04 Mar 2012, 15:11
މިދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ހިނގައި ދިޔަ ހުޅުޖެހުމުގެ ހާދިސާތަކަށް ފަހު ގދ. އަތޮޅުގެ ވެރިރަށް ތިނަދޫން ފުލުހުން ފޭބި އެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަންގައި ބަޔަކު އެ ދުވަހު ހުޅުޖަހައި އަންދާލުމުން އޭރު ތަހުގީގަށް ހައްޔަރުކޮށްފައި ތިބި ކުށްވެރިން ވެސް މިނިވަން ވެފައިވާ އިރު ތިނަދޫގައި އޭގެ ފަހުން މިއަދާ ހަމައަށް ވެސް ފުލުހުން މަރުކަޒުވެގެން ނުތިބޭ ކަމަށް އެ ރަށުގެ ބައެއް ރައްޔިތުން ބުންޏެވެ.
ތިނަދޫގައި ހިންގާ އޮންލައިން ނޫހެއް ކަމަށްވާ ހުވަދޫ އޮންލައިންގެ ނޫސްވެރިއާ މުހައްމަދު އަހުތަރު މިއަދު ބުނީ އެ ރަށުގައި ފުލުހުން ތިބުން ހުއްޓާލި ފަހުން ކުށްވެރިން މުޅިން މިނިވަންވެ، ކުށްކުރުން އާއްމުވެފައިވާ ކަމަށެވެ.
"ފުލުހުން މިރަށުން ފޭބި ފަހުން ވައްކަން ކުރުން ވަނީ އާއްމުވެފައި. ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު މިރަށުން ފުލުހުން ފައިބައިގެން ދިޔަ ފަހުން މިހާތަނަށް އަށް ފިހާރައެއް ފަޅާލައިފި. އޭގެ ތެރެއިން ގިނަ ހާދިސާތައް ތަހުގީގުކުރަން ފުލުހުންނެއް ނާދޭ،" އަހުތަރު ބުންޏެވެ.
އޭނާ ބުނީ އޭގެ ފަހުން ފުލުހުން ތިނަދުއަށް އައީ އެންމެ ފަހަރަކު ކަމަށާއި އެއީ ކުށްވެރިންގެ މެދުގައި ހިނގި ބޮޑު މާރާމާރީއަކާ ގުޅިގެން ކަމަށެވެ. އަދި އެދުވަހު ހައްޔަރުކޮށްގެން ގެންދިޔައީ އެ މާރާމާރީގައި އެންމެ ބޮޑަށް އަނިޔާވި ދެމީހުން ކަމަށެވެ.
އަހުތަރު ބުނީ އަށް ވަނަ ދުވަހުގެ ހާދިސާ އަށް ފަހު ކޮންމެ ރެއަކާއި ކޮންމެ ދުވަހަކު ވެސް ވަށްކަން ކުރާ އެއް ތަނެއް އެ ރަށުގައި ހުރި ކަމަށެވެ.
"ހޮސްޕިޓަލަށް ގެނެސްފައިވާ މުދާތައް ބަހައްޓާފައި މި ހުންނަނީ އެކަހެރިކޮށް ހުންނަ ގެއެއްގައި، އެތާނގައި ހޮސްޕިޓަލަށް ގެނެސްފައިވާ ގިނަ އަދަދެއްގެ މުދާ ހުރި. އެކަމަކު ކޮންމެ ދުވަހަކުހެން އެތަނުން ދަނީ މީހުން ވަށްކަން ކުރަމުން. ނަމަވެސް އެއިން އެއްވެސް މައްސަލައެއް ބަލާކަށް ވެސް ފުލުހުން މިރަށަކަށް ނާދޭ،" އަހުތަރު ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުން އިއްޔެ އެތަނުން ބޮޑު ވަށްކަމެއް ކުރަނިކޮށް، ރައްޔިތުންގެ ތެރެއިން ބައެއް މީހުންނަށް ފެނުނުމުން އެކަން ކުރަން ތިބި މީހުންނަށް ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ނުކުމެ، ހަމަލާ ދިން ކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެ ހާދިސާ ތަހުގީގުކުރުމަށް ވެސް އެ ރަށަށް އެއްވެސް ފުލުހަކު ނާންނަ ކަމަށް އޭނާ ބުންޏެވެ.
ހޮސްޕިޓަލްގެ މުދާތައް ހުންނަ އިމާރާތުން އިއްޔެ ކުރި ވަށްކަމާއި އޭގެ ފަހުން ހިނގި މާރާމާރީ އަށް ފަހު ހުވަދޫ އޮންލައިންގެ ނޫސްވެރިން އެ އިމާރާތަށް ވަދެ، އެތަނުގެ ހާލަތު އޮތް ގޮތް ބެލި އެވެ.
"އެތަން މިހާރު އޮތީ ކުނި ގޮނޑެއް ހެން. އެތަނުގައި ހުރި އަގުބޮޑެތި ގިނަ މުދާތައް ވަނީ ގެންގޮސްފައި. އެންމެ ފަހުން އިއްޔެ އެތަނުން ވަގަށް ގެންދަން ނެރެފައި ހުރި ތަކެތީގެ ތެރޭގައި ހުރި ބޮޑެތި ހަތަރު ފޫޓް ހަފޫޓްގެ ގޮދަޑި ވެސް،" ވަށްކަން ކުރުން އާއްމުވެފައި އޮތް މިންވަރު ކިޔައިދެމުން އަހުތަރު ބުންޏެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ތިނަދޫގައި ހުންނަ ފުލުހުންގެ މައި މަރުކަޒު މިދިޔަ މަހުގެ އަށް ވަނަ ދުވަހު ރޯކޮށް، އަންދާލާފައިވާ ކަމަށާއި ތިނަދޫގައި ހުރީ އެ ސަރަހައްދުގައި ވެސް ހުރި ފުލުހުންގެ އެންމެ ރަނގަޅު ފެސިލިޓީ ހުރި އިމާރާތް ކަމުން، އެ އިމާރާތް ރޯކޮށްލުމުން އަދި އެ ރަށުގައި ފުލުހުން އަލުން ބައިތިއްބިފައި ނުވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ދުވަހަށް ފަހު ފުލުހުން ތިނަދު އަށް ދަނީ އެ ރަށުގައި ހިނގާ އެކިއެކި ހާދިސާތަކާ ގުޅިގެން އެ މައްސަލަތައް ބެލުމަށް ކަމަށެވެ. ނަމަވެސް ވަކިވަކިން ފުލުހުން ހާޒިރުވި، ނޫނީ އެޓެންޑްވި ކަންކަމުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.