19 Nov 2021, 13:43
އިސްލާމްދީނާ މެދު ދަރީންގެ ހިތްތަކުގައި ލޯބި ޖެއްސުވުމަކީ އެ ކުދީންގެ ބެލެނިވެރިންނާއި މުދައްރިސުންގެ ވާޖިބެއްކަމަށާއި އެ ކަން ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފިއެވެ.
އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަމުގެ މައްޗަށް މިއަދު އިއްވި ހުތުބާގައި ބުނީ އިސްލާމް ދީން ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެކުވެރިކަން ދަރީންނަށް ދަސްކޮށްދޭންޖެހޭކަމަށެވެ. އަދި އިސްލާމީ ސިފަތަކުގެ މަތީގައި ދަރިން ތަރުބިއްޔަތުކުރަން ޖެހޭކަމަށެވެ.
ހުކުުރު ހުތުބާގައި އެއްބައިވަންތަކަމަށް އަލި އަޅުވައިލަމުން ބުނީ އިސްލާމްދީން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެން ދިޔަ މައިގަނޑު ސަބަބަކީ އިސްލާމީ ވަހުދަތާއި އެއްބައިވަންތަކަން ކަމަށެވެ. އަދި މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ނެތިގެން ދިޔަ ހިސާބުން އިސްލާމިީ އުންމަތް އެކުގައި ނިކަމެތިވިގެން ދިޔަކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުސީބަތްތަކުން އަރައިގަނެވޭނީ އެއްބައިވަންތަވެގެން ކަމަށެވެ. އަދި އެ ގާބިލްކަން އިސްލާމީ އުންމަތުގެ އެއްބަނޑު އެއްބަފައިކަމުގައި ހުންނާނެކަމަށެވެ.
މިއަދުގެ ހުކުރު ހުތުބާގައިވަނީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމަށް ޓަކައި ކޮންމެހެން ކުރުން މުހިންމު ކަންތައްތަކުގެ މައްޗަށް ވެސް އަލި އަޅުވައިލައިފައެވެ. އެގޮތުން މުޖުތަމައު ތެރޭގައި އެކަކު އަނެކަކަށް އޯގާތެރިކަމާއެކު އަޅައިލައި، ހެޔޮކޮށް ކަންކުރުމަަށް ހުތުބާގައި ނަސޭހަތްތެރިވިއެވެ.
އެއާއެކު ރަނގަޅު ގޮތުގައި މުޖުތަމައު ބައްޓަން ކުރުމަށް މަސަައްކަތްކޮށްފިނަމަ މިއަދު ވެސް މުސްލިމުންގެ މެދުގައި އޮތް އެއްބައިވަންތަކަން ހަރުދަނާކޮށް ވަރުގަދަނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި ކީރިތި ގުރުއާނާއި ރަސޫލާގެ ހަޔާތްޕުޅުން ލިބިދޭ ފިލާވަޅުތަކުގައި ހިފައިގެން ކުރިއަށްދާނަމަ މުސްލިމުންގެ މެދުގައި އޮންނަ ވަހުދަތު ހަރުދަނާވާނެކަމަށް ވެސް ބުންޏެވެ.
މިއަދުގެ ހުކުރު ހުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލައިފައިވަނީ މުސްލިމުން އެއްބައިވަންތަވުމުގެ މައްޗަށެވެ. އަދި އެކަން ކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި ދުރުވާންޖެހޭ ސިފަތަކުގެ މައްޗަށެވެ.