހީދާގެ އެކައުންޓް ނަމްބަރު، 7704261584101އަށް ފައިސާ ފޮނުވޭނެ ކަމަށް އިންވެސްޓްމެންޓް ފިހާރައިން ބުންޏެވެ.