ހެރީ ޕޮޓާ ސީރީސްގެ ފުރަތަމަ ފިލްމު ނެރުނުތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެޗްބީއޯ މެކްސްއިން ދައްކާ "ރިޓާން ޓު ހޮގްވަޓްސް" އިން އެ ފިލްމުގެ ގިނަ އަދަދެއްގެ ތަރިން ފެނިގެންދާނެ ކަމަށް އެޗްބީއޯއިން ބުނެފިއެވެ.

ރިޓާން ޓު ހޮގްވަޓްްސް ބެލުންތެރިންނާ ހަމައަށް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުއެވެ. އެއީ އާ އަހަރު ފުރުމުގެ މުނާސަބަތާއި ފިލްމަށް 20 އަހަރު ފުރުމުގެ މުނާސަބާތު އެއްކޮށް ފާހަގަކުރުމުގެ ބޭނުމުގައި ކަމަށް އެޗްބީއޯއިން ބުނެފައިވެއެވެ.

ނަމަވެސް، އެ ޓީވީ ސްޕެޝަލްގެ ތައްޔާރީތަކުގައި ހެރީ ޕޮޓާ ވާހަކަތައް ލިޔުނު ލިޔުންތެރިޔާ، ޖޭކޭ ރޯލިން ބައިވެރިވެފައެއްނުވެއެވެ.

މި ޚަބަރު ބެލުންތެރިންނަށް ދީފައިވަނީ ހެރީ ޕޮޓާގެ ފުރަތަމަ ފިލްމު ދެއްކިތާ 20 އަހަރު ފުރުނު ދުވަހުއެވެ. އެގޮތުން ހެރީ ޕޮޓާ އެންޑް ދަ ފިލޯސޮފާސް ސްޓޯން އެމެރިކާގައި ރިލީޒް ކުރީ 2001 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ހެރީ ޕޮޓާގެ ތަރި، އުމުރުން 31 އަހަރުގެ އެމާ ވެޓްސަން ވަނީ ފިލްމަށް 20 އަހަރުފުރުމުގެ މުނާސަބަތުގައި އިންސްޓަގްރާމްގައި ފިލްމާ ބެހޭގޮތުން އޭނާގެ އިހުސާސްތައް ހިމަނައި ދިގު ޕޯސްޓެއް ކޮށްފައެވެ. އަދި ޕޯސްޓުގައި އޭނާ ބުނެފައިވާ ގޮތުން ހެރީ ޕޮޓާގައި އޭނާ ކުޅުނު ރޯލަކީ މިހާތަނަށް އޭނާއަށް އެންމެ ކަމުދާ ރޯލެވެ. އަދި އޭނާ ބުނެފައިވަނީ އޭނާ ފަޚުރުވެރިވަނީ ހަމައެކަނި އެ ފިލްމް ކުޅުނު އެކްޓަރުންގެ ތެރޭގައި އޭނާ ހިމެނޭތީއެއްނޫނެވެ.

ހަމައެއާއެކު ފިލްމް ކުޅުނުއިރު ކުޑަކުދިންތަކެއްގޮތުގައި ތިބި ނަމަވެސް މިއަދާ ހަމައަށްވެސް އެދާއިރާގައި މަސައްކަތްކުރެވި، އެންމެން އެކުގައި އެކަކު އަނެކަކަށް ހިތްހެޔޮކަމާއެކު އެހީތެރިވެދެވޭތީ އޭނާ ވަރަށް ފަޚުރުވެރިވެއެވެ.

View this post on Instagram

A post shared by Emma Watson (@emmawatson)

މީގެ އިތުރުން ހެރީ ޕޮޓާގެ ރޯލު ކުޅުނު ޑެނިއެލް ރެޑްކްލިފް ބުނެފައިވަނީ ފިލްމަށް 20 އަހަރު ފުރިފައިވީ ނަމަވެސް ހެރީ ޕޮޓާއަކީ އަދިވެސް ކުޑަކުދިންނާއި ބޮޑެތިމީހުންގެ މެދުގައި މަގުބޫލޫ ފިލްމެެއްކަމަށެވެ.

ވަޓްސަން އާއި ރެޑްކްލިފްގެ އިތުރުން ރިޓާން ޓު ހޮގްވަޓްްސްއިން ފެނިގެންދާނެ އެހެން ތަރިންގެ ތެރޭގައި ރޮން ވީސްލީގެ ރޯލުން ފެނިގެންދިޔަ ރުޕަޓް ގްރިންޓް އަދި ޑްރޭކޯ މެލްފޯއިގެ ރޯލު ކުޅުނު ޓޮމް ފެލްޓަން ހިމެނެއެވެ.