19 Nov 2021, 10:44
މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގަށް އެ މަނިކުފާނު ބަޔާން ދެއްވައިފިއެވެ.
މި މައްސަލައިގައި ރައީސް ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ އެ މަނިކުފާނުގެ ކޮއްކޯފުޅު އަހްމަދު ނާޒިމް އަބްދުއްސައްތާރު "ސަން"އަށް ވިދާޅުވީ މި މައްސަަލައިގައި ރައީސް ނަޝީދު ދެއްވަން ބޭނުންފުޅުވާ ބަޔާނުގެ ޑްރާފްޓް މިހާރު ފުލުހުންނަށް ހުށަހަޅައިފައިވާކަަމަށެވެ.
ހަމަލާގެ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާން ހޯދުމަށް ފުލުހުން ވަނީ މީގެ ކުރިން މަސައްކަތްކޮށްފައެވެ. ނަމަވެސް އެއިރު ވެސް ފުލުހުންނަށް އެ މަނިކުފާނު ބަޔާން ދެއްވުމަށް ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ނުވަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.
އެ ނުވަ މީހުންނަކީ, ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދާއި, ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމާއި, ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާ, އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގެވެ. އަދި ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި އަދި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.
މުޖާޒުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.
ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.
އަދުހަމަށް ހަތަރު ދައުވާ އުފުލަން ނިންމި ނަމަވެސް އޭނާ އެއްބާރުލުން ދިނުމަށް ނިންމާފައިވުމުން އޭނާއަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.
އިސްހާގަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ, ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.
ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއެވެ.
އަލިމަނިކާއި ތަސްލީމްގެ މައްޗަށް ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.